ފަލަސްތީނުގައި ޖެނޮސައޑް ހިންގާ ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް މަގާމުން އިސްތިއުފާ ދިނުމަށް ޔޫރަޕްގެ ބައެއް ޒަޔަނިސްޓް ގައުމުތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް ތާއީދުކޮށް އަޑުއުފުލަން ފަށައިފިއެވެ. ފްރާންސާއި ޖަރުމަނު ފަދަ ގައުމުތަކުން އަލްބަނީޒް މަގާމުން ވަކިވުމަށް ބާރުއަޅަމުންދަނީ އޭނާ ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
އެކްސް އާއި އެހެނިހެން މަންސަތަކުގައި ގިނަ އަދަދެއްގެ އާންމުންނާއި، އެކްޓިވިސްޓުން އަދި އިލްމީ ބޭފުޅުން ދަނީ އަލްބަނީޒް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކޮށް، އޭނާއާ އެކު ތިބިކަން ހާމަކުރަމުންނެވެ. ސަޕޯޓަރުން ބުނަމުންދަނީ ފަލަސްތީނުގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ރިޕޯޓުކުރުމުގައި އޭނާ އަދާކުރައްވަނީ މުހިންމު ދައުރެއް ކަމަށެވެ.
މި މައްސަލަ ހޫނުވެފައިވަނީ މި ހަފުތާ ބަންދުގައި ދޯހާގައި ބޭއްވި ފޯރަމެއްގައި އަލްބަނީޒް ދެއްކެވި ވާހަކަފުޅެއްގައި، ޣައްޒާގެ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަޔަނިޒަމްއަކީ ”އިންސާނިއްޔަތުގެ އާންމު ދުޝްމަނެއް“ އޮތް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ފްރާންސާއި ޖަރުމަނުން ބުނަނީ މިފަދަ ބަސްމަގަކީ އދ. ގެ މަންދޫބަކު ބޭނުންކުރުން އެކަށީގެންވާ ބަސްމަގެއް ނޫން ކަމަށެވެ. ނަމަވެސް، އަލްބަނީޒްގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި މިއީ އިޒްރޭލަށް ތާއީދުކުރާ ގްރޫޕްތަކުން އޭނާގެ އަގުވައްޓާލުމަށް ސިޔާސީ ގޮތުން ރާވައިގެން ހިންގާ ކަމެކެވެ.
ގްރީސްގެ ކުރީގެ ފިނޭންސް މިނިސްޓަރު ޔާނިސް ވަރޫފާކިސް ވިދާޅުވީ، އަލްބަނީޒްއަށް ފާޑުކިޔާ ފަރާތްތަކުން މަސައްކަތް ކުރަނީ އިޒްރޭލުން ހިންގާ އަމަލުތަކަށް އަމާޒުވާ ސައްހަ ފާޑުކިޔުންތަކުން އެ ގައުމު ސަލާމަތްކުރުމަށް ކަމަށެވެ. އަދި އަޔަލޭންޑްގެ އީޔޫ މެންބަރު މިކް ވޮލަސް ވިދާޅުވީ އަލްބަނީޒް ކުރެއްވި ”އެންމެ ބޮޑު ކުށަކީ ތެދުބަސް ބުނުން“ ކަމަށެވެ.
ފަލަސްތީނުގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ ހަނާން އަޝްރާވީ އަލްބަނީޒް ސިފަކުރެއްވީ ”ތެދުބަސް ބުނާ، ހިތްވަރުގަދަ އަދި ނަޒާހަތްތެރި“ ބޭފުޅެއްގެ ގޮތުގައެވެ. މީގެ އިތުރުން، އދ. ގެ ހައުސިން ރެޕަޓުއާ ބާލަކްރިޝްނަން ރާޖަގޯޕާލް ވަނީ ޔޫރަޕްގެ ގައުމުތަކުން އަމަލުކުރަމުންދާ ޒަޔަނިސްޓް ”ލަދުވެތި“ ގޮތްތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އަލްބަނީޒްއަކީ ޣައްޒާގެ ހާލަތާ ގުޅޭގޮތުން އެންމެ ފާޅުކަން ބޮޑުކޮށް ވާހަކަދައްކަވާ އދ. ގެ އެއް މާހިރެވެ. ފާއިތުވި ދެ އަހަރު ތެރޭގައި 72,000 އަށްވުރެ ގިނަ މީހުން ޖެނޮިސައިޑްގައި މަރާފައިވާ މި ހަނގުރާމައަކީ ”އަހަރެމެންގެ ޒަމާނުގެ ލަދުވެތިކަން“ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.






