ބޮޑު ކާމިޔާބީއާ ގުޅިގެން ތާރިގު ރަހުމާނަށް ޗީފް އެޑްވައިޒަރު ޔޫނުސް މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ޖާތިޔާ ސަންސަދު (ޕާލަމެންޓް) އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ ޗެއާމަން ތާރިގު ރަހުމާނަށް އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޕްރޮފެސަރު މުހައްމަދު ޔޫނުސް މަރުހަބާ ވިދާޅުވެއްޖެއެވެ.

ތާރިގު ރަހުމާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޕްރޮފެސަރު ޔޫނުސް ވިދާޅުވީ، ތާރިގުގެ ލީޑަޝިޕްގެ ދަށުން ބީއެންޕީން ހޯދި ކާމިޔާބީއަށްޓަކައި އިޚްލާޞްތެރިކަމާއެކު މަރުހަބާ އާއި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ. އަދި މި އިންތިޚާބުގައި ރައްޔިތުން ދިން ސާފު ނިންމުމަކީ ގައުމުގެ ދުސްތޫރީވެރިކަން ދެމިއޮތުމަށާއި، ޑިމޮކްރަސީ ވަރުގަދަކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ތާރިގު ރަހުމާނުގެ ލީޑަޝިޕަށް އިތުބާރު އޮތްކަން ހާމަކުރައްވަމުން ޔޫނުސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ތާރިގު ގައުމު ކުރިއަށް ގެންދަވާނީ ހަމަޖެހުމާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ތަރައްގީގެ މަގަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ޑިމޮކްރެޓިކް އުސޫލުތަކާއި ރައްޔިތުންގެ ލާބައަށް އިސްކަންދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތާރިގުގެ ބައްޕަ ޝަހީދު ރައީސް ޒިއާއުއްރަހުމާނުގެ ޚިދުމަތްތަކާއި، މަންމަ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ ޑިމޮކްރަސީއަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތައް ޗީފް އެޑްވައިޒަރު ފާހަގަކުރެއްވިއެވެ. އެ ބޭފުޅުންގެ ތަރިކަ އާއި ލީޑަޝިޕަކީ ކުރިއަށް އޮތް ދުވަސްތަކުގައި ތާރިގަށް ލިބިވަޑައިގަންނަވާނެ ހިތްވަރެއް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަންގްލަދޭޝް މިހާރު އޮތީ ބައިނަލްއަގުވާމީ މައިދާނުގައި އާ ފުރުސަތުތަކެއްގެ ދޮރުމަތީގައިކަން ފާހަގަކުރައްވަމުން، އިގްތިސާދީ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުމާއި، މޫސުމީ ބަދަލުތަކަށް ކެތްތެރިވުމުގެ ގާބިލްކަން އިތުރުކުރުމަށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށް ޔޫނުސް ވިދާޅުވިއެވެ. އަދި ތާރިގުގެ ވެރިކަމުގައި ގައުމީ އެއްބައިވަންތަކަން ވަރުގަދަވެ، ގާނޫނީ ސިޔާދަތު ދެމެހެއްޓޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އިންތިގާލީ ސަރުކާރުގެ ދައުރުގައި ތާރިގު ރަހުމާނު ދެއްވި އެއްބާރުލުމާއި އަދާކުރެއްވި ބިނާކުރުވި ދައުރަށް ޗީފް އެޑްވައިޒަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް ގައުމު ބަދަލުވަމުންދިޔަ ނާޒުކު ދަނޑިވަޅުގައި، ދުސްތޫރީ އުސޫލުތަކަށް އިހުތިރާމްކޮށް ގައުމީ މަސްލަހަތު އިސްކުރުމުގައި ތާރިގު ގެންގުޅުއްވި ސިޔާސަތުތަކަށް ޔޫނުސް ތައުރީފުކުރެއްވިއެވެ.

މި ލިޔުމާ ގުޅޭ