ހުޅަނގުން އީރާންގައި ޓެރަރިޒަމް ހިންގުމަށް ވާގިވެރިވޭ: އައިއާރްޖިސީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ ”ޓެރަރިސްޓް“ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޔޫރަޕްގެ އިއްތިހާދުން (އީޔޫ) ނިންމި ނިންމުމަށް އީރާނުން ފާޑުކިޔައިފިއެވެ. އީރާނުން ބުނެފައިވަނީ މިއީ ގާނޫނީ އެއްވެސް އަސާސެއް ނެތް، އަދި ސިޔާސީ ގޮތުން އޮޅުވާލައިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މިކަމާ ގުޅިގެން އައި.އާރް.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރަސަލްސްއިން މިފަދަ ނިންމުމެއް ނިންމީ އެމެރިކާގެ ފިއްތުންތަކަށް ތަބާވުމުގެ ގޮތުން ކަމަށެވެ. އަދި ހުޅަނގު އޭޝިއާގެ ހަގީގީ ހާލަތަށް ޔޫރަޕުން ބޮލާލާޖަހާފައިވާ ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. މި ނިންމުމާ ދެކޮޅަށް އީރާނުގެ ސަރުކާރުގެ އިސްވެރިންނާއި އާންމު ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމަށްޓަކައި އެ ބާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް، މެންބަރުންނާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، ޔޫރަޕްގެ ސިޓީތަކާ ހަމައަށް ޓެރަރިޒަމް ފޯރުން ހުއްޓުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ބާރަކީ އައި.އާރް.ޖީ.ސީ ކަމަށެވެ. ނަމަވެސް ޔޫރަޕުން މިއަދު އަމާޒު މިހިފަނީ އެ ބާރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގާލީބާފް ވިދާޅުވީ، އީރާނާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ޔޫރަޕްގެ ގައުމުތަކުން ސިޔާސީ ފުރުސަތުތަކާއި، މީޑިއާގެ ވަސީލަތްތަކާއި، ރައްކާތެރި ހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ އިންސާނީ ކާރިސާއާ މެދު ޔޫރަޕުން ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން ތުހުމަތު ކުރާ ގޮތުގައި، އެ ގައުމުން ވަކިވެގަންނަން މަސައްކަތްކުރާ ގާތްގަނޑަކަށް ހުރިހާ ޓެރަރިސްޓް ގްރޫޕެއްގެ ހަރަކާތްތައް ހިންގަނީ ޔޫރަޕްގައެވެ. މީގެ ތެރޭގައި 1980 ގެ އަހަރުތަކުގައި 19،000 އަށްވުރެ ގިނަ އީރާނު މީހުން މަރާލާފައިވާ މުޖާހިދީނޭ ޚަލްގް (އެމް.އީ.ކޭ) ފަދަ ޓެރަރިސްޓް ޖަމާއަތްތައް ހިމެނެއެވެ. ފްރާންސް، ޖަރުމަނު، އިންގްލެންޑް އަދި އަލްބޭނިއާގައި މަރުކަޒުވެފައިވާ މި ޖަމާއަތްތަކުން އިޒްރޭލާ ގުޅިގެން އީރާނުގެ އެތެރޭގައި މީހުން މެރުމާއި ހަމަލާތައް ދިނުމުގައި އެހީތެރިވަމުންދާ ކަމަށްވެސް އީރާނުން ބުނެއެވެ.

 

މި ލިޔުމާ ގުޅޭ