ޖެފްރީ އެޕްސްޓީންގެ މަރުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް، އެޕްސްޓީންގެ ކޮއްކޮ މާކް އެޕްސްޓީން އެފްބީއައި އަށް މައުލޫމާތު ހިއްސާކޮށްފައިވާކަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން އާންމުކުރި ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.
އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މާކް އެޕްސްޓީން މި ތުހުމަތުތައް ހިމެނޭ އޮންލައިން ޓިޕް އެފްބީއައި އަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެފްބީއައިގެ ނޭޝަނަލް ތްރެޓް އޮޕަރޭޝަންސް ސެންޓަރު މެދުވެރިކޮށް ފޮނުވި މި އީމެއިލްގައި، ޖެފްރީ އެޕްސްޓީން މަރުވީ އަމިއްލައަށް ނޫން ކަމަށާއި، އެއީ ޓްރަމްޕްގެ އަމުރަށް ހިންގި މަރެއް ކަމަށް މާކް ވަނީ ބުނެފައެވެ.
މާކް އެޕްސްޓީން ”ދަ އިންޑިޕެންޑެންޓް“ ނޫހަށް ދިން އިންޓަވިއުއެއްގައި ވަނީ އެފްބީއައި އަށް އެ މައުލޫމާތު ފޮނުވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެ މައްސަލައިގައި އެއްވެސް ތަހުގީގީ އިދާރާއަކުން އޭނާއާ މިހާތަނަށް ގުޅާފައިނުވާ ކަމަށް އޭނާ ބުންޏެވެ. ޖެފްރީ އެޕްސްޓީން މަރުވީ ނިއުޔޯކްގެ މެޓްރޯޕޮލިޓަން ކަރެކްޝަނަލް ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.
މިކަމާ ގުޅިގެން ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ އެޕްސްޓީންއާ ގުޅޭ ތިން މިލިއަނަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތައް އާންމުކޮށްފައިވާ އިރު، އޭގެ ތެރޭގައި އާންމުންގެ ފަރާތުން ލިބިފައިވާ ސައްހަ ނޫން އަދި ހަގީގަތާ ޚިލާފު މައުލޫމާތުތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި ޓްރަމްޕާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކަކީ ”އަސާސެއް ނެތް ދޮގު ވާހަކަތަކެއް“ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ޖެފްރީ އެޕްސްޓީން މަރުވީ އަމިއްލައަށް ކަމަށް ރަސްމީ އިދާރާތަކުން ނިންމާފައިވީ ނަމަވެސް، މާކް އެޕްސްޓީން ތަކުރާރުކޮށް ބުނަމުންދަނީ އޭނާގެ ބޭބެ މަރާލީ ކަމަށެވެ. އޭނާ ބުނާ ގޮތުގައި ޖެފްރީގެ އަތުގައި ދުނިޔޭގެ ނުފޫޒުގަދަ މީހުންގެ ސިއްރު މައުލޫމާތުތައް ހުއްޓެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.






