ބަންގްލަދޭޝްގެ އިންތިޚާބާއެކު ކުރިއަށްދިޔަ ރިފަރެންޑަމްގައި 67 އިންސައްތަ މީހުން އިސްލާހީ ބަދަލުތަކަށް ތާއީދުކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 13, 2026

ބަންގްލަދޭޝްގައި ބޭއްވުނު 13 ވަނަ އާންމު އިންތިޚާބާއެކު ކުރިއަށްދިޔަ ގައުމީ ރިފަރެންޑަމްގައި، ވޯޓުލީ މީހުންގެ 67 އިންސައްތަ މީހުން ގާނޫނީ އިސްލާހުތަކަށް ތާއީދުކޮށް ވޯޓު ދީފިއެވެ. މި އިންތިޚާބަކީ ދެ ދަހަަރުވަންދެން ޝައިޚް ހަސީނާ ކުރެއްވި ވެރިކަން ދަރިވަރުންގެ ވަރުގަދަ އިހުތިޖާޖުތަކަކަށްފަހު ނިމުމަކަށް އައިތާ 18 މަސް ފަހުން ބޭއްވުނު ފުރަތަމަ މިނިވަން އިންތިޚާބެވެ.

މިހާތަނަށް ލިބިފައިވާ ނުރަސްމީ ނަތީޖާތަކުން ދައްކާގޮތުގައި، އިސްލާހީ ބަދަލުތަކާ ދެކޮޅަށް ވޯޓު ދީފައިވަނީ 33 އިންސައްތަ މީހުންނެވެ. މި ރިފަރެންޑަމްގައި ރައްޔިތުންނަށް ދީފައިވަނީ އިސްލާހުތަކަށް ’އާނ‘ ނުވަތަ ’ނޫނެކޭ‘ ބުނުމުގެ އިޚްތިޔާރެވެ. މި ރިފަރެންޑަމްގެ މަގްސަދަކީ ގައުމުގެ މުސްތަގުބަލުގެ ސިޔާސީ އަދި ދުސްތޫރީ އޮނިގަނޑު ކަނޑައެޅުމެވެ.

މި ރިފަރެންޑަމްގައި ރައްޔިތުންގެ ލަފަޔަކަށް އެދިފައިވަނީ ’ޖުލައި ނޭޝަނަލް ޗާޓަރު‘ ގައި ހިމެނޭ ފުޅާ ދާއިރާއެއްގެ ދުސްތޫރީ އިސްލާހުތަކަށެވެ. މި ޗާޓަރަކީ ޖުލައި 2024 ގައި ހިނގި ރައްޔިތުންގެ ހަރަކާތުގެ ތެރެއިން ހުށަހެޅުނު ކަންކަމަށް ގާނޫނީ ސިފައެއް ގެނައުމަށް އެކުލަވާލާފައިވާ ލިޔުމެކެވެ. މީގެ މައިގަނޑު މަގްސަދަކީ ގައުމުގައި ހެޔޮވެރިކަމާއި، ޑިމޮކްރަސީ އަދި އިޖުތިމާއީ އަދުލުވެރިކަން ގާއިމުކޮށް، ބާރުތައް އެކެއްގެ އަތްމައްޗަށް ޖަމާވުން ހުއްޓުވުމެވެ.

މި އިސްލާހުތަކުގެ ތެރޭގައި ގާތްގަނޑަކަށް 30 ބަދަލެއް ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އާ މުއައްސަސާތައް އުފެއްދުމާއި، ގާނޫނު ހަދާ މަޖިލިސް ދެ ގެއަކަށް ބަހާލުމާއި، މަތީގެ (ސެނެޓް) ގެ ރުހުމާ ނުލައި ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން ބޮޑުވަޒީރުގެ މަގާމުގައި ހުރެވޭނެ މުއްދަތު ކަނޑައެޅުމާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިތުރުކުރުން ވެސް ހިމެނެއެވެ.

މި އިސްލާހީ މަސައްކަތްތަކަކީ ޑރ. ޔޫނުސް އުފެއްދެވި ’ނޭޝަނަލް ކޮންސެންސަސް ކޮމިޝަން‘ އިން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ކަންކަމެވެ. ނަމަވެސް، ޝައިޚް ހަސީނާގެ އަވާމީ ލީގުން މި މަޝްވަރާތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ބަނގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބުގެ އަޣުލަބިއްޔަތު ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށް، އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. ބީއެންޕީގެ މީޑިއާ ސެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް އެ ޕާޓީން ސަރުކާރު އެކުލަވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

2026 ވަނަ އަހަރުގެ މި އާންމު އިންތިޚާބުގައި ބީއެންޕީން ހޯދި ކާމިޔާބީއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ޕާޓީގެ ލީޑަރު ތާރިގް ރަހުމާނަށް މަރުހަބާ ވިދާޅުވެފައެވެ. މޯދީ ވިދާޅުވި ގޮތުގައި މި ނަތީޖާއަކީ ތާރިގް ރަހުމާނުގެ ލީޑަޝިޕަށް ބަނގްލަދޭޝްގެ ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށާއި، އިންޑިއާއިން އަބަދުވެސް ޑިމޮކްރެޓިކް އަދި ކުރިއަރަމުންދާ ބަނގްލަދޭޝްއަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އަދި އިއުލާނު ނުކުރި ނަމަވެސް، ލޯކަލް މީޑިއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބީއެންޕީން ވަނީ 200 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެގޮތުން އެކައްތޯ ޓީވީން ރިޕޯޓްކުރާ ގޮތުގައި އެ ޕާޓީއަށް 208 ގޮނޑި ލިބިފައިވާއިރު، ޖަމުނާ ޓީވީން ރިޕޯޓްކުރާ ގޮތުގައި 212 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. މި އިންތިޚާބާއެކު 2024 ވަނަ އަހަރު އަވާމީ ލީގުގެ ސަރުކާރު ވެއްޓުމާ ގުޅިގެން މުހައްމަދު ޔޫނުސްގެ އިރުޝާދުގެ ދަށުން ހިނގަމުންދިޔަ ވަގުތީ ސަރުކާރުގެ ދައުރު ނިމުމަކަށް އަންނާނެއެވެ.

މި ލިޔުމާ ގުޅޭ