ދުނިޔޭގެ އިގުތިސާދީ ނިޒާމަށް އަންނަ ބަދަލުތަކާއެކު އިންޑިއާއަކީ އިތުބާރު ހުރި ބައިވެރިއެއް: މޯދީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 9, 2026

ދުނިޔޭގެ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތަކާއެކު، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުން އިންޑިއާއަކީ އިތުބާރު ހުރި ވިޔަފާރި ބައިވެރިއެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ރާޖްޔާ ސަބާގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ދުނިޔޭގެ މަސްރަހު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި، އެކުވެރި ގައުމުތަކާއެކު ދުނިޔޭގެ ސަލާމަތަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިންޑިއާއަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ.

ބޮޑުވަޒީރު މޯދީ ވަނީ މި ފަހަކަށް އައިސް އިންޑިއާއިން ސޮއިކޮށްފައިވާ މުހިންމު ވިޔަފާރީގެ އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި އެމެރިކާއާއެކު ވެވުނު އާ އެއްބަސްވުމާއި، ޔޫރަޕްގެ 27 ގައުމު ހިމެނޭ އިއްތިހާދާއެކު ވެވުނު ”މަދަރ އޮފް އޯލް ޑީލްސް“ ފާހަގަކުރެއްވިއެވެ. ފާއިތުވި މަސްތަކުގައި ޖުމްލަ ބޮޑު 9 އެއްބަސްވުމެއް ނިންމާފައިވާއިރު، މިއީ އިންޑިއާގެ އިގުތިސާދީ ބާރުވެރިކަމަށް ދުނިޔޭގެ ސަމާލުކަން ލިބެމުންދާ ކަމުގެ ހެއްކެއް ކަމަށް  ވިދާޅުވިއެވެ.

އިންޑިއާއަކީ މިހާރުވެސް ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގުތިސާދެވެ. ލަފާކުރެވޭ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އިންޑިއާ ވެގެންދާނީ 7.3 ޓްރިލިއަން ޑޮލަރުގެ ޖީޑީޕީއަކާއެކު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސާދަށެވެ. މޯދީ ވިދާޅުވީ އިންޑިއާގެ އާބާދީގެ 65 އިންސައްތައަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށްވުމީ ގައުމުގެ ހަލުވި ތަރައްގީއަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

އައިއެމްއެފްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރު ދުނިޔޭގެ ހަގީގީ ޖީޑީޕީ ކުރިއެރުވުމުގައި އެންމެ ބޮޑު ހިއްސާއެއްވާނީ އިންޑިއާ އާއި ޗައިނާއެވެ.

  • އިންޑިއާގެ އިގުތިސާދު 2026 ވަނަ މާލީ އަހަރު 7.4 އިންސައްތައިގައި ކުރިއަރާނެ އެވެ.
  • 2027 ވަނަ އަހަރު މި އަދަދު ހުންނާނީ 6.8 އާއި 7.2 އިންސައްތައާ ދެމެދުގައެވެ.
  • ކްރިޓިކަލް މިނަރަލްސް ފަދަ  މުހިންމު ދާއިރާތަކުން އިންޑިއާ ދަނީ ބާރުވެރިވަމުންނެވެ.

ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ”ނޭޝަނަލް ކްރިޓިކަލް މިނަރަލްސް މިޝަން“ މެދުވެރިކޮށް އިންޑިއާއިން ދަނީ ސަޕްލައި ޗެއިން ވަރުގަދަކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ އިންވެސްޓްމަންޓްތައް ވެސް ވަނީ އިތުރުވެފައެވެ.

2025 ވަނަ އަހަރުގެ އޭޕްރީލް އިން ނޮވެމްބަރަށް 64.7 ބިލިއަން ޑޮލަރުގެ އެފްޑީއައި އިންޑިއާއަށް ވަދެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.9 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މި ލިޔުމާ ގުޅޭ