ބަނގުލަދޭޝްގައި ދާދިފަހުން ބޭއްވި އާންމު އިންތިޚާބުގައި އެ ގައުމުގެ ދީނީ ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަމާއަތޭ އިސްލާމީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، އިންޑިއާގެ މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ލާދީނީ ޖާވިދު އަޚްތަރު އުފާފާޅުކޮށްފިއެވެ.
’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ޖާވިދު އަޚްތަރު ބުނެފައިވަނީ، ބަނގުލަދޭޝްގެ ޖަމާއަތޭ އިސްލާމީއަކީ އެ ގައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސަތުތަކުގެ އަސްލު ކަމަށެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ހިންދޫ މަދުބައިމީހުންނަށް ކުރިމަތިވާ އެކި ކަހަލަ ގޯނާތަކާއި އަނިޔާތަކުގެ ޒިންމާ އުފުލަންޖެހޭނީ އެ ޕާޓީން ކަމަށް އޭނާ ތުހުމަތުކުރިއެވެ.
ޖާވިދު އަޚްތަރު އިތުރަށް ފާހަގަކުރި ގޮތުގައި، މި އިންތިޚާބުގައި ޖަމާއަތޭ އިސްލާމީ ބޮޑުތަނުން ބަލިވުމަކީ ބަނގުލަދޭޝްގެ އަޣުލަބިއްޔަތު ރައްޔިތުން އެ ޕާޓީގެ ތަޢައްޞުބީ ފިކުރުތަކާއި މަދުބައިމީހުންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބަލައިނުގަންނަކަމުގެ ހެއްކެކެވެ. މިއީ ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ބަނގުލަދޭޝްގެ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ނަތީޖާތަކަށް ބަލާއިރު، 299 ގޮނޑީގެ ތެރެއިން ތާރިގު ރަހްމާންގެ ބަނގުލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ 209 ގޮނޑި ކާމިޔާބުކޮށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ހޯދާފައެވެ. ޖަމާއަތޭ އިސްލާމީއަށް ލިބިފައިވަނީ 68 ގޮނޑިއެވެ. މީގެ އިތުރުން ދަރިވަރުންގެ ޕާޓީއެއް ކަމަށްވާ އެންސީޕީއަށް ލިބިފައިވަނީ 6 ގޮނޑިއެވެ.






