ބަނގްލަދޭޝްގެ 13 ވަނަ ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުލުން މިއަދު ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ނިމުމަކަށް އައުމާއެކު، ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ގައުމުގެ 299 ދާއިރާއެއްގައި ކުރިއަށްދިޔަ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 7:30 ގައެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މުޅި ގައުމުގައި ގާއިމުކުރި 42,659 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކުގައެވެ. މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތަކީ 47.91 އިންސައްތައެވެ. ނަމަވެސް، ޝޭރުޕޫރު-3 ދާއިރާގެ އިންތިޚާބު ވަނީ ޖަމާއަތޭ އިސްލާމީގެ ކެންޑިޑޭޓަކު މަރުުވުމާ ގުޅިގެން ފަސްކޮށްފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 127,298,522 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 64.6 މިލިއަން ފިރިހެނުންނާއި، 62.6 މިލިއަން އަންހެނުންގެ އިތުރުން ތިންވަނަ ޖިންސު ޚުންސާއިންގެ 1,213 މީހުންނެވެ. ވޯޓުލުން ނިމުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެ ސަރަހައްދުތަކުގައި ތިބި ސިޔާސީ ހަރަކާތްތެރިން ދުރުކޮށްފައެވެ.
ވަގުތީ ސަރުކާރުގެ އިސް މުޝީރު ޕްރޮފެސަރު މުހައްމަދު ޔޫނުސް ވިދާޅުވީ، ރައްޔިތުން ވަނީ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި އެމީހުންގެ ދުސްތޫރީ ހައްގު ބޭނުންކޮށްގެން އިސް ދައުރެއް އަދާކޮށްފައި ކަމަށެވެ.
”އަމާންކަމާއި އިންތިޒާމުވެފައިވާ ގޮތެއްގައި ވޯޓުލުން ކުރިއަށްދިއުމުން ދޭހަވަނީ ޑިމޮކްރަސީއަށް މި ގައުމުން އޮތް ވަރުގަދަ އަޒުމް،“ ޔޫނުސް ވިދާޅުވިއެވެ.
ބީއެންޕީގެ ޗެއާމަން ތާރިގު ރަހުމާން ވިދާޅުވީ، އޭނާގެ ޕާޓީން ގައުމު ހިންގަން ބޭނުންވަނީ އެ ޕާޓީއާއެކު އިސްލާހީ ހަރަކާތުގައި ބައިވެރިވި ހުރިހާ ޕާޓީތަކާ ގުޅިގެން ކަމަށެވެ. އަދި މި ތާރީޚީ އިންތިޚާބުގައި ބީއެންޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަމާއަތޭއިސްލާމީން ވަނީވޯޓުލާ މަރުކަޒުތައް ކައިރިން މީހުން ދުރަށް ނުދިނުމަށް އެދި ފާރަވެރިވާން އަންގާފައެވެ.






