އޭލިއަނުންނާ އުޅޭކަމަށް ވިދާޅުވެ އޮބާމާ ދެއްކެވި ވާހަކަފުޅުތަކަކުން ބޮޑު ބަހުސެއް އުފެދިއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އޭލިއަނުން ނުވަތަ ދުނިޔެއިން ބޭރުގެ މަހްލޫގުންނާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ނޫސްވެރިޔާ ބްރަޔަން ޓައިލާ ކުއިންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވީ އޭލިއަނުންނަކީ ހަގީގަތެއް ކަމަށާއި، ނަމަވެސް އެސޮރުމެން ތިބި ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޮބާމާ ވިދާޅުވި ގޮތުގައި އޭލިއަނުންނަކީ ހަގީގަތެއް ނަމަވެސް އޭނާއަށް ދުވަހަކުވެސް އެފަދަ އެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. މި މައުޟޫއުގައި ވާހަކަދައްކަވަމުން އޭނާ ވަނީ އޭލިއަނުންނާ ގުޅޭގޮތުން ދެކެވޭ ބައެއް ގަދީމީ ތިއަރީތަކަށް މަޖާޒީ ގޮތެއްގައި ރައްދު ދެއްވާފައެވެ. އެގޮތުން، އޭލިއަނުން އެމެރިކާގެ ”އޭރިއާ 51“ ގައި ހައްޔަރުކޮށްފައި ނުތިބޭނެ ކަމަށާއި، އަދި ބިމުގެ އަޑީގައި އެފަދަ އެއްވެސް މަރުކަޒެއް ނެތް ކަމަށް އޮބާމާ ވިދާޅުވިއެވެ.

އޭރިއާ 51 އަކީ ނެވާޑާގެ ގްރޫމް ލޭކްގައި ހުންނަ އެމެރިކާގެ ސިއްރު އެއާ ފޯސް ބޭހެކެވެ. އެތައް އަހަރެއް ވަންދެން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމެރިކާ ސަރުކާރުން އެތަނުގައި އޭލިއަނުންގެ ހަށިގަނޑުތަކާއި އުދުހޭ ބޯތަށިތައް ފޮރުވާފައިވެއެވެ. އޮބާމާ ވިދާޅުވީ އެފަދަ ކަމެއް އޮތް ނަމަ އެއީ އެމެރިކާގެ ރައީސަށްވެސް ސިއްރުކޮށްގެން ހިންގާ ވަރަށް ބޮޑު ރޭވުމަކަށް ވާންޖެހޭނެ ކަމަށެވެ.

ފަހަކަށް އައިސް އޭލިއަނުންނާ މެދު އޮންނަ ޝައުގުވެރިކަން އިތުރުވެފައިވަނީ ސަރުކާރުގެ ބައެއް ލިޔެކިޔުންތަކާއި ވީޑިއޯތައް އާންމުވުމާ ގުޅިގެންނެވެ. 2021 ވަނަ އަހަރު ޕެންޓަގަން އިން ވަނީ އާދަޔާ ހިލާފު ގޮތްގޮތަށް އުދުހޭ ތަކެތި ފެންނަ ތިން ވީޑިއޯއެއް އާންމުކޮށްފައެވެ. މީގެ ތެރެއިން ބައެއް ތަކެތި ވައި ހުރި ދިމާ ނޫން އަނެއް ދިމާއަށް އާދަޔާ ހިލާފު ބާރުމިނެއްގައި ދަތުރުކުރާ މަންޒަރު ފެނިފައިވެއެވެ.

މީގެ އިތުރުން، މީގެ 13 އަހަރު ކުރިން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ޑްރޯންތަކަށް ފެނިފައިވާ އާދަޔާ ހިލާފު ކަންތައްތަކެއްގެ ރާޑަރު ފުޓޭޖްތަކެއްވެސް މިއަހަރުގެ ފެބްރުއަރީ މަހު ނޫސްވެރިން ވަނީ އާންމުކޮށްފައެވެ. މިއީ އޮބާމާ މި މައުޟޫއުގައި ވާހަކަދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ވަނަ އަހަރުގެ ޓީވީ ޝޯއެއްގައިވެސް އޭނާ ވަނީ އުދުހޭ ތަށިތަކާ ބެހޭ ބައެއް މައުލޫމާތުތަކަކީ ޓީވީގައި ހާމަކުރެވެން ނެތް ސިއްރުތަކެއް ކަމަށް ވިދާޅުވެފައެވެ.

އޮބާމާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ”އުޑުމަތިން ފެންނަ، އެއީ ކޮން އެއްޗެއްކަން ސީދާ ނޭނގޭ ތަކެތީގެ ފޮޓޯތަކާއި ރެކޯޑިންތައް ހުރިކަމީ ހަގީގަތެއް“ ކަމަށެވެ. އަދި އެތަކެތި ދަތުރުކުރާ ގޮތާއި އޭގެ އަސްލު މިހާތަނަށް ސަރުކާރަށް ދެނެގަނެވިފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުމާ ގުޅޭ