އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ، އެޤައުމުގެ ބޮޑު މުފްތީ ޝައިޚް އަބޫބަކުރު އަޙްމަދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ އެކުވެރި މާޙައުލެއްގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެފަރާތުން އިސްކަންދޭ ތަފާތު އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.
ބޮޑުވަޒީރު މޮދީ ވަނީ ޝައިޚް އަބޫބަކުރު އަޙްމަދު އިންޑިއާގެ އިޖުތިމާޢީ އެއްބައިވަންތަކަމާއި، އަޚުވަންތަކަން ޤާއިމުކުރުމަށާއި، އަދި މުޅި ޤައުމުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޮދީ ވިދާޅުވީ، ބޮޑު މުފްތީއާއެކު ބޭއްވި މަޝްވަރާތަކަކީ ”ވަރަށް ރަނގަޅު“ މަޝްވަރާތަކެއް ކަމަށެވެ. އަދި ޤައުމުގެ އެއްބައިވަންތަކަމާއި ތަޢުލީމީ ކުރިއެރުމަށް ދީނީ ޢިލްމުވެރިން ކުރައްވާ މުހިންމު ޚިދުމަތްތައް ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.






