އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދުގައި އޮންލައިން ގޭމް ކުޅުން މަނާކުރުމާ ގުޅިގެން އެއް އާއިލާއަކަށް ނިސްބަތްވާ ތިން އަންހެން ކޮއްކޮއަކު އިމާރާތެއްގެ ނުވަވަނަ ބުރިން ފުންމާލައި އަމިއްލައަށް މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަރުވެފައިވަނީ އުމުރުން 12 އަހަރުގެ ޕާކީ އާއި 14 އަހަރުގެ ޕްރާޗީގެ އިތުރުން 16 އަހަރުގެ ވައިޝިކާއެވެ.
މި ތިން ކުދިންނަކީ ކޮރެއާގެ އޮންލައިން ގޭމަކަށް ދެވިހިފާފައިވާ ތިން ކުދިންނެވެ.
އެ ގޭމްގެ ސަބަބުން މީގެ ދެ އަހަރު ކުރިން އެ ކުދިން ސްކޫލަށް ދިއުން ވެސް ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ކުދިން ގޭމަށް ދެވިހިފާފައިވާ މިންވަރު ބޮޑުކަމުން، އެ ކުދިންގެ ނަންތައް ވެސް ކޮރެއާ ނަންތަކަށް ބަދަލުކޮށްފައިވާ ކަމަށްވެއެވެ. މިކަމާ ގުޅިގެން މައިންބަފައިން އެ ކުދިން ގޭމް ކުޅުން މަނާކުރުމުން، ރޭގަނޑުގެ ވަގުތެއްގައި އެ ކުދިން ދިރިއުޅޭ އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވަނީ ފުންމާލާފައެވެ. ކުދިން ފުންމާލި އަޑަށް މައިންބަފައިން ކޮޓަރިއަށް ގޮސް ބެލިއިރު، ކޮޓަރީގެ ކުޑަދޮރު ހުރީ ހުޅުވާފައެވެ.
ފުލުހުން ކުރި ތަހުގީގުގައި އެ ކުދިންގެ ކޮޓަރިން ޑައިރީއެއް ފެނިފައިވެއެވެ. އެ ޑައިރީގައި އެ ކުދިންގެ ގޭމިން އަދި މޮބައިލް ހަރަކާތްތަކުގެ ތަފްސީލް ލިޔެފައިވެއެވެ. ޑައިރީގައި ލިޔެފައިވާ ނޯޓެއްގައި ބުނެފައިވަނީ،
”މި ޑައިރީގައި ލިޔެފައިވާ ހުރިހާ އެއްޗެއް ކިޔާށެވެ. އެއީ ތެދެކެވެ. ބައްޕާއެވެ، މާފުކުރާށެވެ. ކޮރެއާއަކީ އަހަރެމެންގެ ދިރިއުޅުމެވެ. ކޮރެއާއަކީ އަހަރެމެންގެ އެންމެ ބޮޑު ލޯތްބެވެ. ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެމެންނަށް އެކަން ދޫކޮށެއް ނުލެވޭނެއެވެ.“
މި ހާދިސާއާ ގުޅިގެން އެ ކުދިންގެ ބައްޕަ ރޮމުން ބުނެފައިވަނީ، މިއީ އެއްވެސް މައިންބަފައިންނަކަށް ނުވަތަ ކުއްޖަކަށް ދިމާވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
”މައިންބަފައިން އެމީހުންގެ ދަރިންނަށް ގޭމް ކުޅެން ދޫކޮށްލައިގެން ނުވާނެއެވެ. އަހަންނަށް މި ގޭމާ ބެހޭ އެއްވެސް މައުލޫމާތެއް ކުރިން އެނގިފައެއް ނެތެވެ. އެނގުނު ނަމަ ދުވަހަކުވެސް އެ ކުދިންނަށް އެ ގޭމް ކުޅެން ފުރުސަތެއް ނުދިނީމުހެވެ،“ އޭނާ ބުންޏެވެ.
މި ހާދިސާއަކީ އޮންލައިން ގޭމްތަކަށް ކުޑަކުދިން ދެވިހިފުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.
ވިސްނާލާށެވެ! ޣައްޒާގައި އެއޮތް ހިތްދަތި ކަމުގައި މީހުން އުޅޭ އިރު ދުވަހަކުވެސް ޣައްޒާއިން މީހަކު ދަންޖެހިގެން މަރުވި ވާހަކައެއް އަޑު އެހިން ހެއްޔެވެ؟






