އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ޒިޔާރަތާ ދެކޮޅަށް، އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި މުޒާހަރާތަކެއް ބާއްވައިފިއެވެ. މި މުޒާހަރާތަކުގައި އެމެރިކާގެ ރައްޔިތުންނާއި، އަރަބިންނާއި، ޔަހޫދީންގެ އިތުރުން ބުދިސްޓު ހާމުދުރުން ވެސް ބައިވެރިވެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ ޣައްޒާ ހިފުމަށް ބޭއްވި ސައްލާ ބައްދަލު ކުރި ވަގުތާ ދިމާކޮށް ވައިޓް ހައުސް ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިހުތިޖާޖުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނަތަންޔާހޫއަކީ ”ހަނގުރާމައިގެ ކުށްވެރިއެއް“ ކަމަށް ސިފަކޮށް، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތައް ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް ހަނގުރާމައެއް ނުފެށުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
ޒަޔަނިޒަމާ ދެކޮޅު ޔަހޫދީ ޖަމާއަތެއް ކަމަށްވާ ”ނަޓޫރީ ކާޓާ“ ގެ ފަރާތުން ވާހަކަދައްކަވަމުން ފާދިރީ ރަބައި ޑޭވިޑް ފީލްޑްމަން ވިދާޅުވީ، ”އަޅުގަނޑުމެން މިތަނަށް މިއައީ ނަތަންޔާހޫ ހަނގުރާމައަށް ހިތްވަރުދީ އީރާނާއެކު ކުރިމަތިލުމަކަށް ދިއުމަށް ކުރާ މަސައްކަތާ ދެކޮޅު ހެދުމަށް“ ކަމަށެވެ. އޭނާ ވަނީ ނަތަންޔާހޫގެ ހަރުކަށި ސިޔާސަތުތަކަށް ތަބާނުވުމަށް ރައީސް ޓްރަމްޕަށް ގޮވާލައްވާފައެވެ.
މި މުޒާހަރާތަކުގެ ތެރެއިން، ސުލްހައަށް ގޮވާލައި 2300 މޭލުގެ ދިގު ދަތުރެއް ކުރުމަށްފަހު ބުދިސްޓު ހާމުދުރުންގެ ގްރޫޕެއް ވެސް ވަނީ ވޮޝިންޓަނަށް އައިސްފައެވެ. އަދި ހަމައެއާއެކު، ޓްރަމްޕްގެ ސަރުކާރުން ހިޖުރަވެރިންނާ މެދު ގެންގުޅޭ ޓެރަރިސްޓް ސިޔާސަތުތަކާ ދެކޮޅަށް ވެސް ޔަހޫދީ ބައެއް ޖަމާއަތްތަކުން ވަނީ އިދާރީ އޮފީސްތައް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.
މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމައިގެ ކުށްވެރިންނަށް ވޮޝިންޓަނުން މަރުހަބާ ކިޔާހާ ހިނދަކު ސުލްހައެއް ނާންނާނެ ކަމަށެވެ. އަދި އިސްރާއީލަށް ޖެނޮސައިޑް ހިންގުމަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށާއި، ފަލަސްތީނާއި އީރާނުގެ މިނިވަންކަމަށް އަރައިގަތުން ހުއްޓާލުމަށް ވެސް އެ ފަރާތްތަކުން ވަނީ ބާރުއަޅާފައެވެ.






