"ގިޔާމަތާ ހަމައަށްވެސް ބާބަރީ މިސްކިތް އަލުން ބިނާއެއް ނުކުރެވޭނެ" އިންޑިއާގެ ޔޯގީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 10, 2026

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު، ބާބަރީ މިސްކިތް ދުވަހަކުވެސް އެޅިޔަ ނުދޭނެ ކަމަށް ބުނެ  ދެއްކި ހަރުކަށި ވާހަކަތަކަކާ ގުޅިގެން މުސްލިމް ޖަމާއަތްތަކުގެ ބޮޑު ނުރުހުމެއް އޭނާއަށް އަމާޒުވެއްޖެއެވެ. ބަރަބަންކީގައި އަންގާރަ ދުވަހު ބޭއްވި އާންމު ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޔޯގީ ބުނީ ”ގިޔާމަތާ ހަމައަށްވެސް ބާބަރީ މިސްކިތް އަލުން ބިނާއެއް ނުކުރެވޭނެ“ ކަމަށެވެ.

ޔޯގީގެ މި ވާހަކަތަކަކީ އަޔޯދިޔާގައި ފައްޅި ބިނާކުރުމަކީ ބީޖޭޕީގެ ވައުދެއް ފުއްދުން ކަމަށް ސިފަކޮށް ދެއްކި ވާހަކަތަކެކެވެ. އޭނާ ބުނިގޮތުގައި މިސްކިތް އަލުން ބިނާކުރާނެ ކަމަށް އުއްމީދުކޮށްގެން ތިބި މީހުން އިންތިޒާރު ކުރަމުންދަނީ ދުވަހަކުވެސް ނާންނާނެ ދުވަހަކަށެވެ. މި ވާހަކަތަކުގެ ސަބަބުން އިންޑިއާގެ މުސްލިމުންނާއި އެހެނިހެން މައިނޯރިޓީ ގްރޫޕްތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.

ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔޯގީގެ ސަރުކާރުން ދަނީ މުސްލިމުންނަށް އަމާޒުކޮށް އިސްލާމޯފޯބިއާއާއި ތަފާތުކުރުންތަކެއް ގެންގުޅެމުންނެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު ތައާރަފްކުރި ”އެންޓި-ކޮންވާޝަން ލޯ“ ނުވަތަ ދީން ބަދަލުކުރުން މަނާކުރާ ގާނޫނު ހިމެނެއެވެ. ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މުސްލިމުންނާއި ކްރިސްޓިއަނުންނަށް އަމާޒުކޮށް ދަނީ ފިޔަވަޅު އަޅަމުންނެވެ.

މީގެ އިތުރުން، ”ލަވް ޖިހާދު“ ގެ ނަމުގައި މުސްލިމް ފިރިހެނުން ހިންދޫ އަންހެނުންނާ ކައިވެނިކޮށް ދީން ބަދަލުކުރުވަން އުޅޭ ކަމަށް ބުނެ ބީޖޭޕީގެ ލީޑަރުން ދައްކާ ވާހަކަތަކަކީވެސް މުޖުތަމައު ބައިބައިކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފު އިމާރާތްތައް ކަމަށް ބުނެ މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް މުތަޅާލުމުގެ ހަރަކާތްތަކެއްވެސް ވަނީ ހިންގާފައެވެ.

ނޭޝަނަލް ސެކިއުރިޓީ އެކްޓް ފަދަ ހަރުކަށި ގާނޫނުތައް މުސްލިމް ލީޑަރުންނާ ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނެތި ބޭނުންކުރާ ކަމުގެ ޝަކުވާތައްވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް ބީޖޭޕީގެ ތަރުޖަމާނު މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ. އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި އުފެދެމުންދާ މުސްލިމުންނާ މެދު ހަތުރުވެރިކަން ދަނީ އިތުރުވަމުންނެވެ. ޔޯގީގެ ވާހަކަތަކަކީ ހަރުކަށި ހިންދޫ ނޭޝަނަލިޒަމް ކުރިއަރުވައި، މުސްލިމުން ބާކީކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މި ލިޔުމާ ގުޅޭ