ދުނިޔޭގެ ރަނުގެ ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި އޮތް ދުބާއީގެ މަގާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މުޅިން އަލަށް ތަރައްގީކުރާ ”ދުބާއީ ގޯލްޑް ޑިސްޓްރިކްޓް“ އާއި ދުނިޔޭގެ ފުރަތަމަ ”ރަން ހިނގުން“ (ގޯލްޑް ސްޓްރީޓް) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ދުބާއީގެ ދޭރާ ސަރަހައްދުގައި ގާއިމުކުރާ މި މަގަކީ މުޅިން ރަނުން ފަރުމާކޮށްގެން ހަދާ މަގަކަށް ވާއިރު، މިއީ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބޭނެ ތަނަކަށް ވާނެ ކަމަށް ބުނެއެވެ. މި މަޝްރޫއަކީ ދުބާއީގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މި އާ ޑިސްޓްރިކްޓްގައި ރަނާއި ގަހަނާގެ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ އިތުރުން، އިންވެސްޓްމަންޓްގެ ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެއެވެ. މީގެ ސަބަބުން ރަނުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރުގަދަ ނިޒާމެއް ގާއިމުވެގެންދާނެއެވެ.
މި ސަރަހައްދުގައި 1،000 އަށްވުރެ ގިނަ ރީޓެއިލް ފިހާރަ ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ”ސިޓީ އޮފް ގޯލްޑް“ ނުވަތަ ރަނުގެ ސިޓީގެ ގޮތުގައި ދުބާއީއަށް ލިބިފައިވާ ނަމަށް ލިބޭ އިތުރު ފުރިހަމަކަމެކެވެ. ގޯލްޑް ސްޓްރީޓްގެ ޕްލޭންތަކާއި، ފަރުމާ އަދި އެ މަގު ހުންނާނެ ސީދާ ތަން ހާމަކުރަމުންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ޔޫއޭއީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ”ގޯލްޑް ޑިސްޓްރިކްޓާއި ގޯލްޑް ސްޓްރީޓުން ރަމްޒުކޮށްދެނީ ދުބާއީގެ ވިޔަފާރީގެ ތާރީހާއި، ދުނިޔޭގެ ރަނުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ދުބާއީ އޮތް މިންވަރު“ ކަމަށެވެ.






