ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ދެމިތިބުމަށް ކުރި ހިތްވަރާއި، ދެއްކި ގަދަފަދަ ކެތްތެރިކަމާހެދި އިޒްރޭލުގެ ފުރަތަމަ ރޭވުންތައް ނާކާމިޔާބު ވެގެން ދިޔައީއެވެ. އަދި އެމެރިކާއަށް އިޒްރޭލު ރުއްސަން އެހެން ގޮތްތަކެއް ހޯދަން މަޖުބޫރު ވީއެވެ. ޣައްޒާ މީހުންގެ މި ސާބިތުކަން ނެތްނަމަ، މިއަދު އަޅުގަނޑުމެންނަށް ފެންނާނީ ސުލްހައިގެ ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނާނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ފޮހެލައި ބޭރުކޮށްލުމަށްފަހު، އެ ބިންތަކަކީ އިޒްރޭލާއި އެމެރިކާގެ ވިޔަފާރި މަޝްރޫއުތަކަކަށް ބަދަލުވެފައިވާ ތަނެއްގެ ގޮތުގައެވެ. ޣައްޒާގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ކުރީކޮޅު އިވުނު ބަސްތަކުންވެސް އެނގެނީ އެމެރިކާއާއި އިޒްރޭލުގެ އަސްލު މަގްސަދަކީ އެއީ ކަމެވެ.
ޓްރަމްޕް އދގެ ބަދަލުގައި އައު ނިޒާމެއް އުފެއްދުމަށް އެކުލަވާލި ސުލްހައިގެ މަޖިލީހާ ބެހޭގޮތުން ވާހަކަދައްކާއިރު، ޓްރަމްޕް ހުށަހަޅާފައިވާ ސުލްހައިގެ ރޭވުމުގައި ސުލްހައެއްގައި ހުންނަންޖެހޭ އަސްލު އެއްވެސް އުންސުރެއް ނެތެވެ.
ފަލަސްތީނުގެ އަސްލު މައްސަލަ ކަމުގައިވާ ފަލަސްޠީނުގެ ބިންތައް ފޭރުމާއި، ދިގުލައިގެން ގޮސްފައިވާ ޔަހޫދީ އިސްތިއުމާރާއި، ހުޅަނގު އައްސޭރީގައި ހިންގާ ނަސްލީ ތަފާތުކުރުންތަކަށް ހައްލެއް ނުލިބެއެވެ. އެ ވާހަކައެއް ނުދައްކައެވެ. އަދި މިކަންކަމަށް ވާހަކަ ނުދައްކައި ސަރަހައްދީ ސުލްހައެއް ގާއިމެއް ނުކުރެވޭނެއެވެ.
ޓްރަމްޕްގެ ގޮނޑިކޮއްކޮއިން ބައިންދައިގެން އެކުލަވާލާފައިވާ ސުލްހައިގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ނިމިއްޖެ ކަމަށެވެ. އަދި، ދެން އޮތީ ހަމައެކަނި ހަމާސް އާއި އީރާނުގެ ހަތިޔާރު އަތުލުން ކަމަށެވެ.
ނަމަވެސް، ޓްރަމްޕްގެ ޖާހިލުކަމުން އޭނާ ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި، ސުލްހައިގެ އެއްބަސްވުންތަކާ އެތައް ހާސް ފަހަރަކު ޚިލާފުވެފައިވާ ކަންކަން ހަނދާން ނައްތާލާފައެވެ. ޔަހޫދީ ޖެނޮސައިޑް ދައުލަތުން ވަނީ ޝަރަމުއްޝައިޚުގައި ސުލްހަ އިއުލާން ކުރި ފަހުން 1560 ފަހަރު ސުލްހައިގެ ނިންމުމާ ޚިލާފް ވެފައެވެ. 700 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް އޮތުމާއި، ވަޒަންވެރިން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށްވެސް އަލިއަޅުވައެއް ނުލައްވައެވެ.
މި ކަންކަން ޓްރަމްޕް ފާހަގައެއް ނުކުރައްވައެވެ. ފާހަގަ ކުރާންވެސް ނުކެރޭނެ ނޫން ހެއްޔެވެ؟ އެޕްސްޓީން ފައިލްގައި މީހާގެ ނަން 2 ހާސްފަހަރަށް ހިމެނިފައިވާއިރު އޭނާ މަޅީގައި ޖެއްސި މާސްޓަރުން ޓެލްއަވީވްގައި ތިބެގެން އޭނާއަށް ދަނީ ޗާބީދެމުންނެވެ.
މި ބައްދަލުވުމުގައި އިޒްރޭލުގެ ބައިވެރިވުން އޮތްކަމީ ދުނިޔޭގެ އަދުލު އިންސާފަށް އެމެރިކާ ގޮންޖަހާކަން ސާފުކޮށް ސާބިތުކޮށްދޭ ކަމެކެވެ. ޒަޔަނސިްޓު ބޮޑު ވަޒީރަކީ އދގެ ޝަރީއަތުގެ މަޖިލީހުން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ މީހެކެވެ.
އަނެއްކޮޅުން ފަލަސްޠިނުގެ މައްސަލާގައި ވާހަކަ ދައްކާއިރު މިތާނގައި ފަލަސްތީނުގެ ރަސްމީ ތަމްސީލެއް ނެތެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް އެއްފަރާތްކޮށް، އިޒްރޭލުގެ ދޮގު ވާހަކަތަކަށް ފުރުސަތު ދިނުމަކީ ބައިނަލްއަގުވާމީ ނިޒާމުގެ ބޭއިންސާފުކަން ހާމަވާ ކަމެކެވެ. އަދި އަރަބިންނާއި އިސްލާމީ ގައުމުތަކުން ވެރިން ޓްރަމްޕަށް ޚުޝާމަދުކޮށް މި ބައްދަލުވުމުގައި ބައިވެރިވެ އޭނާގެ ބިންވެެރިވުމުގެ މަޝްރޫއަށް ފައިސާ ދިނުމަކީވެސް ލަދު ހުތުރު ކަމެކެވެ.
މިކަންކަމުގެ އެންމެ ނުރައްކާތެރި ކަމަކީ ޣައްޒާ އަކީ ފަލަސްތީނުގެ އެހެން ބައިތަކާ ވަކި ތަނެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތެވެ. އަދި އާބާދުކުރުމުގެ ނަމުގައި ހިންގާ މަޝްރޫއުތަކަކީ ޣައްޒާގެ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް، ބޭރުގެ އިންވެސްޓަރުންނާއި އިޒްރޭލުގެ ބާރު ދެމެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި ފެނެއެވެ.
ޓްރަމްޕްގެ މަގްސަދަކީ ޣައްޒާގެ އައްސޭރިފަށް ލަގްޒަރީ ވިލާތަކެއްގެ ގޮތުގައި އިމާރާތްކޮށް ވިއްކުމެވެ. ޓްރަމްޕްގެ އައުލާދު ބައިވެރިވާ މި މަސައްކަތް ކުރާ ކުންފުންޏަކީ ތްރަމްޕް އެސޯސިއޭޓްސް އެވެ. މިމީހުން ދަނީ އަރަބި ގައުމުތަކުގައި އަދި އިންޑިއާއާއި ރާއްޖޭގައި ލަގްޒަރީ ޕްރޮޕަޓީތައް ބިނާ ކުރަމުންނެވެ. ޓްރަމްޕްގެ ސިއްރު އެޖެންޑާއަކީ އޭނާގެ އައުލާދަކީ ދުނިޔޭގެ އެންމެ މުއްސަނދި އާއިލާއަށް ހެދުމެވެ.






