ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ބޭރު ގައުމުތަކުން އައި ގާތްގަނޑަކަށް 20 މިލިއަން ހައްޖުވެރިންނާއި އުމްރާވެރިންނަށް މަރުހަބާ ކިޔާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.
ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީގެ ނޭޝަނަލް ސެންޓަރ ފޯ މެޝަރިންގ ގަވަރމަންޓް ޕާފޯމަންސް (އަދާ) އިން ބުނެފައިވަނީ 2025 ވަނަ އަހަރު ޖުމްލަ 19.5 މިލިއަން ބޭރުގެ ހައްޖުވެރިންނާއި އުމްރާވެރިން އެ ގައުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މި ޒިޔާރަތްތަކާ ގުޅޭގޮތުން އެ އިދާރާއިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒިޔާރަތްތެރިންނަށް ފޯރުކޮށްދެވުނު ހިދުމަތްތަކާ މެދު އެ ފަރާތްތަކުން ހިތްހަމަޖެހޭ މިންވަރު ވަނީ 90 އިންސައްތައަށް ވުރެ މަތީގައެވެ. މިއީ ސައުދީ ސަރުކާރުން ހައްޖާއި އުމްރާގެ އަޅުކަން ފަސޭހަކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ތަފްސީލީ ގޮތެއްގައި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ހައްޖުވެރިންނަށް ފޯރުކޮށްދެވުނު ހިދުމަތްތަކާ މެދު ހިތްހަމަޖެހޭ މިންވަރު 91 އިންސައްތައިގައި ހުރިއިރު، އުމްރާވެރިންގެ މެދުގައި މި ނިސްބަތް ހުރީ 94 އިންސައްތައިގައެވެ. މިއީ ހައްޖު ސާވިސް ޕްރޮގްރާމްގެ ދަށުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ނަތީޖާއެވެ.
މި ކާމިޔާބީއަކީ ހަރުދަނާ ރޭވުންތެރިކަމާއި އަމަލީ ގޮތުން އެޅުނު ފިޔަވަޅުތަކުގެ ފެންވަރު ރަނގަޅުވުމުގެ ހެއްކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއީ 60 އަށް ވުރެ ގިނަ ސަރުކާރުގެ އިދާރާތަކުން ގުޅިގެން، އެއްބާރުލުމާއެކު ފޯރުކޮށްދިން ފުރިހަމަ ހިދުމަތްތަކެއްގެ ނަތީޖާކަންވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.






