އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރާއި ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރާ ދެމެދު އޮތް ތަރައްގީގެ ފަރަގު ބޮޑުވަމުންދާކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޖައްމޫ އެންޑް ކަޝްމީރުގައި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދުގައި ވަނީ އިދާރީ ގޮތުންނާއި ތަރައްގީގެ ގޮތުން މަޑުޖެހުމެއް އައިސްފައެވެ.
އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލުމާ ގުޅިގެން، ޖައްމޫ އެންޑް ކަޝްމީރުގައި މަރުކަޒީ ސަރުކާރުގެ މަޝްރޫއުތައް ތަންފީޒުކުރުން ވަނީ އަވަސްކޮށްފައެވެ. މީގެ ތެރޭގައި ޗެނާބް ރޭލްވޭ ބްރިޖާއި، ޒޯޖިލާ ޓަނަލް އަދި އުދަމްޕޫރު-ސްރީނަގަރު-ބާރަމުލާ ރޭލް ލިންކް ފަދަ އުމްރާނީ ތަރައްގީގެ މުހިންމު މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ޑިޖިޓަލް ކަނެކްޓިވިޓީއާއި، ފެނުގެ ނިޒާމާއި، ސިއްހީ ހިދުމަތްތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، 2021 ވަނަ އަހަރުގެ އާ އިންޑަސްޓްރިއަލް ޕޮލިސީއާއެކު ޖައްމޫ އެންޑް ކަޝްމީރުގެ ސިނާއީ ދާއިރާއަށް ވަނީ ދިރުން ލިބިފައެވެ. ފަތުރުވެރިކަމާއި ހައިޑްރޯޕަވަރު މަޝްރޫއުތަކުގެ އިތުރުން، ބައެއް ސަރަހައްދުން ފެނިފައިވާ ލިތިއަމް ރިޒާވްގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ޕާކިސްތާނާވީ ކަޝްމީރު ގައި އިންވެސްޓްމަންޓްތައް މަދުވުމާއި، ހަކަތައިގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ޖައްމޫ އެންޑް ކަޝްމީރުގެ 2025-26 ވަނަ އަހަރުގެ ތަރައްގީގެ ބަޖެޓަކީ 12.9 ބިލިއަން ޑޮލަރެވެ. މިއީ ޕާކިސްތާންގެ ކަޝްމިރު ނޫނީ އާޒަދު ކަޝްމިރުގެ 1.77 ބިލިއަން ޑޮލަރުގެ ބަޖެޓާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. މީގެ އިތުރުން، ބޮލަކަށް ޖެހޭ ހޭދަވެސް ޖައްމޫ އެންޑް ކަޝްމީރުގައި ތިން ގުނަ އިތުރެވެ. ސިއްހީ ދާއިރާއިން ވެސް ޕާކިސްތާން ކަޝްމިރުގައި ޑޮކްޓަރުންނާއި ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް ބޮޑުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ގޮތުން ބަލާއިރު، ޑިމޮކްރެޓިކް ނިޒާމެއް ނެތުމާއި، ގާނޫނީ ހިމާޔަތް ކުޑަވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ސަރަހައްދުގައި ސިޔާސީ ފިއްތުންތަކާއި، މީހުން ގެއްލުވާލުމާއި، މަދަނީ މިނިވަންކަމަށް ހުރަސްއެޅުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.






