މޫސާގެފާނުގެ ސާމިރީއާއި މިޒަމާނުގެ ޓްރަމްޕާއި އޭނާގެ ސުލްހަ މަޖިލިސް

އިބްރާހީމްް ސަމީރު
ފެބްރުއަރީ 23, 2026

ތާރީޚުގެ ތެރެއިން، މުއުމިނުންނަށް އިންޒާރެއްގެ ގޮތުގައި ބައެއް މިސާލުތައް ތަކުރާރުވަމުންދެއެވެ. މީގެ ތެރެއިން އެއް ސަޚްސިއްޔަތަކީ މޫސާގެފާނުގެ ޒަމާނުގައި ބަނީ އިސްރާއީލު މީހުން މަގު ފުރެއްދި ސާމިރީއެވެ. މި ކަލޭގެއަކީ، ރަން ގެރިއެއް ހަދައިގެން އެ ގެރިއަށް އަޅުކަންކުރުމުގެ ފިތުނައެއް އުފެއްދި ސާމިރީއެވެ.

ސާމިރީ ވަނީ މޫސާގެ ފާނު މީޤާތަށް ވަޑައިގެން ހުންނެވި ދުވަސްވަރު، މީސްތަކުންގެ ނާޒުކު ހާލަތުގެ ބޭނުންހިފައި، އެބައިމީހުން މަގުފުރައްދާފައެވެ. މިކަލޭގެ ވަނީ އެތެރެ ހުސް، ރަން ވިރުވައިގެން އުފައްދާފައިވާ ވިދާ ބަބުޅާ ޅަ ގެރިއެއް ހަދައި އެއަށް ބަނީ އިސްރާއީލު މީހުންނަށް އަޅުކަންކުރުމަށް މަގުދައްކާފައެވެ.

މިއަދު، އެމެރިކާގެ ޓްރަމްޕްގެ ”ޤަރުނުގެ އެއްބަސްވުން“ އާއި އިބްރާހީމީ މުއާހަދާއާއި އައު ”ސުލްޙައިގެ މަޖިލީހުގެ“ ނަމުގައި އުފައްދައި ދައްކަމުންދާ ދަޅަތަކަކީ މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް ބަދަލު ގެނަސް މީހުން މަގު ފުރައްދަމުންދާ އައު ޒަމާނުގެ ސާމިރީގެ އުކުޅުތަކެވެ. މި ލިޔުމުގެ ބޭނުމުގައި އެއަށް ޓްރަމްޕްގެ ސާމިރީ ސްޓްރެޓެޖީ ކަމަށް ނަން ދެމާ ހެއްޔެވެ؟

ޓްރަމްޕްގެ ދަޅަ ދެއްކުމާއި މަގު ފުރެއްދުމާއެކު މެދުއިރުމައްޗަށް އަދި ފަލަސްޠީނުގެ މައްސަލައަށް އަންނަމުންދާ ބަދަލުތަކާއެކު، ޓްރަމްޕް ސިފަ ވަނީ މި ޒަމާނުގެ ސާމިރީގެ ގޮތުގައެވެ. އޭނާއަކީ ”ސުލްޙައިގެ“ ނަމުގައި ރީީތި ވާހަކަ ދައްކައިގެން މީހުންގެ ބޯކާލައިގެން މަގު ފުރައްދަމުންދާ، އަދި ފަލަސްޠީނުގެ މައްސަލައިގެ އިންސާފު ވެރިކަމާއި އެ މައްސަލައިގެ ޤާނޫނީ އަސާސް މުގުރާލާ މާކެޓިންގްގެ މާހިރެކެވެ.

މޫސާގެފާނު ގެންނެވި އިލާހީ ޝަރީޢަތުން މީސްތަކުން އެއްކިބާކުރުމަށް ސާމިރީ ރަން ގެރި އުފެއްދި ފަދައިން ޓްރަމްޕްގެ ސުލްޙައިގެ މަޖިލީހާއި ”އިބްރާހީމީ މުއާހަދާތައް“ މަސައްކަތް ކުރަނީ އިގްތިސާދީ އަދި ވިޔަފާރީގެ މާލީ މަންފާއަށް މީހުން ހައްލާލައި، ޒަމާނުގެ ސަމާލުކަން އަނބުރާލާ ވަސީލަތެއްގެ ގޮތުގައެވެ.

އިޤްތިޞާދީ ތަނަވަސްކަމާއި ”ގުޅުންތައް އާދައިގެ ހާލަތަށް ގެނައުމުގެ“ ވަޢުދުތަކަކީ، ބައިނަލްއަޤްވާމީ ޤާނޫނުގެ އަސާސްތައް ދޫކޮށްލުމަށް މުސްލިމު ގައުމުތަކާއި އަރަބި ގައުމުތަކުގެ ވެރިންނަށް ދައްކާ މަޅިއެކެވެ.

ހިނދު ކޮޅަކަށް ”ގުޅުންތައް އާދައިގެ ހާލަތަށް ގެނައުމުގެ“ ނުކުތާއަށް ވިސްނާލަމާ ހެއްޔެވެ؟

މިއީ އިނގިރޭސިން ކިޔާ ނޯމަލައިޒޭޝަން އެވެ. މިހާތަނަށް ދުނިޔޭގައި، ދެ ހަތުރުން ސުލްޙަވުމަށް ކުރާ މަސައްކަތަކަށް ނޯމަލައިޒޭޝަން އޭ ކިޔާފައެއް ނުވެއެވެ. މި ބަސް ބޭނުން ކުރެވެނީ އިޒްރޭލާއި އަރަބިންގެ މެދުގައި ގުޅުން އުފައްދައި ސުލްހަ ވުމަށް އެކަންޏެވެ. މިއީ އޮޅުވާލައިގެން މީހުން ކަސިޔާރު ކޮށްލުމަށް އުފައްދާފައިވާ ބަހެކެވެ.
އިޒްރޭލާއެކު އަރަބިން ގުޅުން ”ނޯމަލައިޒް“ ކުރާނީ ކިހިނެއް ހެއްޔެވެ؟
ފަލަސްޠީނުގެ ބިމުުގެ ހައްގެއް ނެތް ބަޔަކު އެތަނަށް ވެރިވެ ގަނެގެން ޖެނޮސައިޑް ހިންގައި އާބާދީއެއް ފޮހެލީ ނޫން ހެއްޔެވެ؟
ނޯމަލައިޒް ކުރާނީ ކުރިންވެސް އާދައިގެ ނޯމަލް ގުޅުމެއްގައި އުޅުނު އަވަށްޓެރިއަކާ އެކު ނޫން ހެއްޔެވެ؟

ކޮންމެއަކަސް، ޓްރަމްޕް ދަޅަ ދައްކަމުންދާ ”ސުލްޙަ“ ބިނާވެފައިވަނީ ތާރީޚީ އިންސާފު ޑަސްބިމަށް ލައި އޭގެ މަތިންނެވެ. ޓްރަމްޕް ވަނީ ގަސްތުގައި އދން ފާސްކޮށްފައިވާ 242 (ހަނގުރާމަކޮށްގެން ބިން ފޭރިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނާ ޤަރާރު) ގައި ހިމެނޭ 1967 ގެ ބޯޑަރުތަކަށް ގޮން ޖަހައި އެކަން މަތިން ހަނދާން ނައްތާލާފައެވެ.

ޓްރަމްޕަކީ، ޔަހޫދީ މޭރީ އެޑަލްސަން އޭނާގެ ފުރަތަމަ ދައުރުގެ ކެމްޕެއިނަށް ދިން ފައިސާގެ މުގާބިލުގައި ހަދިޔާއެއްގެ ގޮތުން އެ ހުވަފަތް އަންހެނާގެ އެދުމަށް ތެލް އަވީވުން އެމެރިކާގެ އެމްބަސީ ހިފާފައިވާ ޤުުދުސްއަށް ބަދަލު ކުރި ރައީސެވެ!

އދގެ ޤަރާރުތަކަށް އިހުމާލުވުމަށްފަހު، ޓްރަމްޕްގެ ސިޔާސަތުތަކުން ދުނިޔެއަށް ދިން މެސެޖަކީ، އެކަށީގެންވާ އަގެއް ލިބޭނަމަ ބާރުގެ ބޭނުންކޮށްގެން ބިން ފޭރުމަކީ ޤާނޫނީގޮތުން ހުއްދަ ވާނެ ކަމެއް ކަމުގައެވެ.

ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމުގެ ބިންގާ ކަމުގައި ބެލެވުނު އޮސްލޯގެ ދެ މުއާހަދާގެ އެއްބަސްވުންތަކަށް ވެސް އެމެރިކާއާއި އިޒްރޭލުން މިހާރު ވަނީ ފުރަގަސްދީފައެވެ. އޭގެ ބަދަލުގައި ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތަކީ، އިންވެސްޓްމަންޓް ފުރުޞަތުތަކަށް ބަދަލުކުރާ ތަޞައްވުރެއް، އަރަބި ޔަހޫދީ ޒަޔަނިސްޓު މުއްސަނދިންނަށް ޓްރަމްޕް ވަނީ ވިއްކާފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި، މަލްޢޫނު ބެލްފޯރުގެ ޑެކްލެރޭޝަނުން ފެށިގެން މިހާތަނަށް ފަލަސްޠީނު މީހުން ކޮށްފައިވާ ޖިހާދުގެ ތާރީޚަކީ މިހާރުގެ އަރަބިން ގަސްތުގައި އަޅާނުލައި ދޫކޮށްލާފައިވާ ތާރީޚެކެވެ. މިއީ، ޤަރާރުތަކުން ފުރިފައިވާ ތާރީޚެކެވެ. 1972 ވަނަ އަހަރުން ފެށިގެން، އިސްރާއީލާ ދެކޮޅަށް ހުށަހެޅުނު އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ހުއްޓުވުމަށް އެމެރިކާއިން ވަނީ މަދުވެގެން 53 ފަހަރު އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ބޭނުންކޮށްފައެވެ.

  • ޤަރާރު 242 (1967): ހިފާފައިވާ ބިންތަކުން އިސްރާއީލު ސިފައިން ފޭބުމަށް ގޮވާލާފައިވެއެވެ.
  • ޤަރާރު 446 (1979): 1967 ގެ ފަހުން ހިފާފައިވާ ބިންތަކުގައި ހަދާފައިވާ ޔަހޫދީ ބަސްތީތަކާއި އާބާދީތަކަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ތަންތަން ކަމަށް ކަނޑައަޅާފައިވެއެވެ.
  • ޤަރާރު 2334 (2016): ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދުވުމަކީ ޣައިރު ޤާނޫނީ ކަމެއްކަން އަލުން ކަށަވަރުކޮށްދިނެވެ. ނަމަވެސް މިއަށް އަމަލީ ސިފައެއް ނާދެއެވެ.

ދެވަނަ އިންތިފާޟާ ހުއްޓުވުމަށް 2005 ވަނަ އަހަރު ބޭއްވި ޝަރްމުއްޝައިޚް ސަމިޓަށްފަހުވެސް، އިސްރާއީލުގެ އުދުވާންތައް ދިޔައީ އިތުރުވަމުންނެވެ. އެ އެއްބަސްވުމަށްފަހު ހިންގި އަސްކަރީ އޮޕަރޭޝަންތައް ކަމަށްވާ (ކާސްޓް ލީޑް، ޕްރޮޓެކްޓިވް އެޖް، އަދި މިހާރު ހިނގަމުންދާ ފަލަސްޠީނުގެ ޖެނޮސައިޑް ހަނގުރާމަ) ގައި ލައްކަ ފަލަސްޠީނު ރައްޔިތުންނެއް ޝަހީދުކޮށް، އެތައް ހާސް ގެދޮރެއް ވަނީ ސުންނާފަތިކޮށްފައެވެ.

  • ޝަރަމުއްޝައިޚުގައި ސުލްހަ އިއުލާން ކުރި ފަހުންވެސް، ޔަހޫދީ ޖެނޮސައިޑް ދައުލަތުން ވަނީ 1560 ފަހަރު ސުލްހައިގެ ނިންމުމާ ޚިލާފް ވެފައެވެ.
  • 700 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައެވެ.
  • އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް އޮތުމާއި، ވަޒަންވެރިން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށްވެސް ޓްރަމްޕްގެ ސުލްހައިގެ މަޖިލީހުން ބަލާފައެއް ނުވެއެވެ.

ޓްރަމްޕަށް މިހިސާބަށް އާދެވުނީ މުސްލިމުންނާއި އަރަބި ލީޑަރުން އޭނާއަށް ދިން ހިތްވަރުންނެވެ. ގަލްފްގެ އަރަބި ގައުމުތަކަށް ޓްރަމްޕް ދިއުމުން އޭނާއަށް އަގުބޮޑު މަތިންދާބޯޓާއި ހަދިޔާތައް އޮއްސާލައި ޚުޝާމަދު ކުރިއެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރުވެސް ޓްރަމްޕަކީ ސުލްހައިގެ ބާނީ ކަމަށް ހަދައިގެން އޭނާ ނޯބެލްގެ ސުލްހައިގެ އިނާމަށް ނަން ހުށަހެޅުމަށް ތަކުރާރުކޮށް މަސައްކަތް ކޮށް ޚުޝާމަދު ކުރިއެވެ.

ފަހު ޒަމާނުގައި މުހައްމަދުފާނުގެ އުންމަތުގެ މީހުންނަކީ ބައިބޯ ބަޔެއް ކަމުގައިވިއަސް މިފަދަ މީސް މީހުންގެ ހަނުހުރުމާއި، ޚުޝާމަދު ކުރުމާއި، އެއްބާރުލުން ދިނުމުން މި ޒަމާނުގެ ސާމިރީއަށް މި ވަނީ ފަށްފަށުން ކާމިޔާބީ ލިބި ފަލަސްޠީނުގެ ހައްގަށް އަރައި ގަތުމަށް ހިތްވަރު ލިބިފައެވެ. އދން ބުނާ ފަލަސްޠީނުގެ ޖެނޮސައިޑަށް ހަތިޔާރު ސަޕްލައި ކޮށްދިން ކަމަށް އިޒްރޭލުގެ ޕާލަމެންޓްގައި ޓްރަމްޕް އެއްބަސް ނުވޭ ހެއްޔެވެ؟

މިއަދު، ޢަރަބި އަދި މުސްލިމް ބައެއް ވެރިން ވަނީ މި ”ރަން ގެރިއަށް“ ސެލިއުޓު ކުރުމަށް މަގުފަހިކޮށްދީފައެވެ. ފަލަސްޠީނުގެ މިނިވަންކަމުގެ އަސާސީ މައްސަލައަށްވުރެ، އިޤްތިޞާދީ މަންފާތަކަށް އިސްކަންދިނުމުގެ ސަބަބުން، ފަލަސްޠީނުގެ މުޤައްދަސް ބިމަކީ ހަމައެކަނި ވިޔަފާރި މުޢާމަލާތެއްގެ ގޮތުގައި ބަލާ އޮނިގަނޑަކަށް އަރަބި މުސްލިމު ލީޑަރުން މި ވަނީ ބަދަލުކޮށްފައެވެ. މި ލީޑަރުން ވަނީ ބައިނަލްއަގުވާމީ އިއްތިފާގާ ޚިލާފަށް ގުދުސްއަކީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމުގައި ބަލައިގަތް ސާމިރީއަށް އޭނަގެ މަސައްކަތް ނިންމާލުމަށް ފުރުސަތު ދީފައެވެ.

މި ޒަމާނީ ސާމިރީގެ ތަސައްވަރުގެ އެންމެ ނުލަފާ ސިފައަކީ ޣައްޒާ އަލުން ބިނާކުރުމުގެ ނަމުގައި ހިންގާ ޒަޔަނިސްޓު ހިންތާއެވެ.

މި ސުލްހައިގެ މަޖިލިސްގައި ހިމެނޭ ފަލަސްޠީނަށް ނިސްބަތްވާ ހަމައެކަނި މީހަކީ ޓެކްނޮކްރެޓެއް ކަމަށްވާ އަލީ ޝަޢަސް އެވެ. އޭނާ ވެސް ވަނީ ޓްރަމްޕަކީ މި ފަހު ޒަމާނުުގެ ”މުސްލިހު“ ކަމަށް ސިފަ ކޮށްފައެވެ. އޭނާގެ އިންޓަރވިއުތަކުގައި ބުނެފައި ވަނީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތިކޮށްފައިވާ ގެދޮރާއި، ހޮސްޕިޓަލްތަކާއި، އިންސާނީ ފުރާނަތަކުގެ ކުނިތައް ބޭނުންކޮށްގެން މެޑިޓެރޭނިއަން ކަނޑުން ބިން ހިއްކުމުގެ ވާހަކައެވެ. މިއީ ޓްރަމްޕް ބޭނުންވާ ޣައްޒާގެ އައްސޭރިފަށުގައި ބިނާ ކުރާ ރިވޭރާ ޕްރޮޖެކްޓްގެ ވާހަކައެވެ.

މިއީ ޓްރަމްޕްގެ އާއިލާއާއި ބިމާއި އިމާރާތް ކުރުމުގައި އުޅޭ އޭނާގެ ގާތް އެކުވެރިންގެ ވިޔަފާރި މަސްހަލަތަށް ހިންގާ ޕްރޮޖެކްޓެކެވެ.

ޓްރަމްޕްގެ ދަނބިކޮއެ، ޖެރެޑް ކުޝްނާ ވަނީ ޣައްޒާގެ ”މޫދު ފެންނަ ބިންތަކަކީ“ ވަރަށް ”އަގުބޮޑު“ ތަންތަން ކަމަށް ސިފަކޮށް، އެތަނުގެ އާބާދީ ނަގަބް ސަހަރާއަށް ނުވަތަ މިސްރުގެ ސީނާއަށް ބަދަލުކުރުމަށްފަހު އެ ސަރަހައްދު ”ސާފުކުރެވިދާނެ“ ކަމަށް ބުނެ ފައެވެ. ޓްރަމްޕް އަމިއްލައަށް ވެސް ވަނީ ޣައްޒާއަކީ މެދުއިރުމަތީގެ ”ރިވިއޭރާ“ ކަމަށް ބުނެ ކުރެހުންތަކާއެކު އޭނާގެ ތަސައްވުރެން ހާމަކޮށްފައެވެ.

އެމެރިކާގެ ސާމިރީގެ މި ތަސައްވުރަކީ އެންމެ ބޮޑު އޮޅުވާލުމެވެ:

އިންސާނީ ފުރާނަތައް ގެއްލި، ޖެނޮސައިޑް ހިންގައި، 70 އަހަރު ވަންދެން ބޮޑު ހިތްދަތިކަމެއް ކުރިމަތިކޮށްފައިވާ ރޫހާނީ މުހިންމުކަން އެކުލެވޭ ޣައްޒާގެ ބިންފަދަ ބިމެއް، މުއްސަނދިންނަށް ޚާއްސަ ލަގްޒަރީ އަވަށަކަށް ބަދަލުކޮށްލުމުގެ އޮޅުވާލުމަކީ މައާފް ކުރެވޭނެ ޖަރީމާއެއް ނޫނެވެ.
އަހަރެމެންގެ މި ޒަމާނުގެ ސާމިރީގެ މި ”ރަން ގެރިއަކީ“ ގެދޮރުން ބޭރުކޮށްލެވިފައިވާ ބައެއްގެ ބިމުގައި ހަދާ ލަގްޒަރީ އިމާރާތްތަކެކެވެ. މިއީ، ކުރިމަގުގައި ލިބޭނެ މުއްސަނދިކަމުގެ ދަޅައެއް ދައްކައިގެން، ނަސްލަކާއި ގައުމެއް ފޮހެވިގެންދާ މަންޒަރު ދުނިޔެއަށް ފޮރުވުމަށް ރާވާފައިވާ ރޭވުމެކެވެ.

މި ލިޔުމާ ގުޅޭ