ގާޒީން ހުކުމް ކުރާ ގޮތުންނާއި ކޯޓު ރޫމުގައި އަމަލުތައް ބަހައްޓާ ގޮތުން މީހުންގެ މެދުގައި ފާހަގަ ކުރެވޭ ޝަޚުސިއްޔަތަކަށް ވެދެއެވެ. އެފަދ ގާޒީންނަށް ބޭނުން ކުރާ މަޖާޒީ ނަންތަކެއްވެސް ހުރެއެވެ. މިސާލަކަށް ހުކުމް ކުރުމުގައި އިންތިހާއަށް ލަސް ގާޒީއެއް ނަމަ ”ޕެންޓިއަމް“ގެ ލަގަބުން މުޚާތަބު ކުރެވެއެވެ. އަދި ނިއްކުރީގައި ބޮޑު ކުރަގަނޑެއް ހުރުމުން ”ޑޮޓް ޖަޖް“ގެ ނަމުން ގޮވާލެވެއެވެ. މިސްރުގައި މީހުން ދަންޖެއްސުމަށް މަޝްހޫރު ވެފައިވާ ގާޒީއެއް އުޅުނެވެ. އޭނާއަށް މީހުން ކިޔައި އުޅެނީ ”ކަޅު އައިނު އެޅި ގާޒީ“ ކަމަށެވެ. އޭނާ ދިރިއުޅުނީ އިއްޔެ، ބުރާސްފަތި ދުވަހާ ހަމައަށެވެ. އޭނާ މަރު ގެންނެވުމަށްފަހު ހުކުރު ނަމާދަށްފަހު ވަނީ ވަޅުލާފައެވެ.
މި ކަޅު އައިނު ގާޒީއަށް މީހުން އެހެން ނަމަކުންވެސް ކިޔައި އުޅުނެވެ. އެއީ ”ދަންޖައްސާ ގާޒީ“ ގެ ނަމުންނެވެ.
އޭނާއަކީ ސީސީގެ ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ކޮށްދިނުމުގައި މަޝްހޫރު މީހެކެވެ. ގަނޑުކޮށް އޭނާގެ ކުރިމައްޗަށް ހުށަހެޅޭ މުއްތަހަމުންނަށް ތިން ވަނަ ގޮތެއް ނޯވެއެވެ. ޔައުނީ، ބަރީއަ ވުމަށް ފުރުސަތެއް ނޯންނާނެއެވެ. ”ދަން ޖައްސާ ގާޒީ“ ގެ މިޒާޖުގައި ތެޔޮ ދަމާފައި ހުރި ދުވަހެއްނަމަ މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބޭނެއެވެ. ނޫންނަމަ ލިބޭނީ ދަންޖެއްސުމުގެ ހުކުމެކެވެ.
މިސްރުގެ ގާޒީ މުހައްމަދު ނާޖީ ޝަހާތާގެ ޖަނާޒާ އޮތީ މިއަދު ޖީޒާގެ މަސްޖިދު މުސްތަފާ މަހުމޫދުގައެވެ. މައި، ބޮޑު މިސްކިތެއްގައި ޖަނާޒާ ނަމާދު ބޭއްވިއިރު، ދަން ޖައްސާ ގާޒީގެ ޖަނާޒާ ނަމާދުގައި ބައިވެރިވީ ސަރުކާރަށް ތާއީދު ކުރާ މަދު ވަކީލުން ކޮޅަކާއި ސީސީއަށް ހުކުމް ލިޔެ ދޭ ގާޒީންގެ މަދު ބަޔަކެވެ.
އެހެން މީހުން ފަހަތުގައި ކުޅި ބަލަން ތިއްބެވެ.

މި ޝަހާތާ ގާޒީއަކީ 2013 ވަނަ އަހަރުގެ ފަހުން މިސްރުގައި ހިނގި ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ސަރުކާރުން ދަންޖައްސަން ބޭނުންވި މީހުންނާއި އުމުރަށް ޖަލަށް ލާން ބޭނުންވި މީހުންނަށް ހުކުމް ޖަހައި ދިން ގާޒީއެވެ.
ޝަހާތާ ގާޒީ މަރުވިކަން އެނގުމުން އާންމުން ވަނީ މީސްމީޑިއާގައި އުފާފާޅުކޮށް ފައެވެ. އަދި އޭނާގެ އަމަލުގެ ފެންވަރާއި މަގާމާ ގުޅޭ ގޮތަށް އެދުނިޔޭގައި އޭނާއަށް މަރުހަބާ ކިޔުމަށް އެދި މީހުންވަނީ ދުއާކޮށް ފައެވެ.
އެކްޓިވިސްޓުން ބުނަނީ ދަންޖައްސާ ގާޒީ ވަނީ ކެރިއަރުގައި ޖުމްލަ 266 މީހުންނަށް ދަންޖެއްސުމުގެ ހުކުމް އިއްވާފައވެ. ދަންޖައްސާ ގާޒީގެ އެންމެ ބޮޑު ހަތުރުންނަކީ އިސްލާމީ ފިކުރުގެ މީހުންނެވެ. އިޚުވާނުލްމުސްލިމޫންގެ ގިނަ ބަޔަކަށް ނުހައްގުން ދަންޖެއްސުމަށް ހުކުމް ކުރުމުގެ ފާފަ އޭނާއަށް ލިޔުއްވާފައިވާ ކަމަށްވެސް ބުނެތެވެ.
ޝަހާތާ ގާޒީގެ ކޯޓުގައި ބިރު ކުޑަ މީހުން އޭނާއަށް އާޚިރަތް ދުވަސް މަތިން ހަނދާންކޮށްދޭން މަސައްކަތް ކޮށްފައި ވެއެވެ. އެފަދަ މީހުންނާ ދިމާއަށް އޭނާ ބުނެފައި ވަނީ އެއީ ”ވައްވައްޖަހާ ކުއްތާތަކެއް“ ކަމަށެވެ.






