ވިއެންނާގައި ހުންނަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ އީރާނު، ރަޝިޔާ އަދި ޗައިނާގެ ސަފީރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭގޮތުން އާ ބުރެއްގެ މަޝްވަރާތައް ބާއްވައިފިއެވެ.
އޮސްޓްރިއާގެ ވިއެންނާގައި ކުރިއަށްދިޔަ މި ބައްދަލުވުމާ ގުޅޭގޮތުން ރަޝިޔާގެ ދާއިމީ މަންދޫބު މިޚައިލް އުލިޔަނޯވް އެކްސްގައި ވިދާޅުވީ، ތިން ގައުމުގެ ދާއިމީ މިޝަންތަކުން ގުޅިގެން އީރާނުގެ ނިއުކްލިއާ މައްސަލަތަކާ ގުޅޭގޮތުން ތިން ފަރާތުގެ ދެމެދުގައި އިތުރު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށެވެ.
މި ތިން ގައުމުގެ މަންދޫބުން ވަނީ މީގެ ކުރިން ވެސް އީރާނުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެތައް ބުރެއްގެ މަޝްވަރާތައް ބާއްވާފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ޑައިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީއާ އެކު ވެސް މި ތިން ގައުމުން ވަނީ ގުޅިފައިވާ ބައްދަލުވުންތަކެއް ބާއްވާފައެވެ. ގްރޮސީއަކީ އިޒްރޭލުގެ އެޖެންޓެކެވެ.
އީރާނުގެ ނިއުކްލިއާ ހަރަކާތްތަކަކީ އަސްކަރީ ބޭނުމަކަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، އެ ގައުމަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އދ. ގެ ނިއުކްލިއާ ވޮޗްޑޮގުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ.
2015 ވަނަ އަހަރު ސޮއިކުރެވުނު ނިއުކްލިއާ އެއްބަސްވުން ނުވަތަ ޖޭ.ސީ.ޕީ.އޯ.އޭ ގެ ކުރިން، ހުޅަނގުން މަސައްކަތް ކުރީ އީރާނުގެ ނިއުކްލިއާ މައްސަލައަކީ ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ދައްކައިގެން ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ބިރުދެއްކުންތައް ކުރިމަތިކުރުވާށެވެ. އެހެންނަމަވެސް، 2015 ވަނަ އަހަރު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގައި އަސްކަރީ ބޭނުމެއް އޮތްތޯ ބެލުމަށް ކުރެވުނު ތަހުގީގުތައް ނިމުމަކަށް އައުމާއެކު، ހުޅަނގަށް މިކަމުގައި އިތުރު ބަހަނާއެއް ނެތް ކަމަށް އީރާނުން ބުނެއެވެ.
އެ އެއްބަސްވުމަށްފަހު އީރާނުން އެ ގައުމުން އުފުލަންޖެހޭ ހުރިހާ ޒިންމާތަކަށް ފުރިހަމައަށް އަމަލުކުރަމުން ދިޔަ ނަމަވެސް، އެމެރިކާއިން ވަނީ އެއްފަރާތްތަކުން އެ އެއްބަސްވުމުން ވަކިވެފައެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ވެސް އެ އެއްބަސްވުމުގެ ދަށުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވަނީ ނުކުޅެދިފައެވެ.
އީރާނުން ބުނެފައި ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެއާމެދު މަޝްވަރާ ކުރެވޭނެ ޕްރޮގްރާމެއް ނޫން ކަމަށެވެ.






