މުސްލިމުންނަށް ޖާސޫސްކުރި ނެދަލޭންޑްސްގެ 10 މުނިސިޕަލިޓީއެއް ޖޫރިމަނާކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 6, 2026

ނެދަލޭންޑްސްގެ މުސްލިމް މުޖުތަމަޢުތަކުގެ މީހުންނަށް ނޭނގި އެމީހުންގެ ޒާތީ މަޢުލޫމާތަށ ޖާސޫސްކޮށް، ދިރާސާތައް ކުރި މައްސަލައެއްގައި އެ ޤައުމުގެ 10 މުނިސިޕަލިޓީއެއް ޖޫރިމަނާކޮށްފިއެވެ. ނެދަލޭންޑްސްގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ (އޭޕީ) އިން މި ފިޔަވަޅު އަޅާފައިވަނީ ޕްރައިވެސީ ޤާނޫނުތަކާ ޚިލާފަށް ސިއްރުން މަޢުލޫމާތު އެއްކޮށްފައިވާތީއެވެ.

މި މުނިސިޕަލިޓީތަކުން ސިއްރުން ދިރާސާތައް ހަވާލުކޮށް، މުސްލިމް ރައްޔިތުންގެ ނާޒުކު މަޢުލޫމާތުތައް ހިމެނޭ ފައިލްތައް ބަލަހައްޓާފައިވާކަން ފުރަތަމަ ފަޅާއެރީ 2021 ވަނަ އަހަރުއެވެ. މި ތަޙުޤީޤުތައް ފަށާފައިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި ދާއިޝްގެ ނުފޫޒާ ގުޅިގެން ހަރުކަށި ފިކުރު ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭޕީން ފާހަގަކުރި ގޮތުގައި، ހަރުކަށި ފިކުރު ހުއްޓުވުމަށް ސަރުކާރާއި ކައުންޓަރ ޓެރަރިޒަމް އެޖެންސީ (އެންސީޓީވީ) އިން ދިން އިރުޝާދާ އެކު، މި މުނިސިޕަލިޓީތަކުން ވަނީ ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް މުސްލިމުންގެ މަޢުލޫމާތު އެއްކޮށްފައެވެ. އޭގެ ތެރޭގައި މިސްކިތްތަކުގެ އޮނިގަނޑާއި، މުޖުތަމަޢުގެ އިސް ފަރާތްތަކުގެ މަޢުލޫމާތު ހިމެނެއެވެ.

އެއްކުރި މަޢުލޫމާތުތަކުގެ ތެރޭގައި މީހުންގެ ދީނީ އަޤީދާއާއި، އިސްލާމްދީނުގެ ކޮން މަޒްހަބަކަށް ނިސްބަތްވާކަން ފަދަ ތަފްސީލުތައް ހިމެނެއެވެ. ބައެއް ރިޕޯޓުތަކުގައި މީހުންގެ ނަމާއި، ފޮޓޯއާއި، އާއިލީ ތަފްސީލުގެ އިތުރުން މިސްކިތްތަކުގެ އެތެރޭގެ ހިންގުމާ ބެހޭ މަޢުލޫމާތު ވެސް ހިމަނާފައިވެއެވެ. މި މަޢުލޫމާތުތައް ފުލުހުންނާއި، އެންސީޓީވީ އަދި ސޯޝަލް އެފެއާޒް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށްވެއެވެ.

އޭޕީގެ ޗެއަރމަން އަލެއިޑް ވޯލްފްސަން ވިދާޅުވީ، ”މި މަޢުލޫމާތުތައް ހޯދުމުގެ އެއްވެސް ޤާނޫނީ ބިންގަލެއް މުނިސިޕަލިޓީތަކަކަށް ނެތް. މީގެ ސަބަބުން އެތައް ބައެއްގެ ޕްރައިވެސީއަށް ވަނީ ވަރަށް ބޮޑަށް އަރައިގަނެވިފައި،“ ކަމަށެވެ. އަދި މީގެ ސަބަބުން މުނިސިޕަލިޓީތަކަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ޖޫރިމަނާކުރި ރަށްތަކުގެ ތެރޭގައި ޑެލްފްޓް، އީންދޯވަން، އަދި ހިލްވަރސަމް ފަދަ ސިޓީތައް ހިމެނެއެވެ. މުނިސިޕަލިޓީތަކުން ޖޫރިމަނާ ގަބޫލުކޮށްފައިވާއިރު، ޑެލްފްޓް ސިޓީން ވަނީ މިކަމާ ގުޅިގެން އެ ސިޓީގެ މުސްލިމް ޖަމާޢަތްތަކުގެ ކިބައިން މާފަށް އެދިފައެވެ.

މި ލިޔުމާ ގުޅޭ