އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ މީހުން ގައުމުން ބޭރުކުރުގެ ކެމްޕޭނުގެ ދަށުން، އިމިގްރޭޝަން ބަންދުގައި ބައިތިއްބާ ކުޑަކުދިންގެ އަދަދު އިންތިހާއަށް އިތުރުވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ޓެކްސަސްގެ ބޮޑު ފެސިލިޓީއެއްގައި އެތައް ސަތޭކަ ކުދިންނެއް މިހާރު ތިބި އިރު، އެތަނުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
ޑީޕޯޓޭޝަން ޑޭޓާ ޕްރޮޖެކްޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކު 175 ކުދިން އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް ގެ ބަންދުގައި ބައިތިއްބާފައިވެއެވެ. މިއީ ބައިޑަންގެ ސަރުކާރު ނިމުނުއިރު ދުވާލަކު ބަންދުގައި ތިބި 25 ކުދިންނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ބަންދުކުރާ ގިނަ އާއިލާތައް ފޮނުވަނީ ޓެކްސަސްގައި ހުންނަ ޑިލީ އިމިގްރޭޝަން ޕްރޮސެސިން ސެންޓަރަށެވެ. މި ސެންޓަރު އަލުން ހުޅުވި ފަހުން 3,500 އެއްހާ މީހުން އެތަނަށް ގެންގޮސްފައިވާ އިރު، މިހާރުވެސް 500 އެއްހާ ކުޑަކުދިންނާއި 450 ބެލެނިވެރިން އެތަނުގައި އެބަތިއްބެވެ. މީގެ ކުރިން ބަންދުކުރާ މީހުންނާ ޚިލާފަށް، މިހާރު ބަންދުކުރާ ގިނަ ކުދިންނަކީ އެމެރިކާގައި ދިރިއުޅެ، ސްކޫލްތަކަށް ދަމުންދިޔަ ކުދިންނެވެ.
ކޮލަމްބިއާ ލޯ ސްކޫލްގެ ޕްރޮފެސަރެއް ކަމަށްވާ އެލޯރާ މުކަރްޖީ ވިދާޅުވި ގޮތުގައި، ސްކޫލަށް ދަނިކޮށް ބަންދުކުރި 5 އަހަރުގެ ލިއަމް ފަދަ އެތައް ކުދިންނެއް މިހާރު އެބަތިއްބެވެ. ”އެތަނުގައި ވަރަށް ގިނަ ލިއަމްތައް އެބަތިބި،“ އޭނާ ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ބަންދުގައި ތިބޭ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގައި ބޮޑެތި އިހުމާލުތަކެއްވާ ކަމަށް އާއިލާތަކުން ބުނެއެވެ. ދުވާލަކު އެންމެ ގަޑިއިރަކު ކިޔަވައިދޭއިރު، ބޮޑެތި ކުދިންނަށްވެސް ދެނީ ކުލަޖައްސާ ކަރުދާސް ފަދަ ތަކެއްޗެވެ. 16 އަހަރުގެ ކްރިސްޓިއަން ރޫބީ ބުނި ގޮތުގައި އޭނާ ކުރިން ކެމިސްޓްރީ ކިޔަވަމުން ދިޔަ ނަމަވެސް، މިހާރު ދެނީ އެމެރިކާ ދިދައިގައި ކުލަޖައްސާށެވެ. ”އެމީހުން އެއްވެސް އެއްޗެއް ދަސްކޮށެއް ނުދޭ،“ އޭނާ ބުންޏެވެ.
މީގެ އިތުރުން، އެތަނުގެ ސިއްހީ ފަރުވާގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ސާފު ބޯފެން ލިބުން ދަތިވުމާއި، ނިދާ ތަނުގައި އަބަދު ބޮކި ދިއްލާފައި ހުރުމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ކުދިން އަނަރޫފަވެ، ހިިިިމިިިހިިި ފަދަ ބަލިތައްވެސް އެތަނުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.






