ޗައިނާގެ ޝައޮޒިންގް ޔުނިވަރސިޓީގެ ޗައިނާ-މިޑްލް އީސްޓް ސެންޓަރުގެ ޑައިރެކްޓަރު ޕްރޮފެސަރ ހޮންގްޑާ ފޭން ވިދާޅުވީ، އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއާއި އިސްރާއީލުން ދައްކަމުންދާ ވާހަކަތަކަކީ އިންސާނީ ހައްގުތަކަށް އޮތް ލޯތްބެއްގެ ސަބަބުން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އެގައުމަށް ސްޓްރެޓީޖިކް ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ކުރާ ކަމެއް ކަމަށެވެ.
އީރާން މިޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޕްރޮފެސަރ ފޭން ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު ހިނގި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނު ބޯލަންބުވަން މަޖުބޫރުކުރުމަށްޓަކައި ވޮޝިންގޓަނުން ދަނީ އެގައުމުގެ މުޒާހަރާތަކަށް ހިތްވަރުދީ، އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އަސްލު ބޭނުމަކީ އިސްރާއީލުގެ ސަލާމަތަށް ނުރައްކާ ނުކުރެވޭ ފަދަ، ބަލިކަށި އަދި އެމެރިކާ ބޭނުންވާ ގޮތަށް އަމަލުކުރާނެ އީރާނެއް އުފެއްދުން ކަމަށެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބޭނުންކުރާ ހަރުކަށި ބަސްމަގަކީ ގައުމުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަނުމަށް ބޭނުންކުރާ ހަތިޔާރުތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އިސްރާއީލުން އެމެރިކާއަށްވުރެ ވެސް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ކަމަށާއި، އީރާނުގައި ހިނގާ ކޮންމެ ހަމަނުޖެހުމަކީ ޒަޔަނިސްޓުންގެ ސަރަހައްދީ ވާދަވެރިޔާ ބަލިކަށިކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށް އިސްރާއީލުން ދެކޭ ކަމަށް ވިދާޅުވިއެވެ. މެދުއިރުމަތީގައި މިވަގުތު އޮތް އެންމެ ބޮޑު ކޮޅިގަނޑަކީ އީރާނާއި އިސްރާއީލުގެ މެދުގައި އޮތް ވާދަވެރިކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅަނގުގެ މީޑިއާއަށް ފާޑުވިދާޅުވަމުން ޕްރޮފެސަރ ވިދާޅުވީ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ބޭރުގެ ބާރުތަކުގެ އަތެއްވާކަން ފޮރުވައި، ހަމައެކަނި މުޒާހަރާތައް ދެއްކުމަކީ އެ މީޑިއާން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. މިއީ އެމެރިކާއާއި އިސްރާއީލުގެ ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށް ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސަރަހައްދީ ފެންވަރުގައި ޕްރޮފެސަރ ފޭން އިންޒާރު ދެއްވި ގޮތުގައި، އީރާނުގެ ދާޚިލީ ކަންކަމަށް ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުމަކީ މުޅި މެދުއިރުމަތީގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު، މިހާރުވެސް ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ގަލްފުގެ ގައުމުތަކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.






