ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކެތެލެން ސޫސާ އިސްލާމްވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 17, 2026

ސައުދީ ވުމަންސް ޕްރިމިއަރ ލީގުގެ އަލް ނަޞްރު އަންހެން ޓީމުގެ ކެޕްޓަން އަދި ބްރެޒިލްގެ ގައުމީ ޓީމުގެ ޑިފެންޑަރު ކެތެލެން ސޫސާ އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ސޫސާ އިސްލާމްވިކަން އިއުލާންކޮށްފައިވަނީ އިއްޔެ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ސޫސާ އިސްލާމްވުމާ ގުޅިގެން އަލް ނަޞްރުގެ ޓީމުގެ ކުޅުންތެރިން ވަނީ އޭނާއަށް ސަޕްރައިޒް ސެލެބްރޭޝަނެއް ބާއްވައި، އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި އުފާވެރި ޚަބަރާއެކު ސޫސާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ މިހާރު ހުރީ ހިދާޔަތުގެ ތެދު މަގު އިޚްތިޔާރުކކޮށްގެން ކަމަށާއި، ދިރިއުޅުމަށް އަންނަ މި ބަދަލުތަކުގެ އަގު ވަޒަންކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާ ވަނީ މައްކާގެ މަސްޖިދުލް ހަރާމްގައި ހިޖާބު އަޅައިގެން ހުރި ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.

ކުރިން ރެއާލް މެޑްރިޑް، އިންޓަ މިލާން އަދި ބޯޑޯ ފަދަ ބޮޑެތި ކްލަބްތަކަށް ކުޅެފައިވާ ސޫސާ އައްނަޞްރާ ގުޅުނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ސައުދީ އަރަބިއްޔާގައި ދިރިއުޅޭތާ މިހާރު 18 މަސްވެފައިވާ ސޫސާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް 30 މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

ސޫސާ އިސްލާމްވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މިއީ އޭނާ ސައުދީ އަރަބިއްޔާގައި ހޭދަކުރި ދުވަސްތަކުގައި އެ ގައުމުގެ ސަގާފަތާއި ދީނާ މެދު އުފެދުނު ލޯތްބެއްގެ ނަތީޖާއެވެ.

މި ލިޔުމާ ގުޅޭ