ދުނިޔޭގައި މިހާތަނަށް ދައްކާލާފައިވާ އެންމެ ބޮޑު މުސްހަފް، ސައުދީ އަރަބިއްޔާގެ މައްކާ މިއުޒިއަމްގައި ދައްކާލައިފިއެވެ. ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުސްހަފްގެ ބޮޑުމިނަކީ 312 ސެންޓިމީޓަރު ގުނަ 220 ސެންޓިމީޓަރެވެ. ޖުމްލަ 700 ސަފްހާގެ މައްޗަށް އެކުލެވޭ މި މުސްހަފާއެކު، އެ މިއުޒިއަމަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު މުސްހަފް ދައްކާލުމުގެ ޝަރަފާއެކު ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ލިބިފައެވެ.
މި މުސްހަފަކީ 16 ވަނަ ގަރުނުގެ ތާރީޚީ މުސްހަފެއްގެ ބޮޑުކޮށްފައިވާ ކޮޕީއެކެވެ. އެސްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި މުސްހަފްގެ އަސްލު ކޮޕީގެ ބޮޑުމިނަކީ 45 ސެންޓިމީޓަރު ގުނަ 30 ސެންޓިމީޓަރެވެ. މި މުސްހަފްގެ ބޮޑުބައި ލިޔެފައިވަނީ ސުލުސު ޚަތުން ކަމަށްވާއިރު، ސޫރަތުލް ފާތިހާ ލިޔެފައިވަނީ ނަސްޚު ޚަތުންނެވެ. މިއީ އެ ޒަމާނުގެ ފަންނުވެރިކަމާއި ލިޔުންތެރިކަމުގެ މުއްސަނދިކަން ދައްކުވައިދޭ ކަމެކެވެ.
މި މުސްހަފަކީ އަރަބި ކެލިގްރަފީ އާއި، ރަންގު ކުރުމާއި، ފޮތް ހަންޖެހުމުގެ ފަންނުގެ ތަފާތު ނަމޫނާއެކެވެ. އިސްލާމީ ފަންނުވެރިކަން ދައްކުވައިދޭ ގޮތަށް މުސްހަފްގެ ފެށޭ ސަފްހާތަކާއި ސޫރަތްތައް ވަނީ ވަރަށް ފުރިހަމައަށް ފަރުމާކޮށް ޒީނަތްތެރިކޮށްފައެވެ. މީގެ ތެރޭގައި އިރުގެ ބައްޓަމަށް ހުންނަ ކުރެހުންތަކާއި، ފަންނުވެރިކަމުގެ މަތީ ދަރަޖައެއް ދައްކުވައިދޭ ގިނަގުނަ ޑިޒައިންތައް ހިމެނެއެވެ.
މި މުސްހަފަކީ 1883 ވަނަ އަހަރު ވަގުފް ކުރެވިފައިވާ މުސްހަފެކެވެ. މީގެ އަސްލު ކޮޕީ މިހާރު ރައްކާތެރިކަމާއެކު ބެލެހެއްޓެމުން ދަނީ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޯ އެންޑޯމަންޓް ލައިބްރަރީގައެވެ.






