އެއަރ އިންޑިއާގެ ބޯޓު ވައްޓާލީ ގަސްތުގައި ކަމަށް ތަހުގީގަށް ހާމަވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 12, 2026

އަހުމަދުއާބާދުގައި ހިނގި އެއަރ އިންޑިއާގެ މަތިންދާބޯޓު އެކްސިޑެންޓަކީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ތަހުގީގުން ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިޓަލީގެ ނޫހެއް ކަމަށްވާ ކޮރިއޭރޭ ޑެލާ ސެރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއަކީ ބޯޓުގެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ސުވިޗު ގަސްތުގައި ނިވާލުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ.

2025 ޖޫން 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި ބޯޓު ވެއްޓުނީ އަހުމަދުއާބާދު އެއާޕޯޓުން ފުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި  ޖުމްލަ 260 މީހުން މަރުވިއެވެ. މި ހާދިސާއިން ސަލާމަތްވީ އެންމެ ފަސިންޖަރެކެވެ.

ތަހުގީގަށް ލިބިފައިވާ ކޮކްޕިޓް ވޮއިސް ރެކޯޑިންގްތަކުން އެނގޭ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުރިން އެއް ޕައިލެޓަކު އަނެއް ޕައިލެޓަކާ ސުވާލުކޮށްފައިވެއެވެ. އެގޮތުން ”ކީއްވެ ތެޔޮ ކަނޑާލީ؟“ އެއް ޕައިލެޓަކު އެހުމުން، އަނެއް ޕައިލެޓް ވަނީ ”އަހަރެން ކުރިމަކެއްނޫ ން“ އޭ ބުނެފައެވެ. ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކުން މިހާރު ގަބޫލުކުރަނީ އިންޖީނުގެ ފިއުލް ކޮންޓްރޯލް ސުވިޗުތައް ނިވާލީ ގަސްތުގައި ކަމަށެވެ.

މި ހާދިސާގައި ބޯޓުގެ ކޮމާންޑަރަކަށް ހުރީ ކެޕްޓަން ސުމީތު ސަބަރްވާލް އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާއަކީ ޑިޕްރެޝަން ނުވަތަ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. ނަމަވެސް ސުމީތުގެ ބައްޕަ ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ކައިވެނި ރޫޅުމާއި އެހެނިހެން އަމިއްލަ ކަންކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.

އެމެރިކާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ތަހުގީގުގެ ފައިނަލް ރިޕޯޓު ވަރަށް އަވަހަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ރިޕޯޓުގައި ޕައިލެޓުންގެ ނަފްސާނީ ދުޅަހެޔޮކަން ދާއިމީ ގޮތެއްގައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ލަފާދޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން ރަސްމީ ރިޕޯޓު ނެރުމުގެ ކުރިން ވަކި އެއްޗެއް ބުނަން އަވަސް ނަމަވެސް، މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ބޯޓު ވެއްޓުނީ އިންސާނީ އަމަލަކުންކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

މި ލިޔުމާ ގުޅޭ