ޓްރަމްޕް ވަނީ، މިނެސޯޓާގެ ސޯމާލީ އެމެރިކަން މުޖުތަމައުގެ މެންބަރުން ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ވަގުތު މަޖިލީހުގެ ތަޅުމުގައި އިންނެވި އިލްހާން ވަނީ ވަގުތުން އެކަމަށް ރައްދުދެއްވައި، ރައީސްއަކީ ”ދޮގުވެރިއެއް“ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ”ސޯމާލިއާގެ ކަނޑުފޭރޭ މީހުން“ ވަނީ ”މިނެސޯޓާ ސުންނާފަތިކޮށްފައެވެ.“
އަދި ސޯމާލީ މުޖުތަމައުގެ ތެރޭގައި ހިމެނޭ ބަޔަކު އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ ފައިސާއިން ގާތްގަނޑަކަށް 19 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ތުހުމަތުތައް ހިޖުރަކުރުމާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅުވަމުން ޓްރަމްޕް ވިދާޅުވީ، ”ހިފެހެއްޓުމެއް ނެތް ހިޖުރަކުރުމާއި ހުޅުވިފައިވާ ބޯޑަރުތަކުގެ“ ސަބަބުން އެމެރިކާއަށް ކޮރަޕްޝަނާއި ގާނޫނާ ޚިލާފު އަމަލުތައް ވަންނަމުންދާ ކަމަށެވެ.
މިނެސޯޓާގެ ފަސްވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލުކުރައްވާ ސޯމާލީ ދަރިކޮޅުގެ އިލްހާން އުމަރު ވަނީ އޭނާގެ ގޮނޑީގައި އިންނަވައިގެން ރައީސްގެ ވާހަކަފުޅުތަކަށް ތަކުރާރުކޮށް ގޮންޖައްސަވާފައެވެ.
އެއް ފަހަރަކު، އިލްހާން ”ލަދުގަންނަން ޖެހޭނެ“ ކަމަށް ޓްރަމްޕް ވިދާޅުވުމުން، އޭނާ ރައްދުގައި ވިދާޅުވީ ”ތިޔަބޭފުޅާ ވަނީ އެމެރިކާ ރައްޔިތުން މަރާފައި ހުރި މީހާ!، ލަދުގަންނަން ޖެހޭނީ ތިޔަބޭފުޅާ“ ކަމަށެވެ.
މި ތަގުރީރުގެ ތެރޭގައި މަސްރަހު ހޫނުވެގެން ދިޔައިރު، މިޝިގަންގެ ޑިމޮކްރެޓިކް މެމްބަރު ފަލަސްޠީނު ދަރިކޮޅުގެ ރާޝިދާ ތުލައިބު ވެސް ވަނީ އިލްހާނާ ބައިވެރިވެވަޑައިގެން ޓްރަމްޕަކީ ދޮގުވެރިއެއް ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ދެއްވާފައިވާ ތަގުރީރުތަކުގައި ވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް އިލްހާނަށް އަމާޒުކޮށް ދޮގު ޕްރޮޕެގެންޑާ ފަތުރާފައެވެ.
އޭގެ ތެރޭގައި އޭނާއަކީ ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް އައި މީހަކަށް ވުމާއި، އޭނާ ގެންގުޅުއްވާ ސިޔާސީ ފިކުރަށް ޓްރަމްޕް ފާޑުވިދާޅުވެއެވެ.
އިލްހާން އަބަދުވެސް މިފަދަ ހަމަލާތައް ދޮގުކުރައްވައެވެ. އޭނާ ސިފަކުރައްވާ ގޮތުގައި މިއީ ބޮލުރޮދި ކެނޑިފައިވާ ޓްރަމްޕްގެ ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ އަމަލުތަކެއް ކަމަށާއި، މީގެ ސަބަބުން ހިޖުރަވެރި މުޖުތަމައުތަކަށް ގެއްލުން ލިބެއެވެ.
އަދި އެމެރިކާގައި އޮތް އެންމެ ބޮޑު އެއް ސޯމާލީ މުޖުތަމައު ކަމަށްވާ މިނެސޯޓާގެ ސޯމާލީ ރައްޔިތުން އެގައުމުގެ އިގްތިސާދަށާއި ސަގާފަތަށް ދޭ ހިއްސާ ފާހަގަކުރައްވައި، އޭނާ ވަނީ އެ މުޖުތަމައުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.






