އީރާނުގެ ވެރިރަށް ތެހެރާންގައި އޮންނަ އެންމެ ބޮޑު ސަހަރާ ކަމަށްވާ ބެހެޝްތޭ ޒަހްރާއިން ބޭރުގައި، އެމެރިކާ ސިފައިން ވަޅުލުމަށް ޚާއްސަކޮށްގެން 5،000 އަށްވުރެ ގިނަ ކައްވަޅު ކޮނެ އައު ސަހަރާއެއް ތައްޔާރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ސަހަރާގެ އިސްވެރިޔާއާ މުހައްމަދު ޖާވިދް ތާޖިކް އާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައެވެ.
ތެހެރާންގެ ބޭރުގައި މިފަދަ ވަކި ސަރަހައްދެއް ތައްޔާރުކުރަން ޖެހުނީ، އީރާނުގެ ގަވާއިދުތައް ބުނާގޮތުން މުސްލިމް ނޫން ސިފައިން މުސްލިމުންގެ އާންމު ސަހަރާތަކުގައި ވަޅުނުލެވޭތީ ކަމަށް އެ މަސްއޫލުވެރިޔާ ވިދާޅުވެފައިވެއެވެ. މި ކަން އިއުލާންކޮށްފައި ވަނީ އީރާނަށް އެމެރިކާއިން އުދުވާނީ ހަމަލައެއް ތައްޔާރުވަމުން ދިއުމާއެކު އީރާނުން ވަރުގަދަ ރައްދެއް ދޭނެކަމަށް އިއުލާން ކުރުމާ ގުޅިގެންނެވެ.
މި ސަހަރާ ތައްޔާރުކޮށްފައި ވަނީ ބޮޑު ސަރަހައްދެއްގައި ކޮންކްރީޓް ބޭނުންކޮށްގެން ކައްވަޅުތަކުގެ ބަރިތައް ހަދައި ގެންނެވެ. އެއީ ފަހުން އެމެރިކާއިން ބޭނުން ވެއްޖެނަމަ އެމީހުންގެ ސިފައިންގެ ގަބުރުތައް ރަށަށް ގެންދެވޭ ގޮތަށް ރައްކާކޮށްފައި ބެހެއްޓުމުގެ ގޮތުންނެވެ.






