އަސްވާރުންނާއެކު ސަލާމާއި ސަލަވާތްލެއްވި ކީތިރި ރަސޫލާއަށް ހުރަހެއް ނެތި މައްކާ ފަތަޙަ ކުރެއްވުމަށް ފަސޭހަވެގެންދިޔައެވެ. މުސްޝްރިކުންގެ ކިބުރުވެރިކަމާއި ބޮޑާކަން ނިމުމަކަށް އައެވެ. އެމީހުންގެ ހަނދާނަށް އައީ ޝިޢުބު އަބީޠާލިބްއާއި އެނޫންވެސް ހާލަތްތަކާއި ހާދިސާތަކުގައި އެމީހުން ކީރިތި ރަސޫލާއަށް ގޯނާ ކުރި ހާދިސާތަކެވެ.
މިހާރު މިއެންމެނަށްވެސް މުހިންމު ވެފައި ވަނީ އެމީހުންގެ ފުރާނައެވެ. މުސްތަގްބަލެވެ. ދެން ވާނެ ގޮތެވެ!
ރަސޫލާގެ އަރިހަށް އައިސް ކޮންމެ މީހަކުވެސް ސުއާލު ދެންނެވީ ތިމަންނާއަށް ދެން ވާނީ ކިހިނަކުންތޯއެވެ!
އެކަލޭގެފާނު ޙަދީޘް ކުރއްވިއެވެ. ”ދާށެވެ! ތިބާއީ މިނިވަނުންނެވެ!“ މއީ، އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ނަސްރު ހޯއްދެވި ކޮމާންޑަރަކު އޭނާގެ ދުޝްމަނުންނަށް ގަނޑުކޮށް އަފޫއާންމެއް ދެއްވި ފުރަތަމަ ހާދިސާގެ ގޮތުގައި އިންސާނީ ތާރީޚުގައި ލިޔެވުނު ހާދިސާއެވެ.
މައްކާ ފަތަޙަ ކުރުމުގެ ހާދިސާއަކީ އިސްލާމީ ތާރީޚުގައި ހިނގައިދިޔަ ވަރަށް މަތިވެރި ހާދިސާއެކެވެ. އަދި މިއީ އިސްލާމްދީން މުޅި އަރަބިކަރައަށް ފެތުރިގެން ދިއުމަށް މަގުފަހިވެގެންދިޔަ، ބޮޑު ބަދަލެއް ގެނުވި ކާމިޔާބީއެކެވެ. މި ފަތަހައާއެކު އަރަބި ބިމުގައި ކާފަރުންގެ އެންމެ ވަރުގަދަ މަރުކަޒުތައް ބަލިވެ، މީސްތަކުން ފައުޖުފައުޖަށް ﷲ ގެ ދީނަށް ވަންނަން ފެށިއެވެ. އަދި މައްކާއަކީ އިސްލާމްދީނުގެ ވަރުގަދަ ކިއްލާއަކަށް ވެގެންދިޔައެވެ.
މައްކާ ފަތަހަކުރެވުނީ ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުއެވެ. ހައްގުގެ ބާރާއި ފަތަހަވެރިންގެ އަދުލުވެރިކަން މުޝްރިކުން ހައިރާންކޮށްލިއެވެ. އެއީ ހިތްތަކުގެ ފަތަހައެކެވެ. އަދި އަފޫއާންމުގެ މޫސުމެކެވެ. އެ ފަތަހައަށްފަހު، މައްކާ ވެގެންދިޔައީ އިސްލާމްދީނުގެ ނޫރު ފަތުރާ ދަންމަރަކަށާއި މުސްލިމުންގެ ގިބުލައަށެވެ.
ހިޖުރައިން 6 ވަނަ އަހަރު ރަސޫލާ ﷺ އާއި ގުރައިޝު ވަންހައިގެ މީހުންނާ ދެމެދު ކުރެވުނު ހުދައިބިއްޔާގެ ސުލްހައިގެ އެއްބަސްވުމުގެ މާއްދާތަކުގެ ތެރޭގައި، ރަސޫލާގެ އިއްތިހާދާއި އަހުދުނާމާގައި ބައިވެރިވާން ބޭނުންވާ ބަޔަކަށް އެ ފުރުސަތު އޮތުމަށާއި، ހަމައެފަދައިން ގުރައިޝުންގެ އިއްތިހާދާއި އަހުދުނާމާގައި ބައިވެރިވާން ބޭނުންވާ ބަޔަކަށް އެ ފުރުސަތު އޮތުން ހިމެނެއެވެ. އެގޮތުން ”ޚުޒާއާ“ ގަބީލާ ރަސޫލާ ﷺ ގެ އަހުދުނާމާގައި ބައިވެރިވިއިރު، ”ބަނޫ ބަކުރު“ ގަބީލާ ބައިވެރިވީ ގުރައިޝުންގެ އަހުދުނާމާގައެވެ.
މި ދެ ގަބީލާގެ ދެމެދުގައި މެދުނުކެނޑި ހަނގުރާމަތައް ހިނގަމުން ދިޔައެވެ. ބަނޫ ބަކުރު ގަބީލާއިން ބޭނުންވީ ޚުޒާއާ ގަބީލާގެ ކިބައިން ބަދަލުހިފުމަށެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތެއްގައި އެމީހުންނަށް ހަމަލާދީ، އޭގެ ތެރެއިން ބަޔަކު މަރާލިއެވެ. ގުރައިޝުން ސިއްރިއްޔާތުގައި ހަތިޔާރާއި މީހުން ފޮނުވައިގެން ބަނޫ ބަކުރު ގަބީލާއަށް އެހީތެރިވިއެވެ. މިއީ ރަސޫލާ ﷺ އާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފުވުމެކެވެ. ޚުޒާއާ ގަބީލާއިން ރަސޫލާ ﷺ ގެ އަރިހަށް މީހަކު ފޮނުވައި، ގުރައިޝުން އެމީހުންގެ އެކުވެރިންނަށް ޣަދަރުވެރިވިކަމުގެ ޚަބަރު ދިނެވެ.
ރަސޫލާ ﷺ މުސްލިމުންނަށް އަމުރުކުރެއްވީ އެކުވެރި ޚުޒާއާ ގަބީލާއަށް ނަސްރު ދިނުމަށްޓަކައި މައްކާއަށް ދިއުމަށް ތައްޔާރުވުމަށެވެ. އަދި މުސްލިމުންގެ ލަޝްކަރު ކުއްލިއަކަށް މައްކާއަށް ވަނުމަށްޓަކައި، މިކަން ގުރައިޝުންނަށް ސިއްރުކުރުމަށް ވަސިއްޔަތް ކުރެއްވިއެވެ.
ގުރައިޝުންނަށް އެމީހުން ކުރި ކަންތަކުގެ ނުރައްކާތެރިކަން ވިސްނި، ބޮޑު އުނދަގުލެއްގެ ތެރެއަށް ވެއްޓިއްޖެކަން އެނގުނެވެ. އެހެންކަމުން އެމީހުންގެ ވެރިޔާ އަބޫ ސުފްޔާން ބިން ޙަރްބު، މައްސަލަ ހައްލުކޮށް ސުލްހަ އާކުރުމަށްޓަކައި މަދީނާއަށް ޑިޕްލޮމެޓިކް ދަތުރެއްގައި ދިޔައެވެ. ނަމަވެސް، ރަސޫލާ ﷺ ހަނގުރާމައަށް ގަސްދުކުރައްވައި ތައްޔާރުވުމަށް އަމުރުކުރައްވާފައިވާތީ، އެ ފުރުސަތު ގެއްލިފައިވާކަން އޭނާއަށް އެނގުނެވެ.
ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 10 ވަނަ ދުވަހު، ރަސޫލާ ﷺ 10 ހާސް ސަހާބީންގެ ލަޝްކަރަކާއެކު މައްކާ ފަތަހަކުރެއްވުމަށް މަދީނާއިން ނުކުމެވަޑައިގަތެވެ. އަދި މަދީނާގެ ވަށައިގެންވާ ގަބީލާތަކަށް (އަސްލަމް، މުޒައިނާ، ޖުހައިނާ، ޣިފާރު، އަދި ސުލައިމް) އެކަލޭގެފާނާއެކު ނުކުތުމަށް އެދިވަޑައިގަތުމުން، އެ ގަބީލާތަކުން 2،000 މީހުން އައިސް ބައިވެރިވިއެވެ. އެއާއެކު މުސްލިމުންގެ ލަޝްކަރުގެ ޖުމްލަ އަދަދު12 ހާހަށް އެރިއެވެ.
ރަސޫލާ ﷺ އާއި މުސްލިމުން ރޯދައަށް ތިއްބަވައިގެން ދަތުރުކުރައްވަނިކޮށް، ”އަލްޖުޙްފާ“ އޭ ކިޔުނު ތަނަކަށް ފޯރިއިރު، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަލްޢައްބާސް ބިން ޢަބްދުލްމުއްޠަލިބް (ރަޟިޔަﷲ ޢަންހު) އާ ބައްދަލުވިއެވެ. އެކަލޭގެފާނު ހުންނެވީ އަނބިދަރިންނާއެކު މަދީނާއަށް ހިޖުރައަށް ނުކުމެވަޑައިގެންނެވެ. ދެން ރަސޫލާ ﷺ އާއެކު މައްކާއަށް ދަތުރުފެށްޓެވިއެވެ.
މައްކާއާ ކައިރީގައިވާ ”މައްރުއްޡަހްރާން“ ވާދީއަށް ފޯރުމުން، ޢައްބާސްގެފާނު ރަސޫލާ ﷺ ގެ ހުދު ބަޣަލަށް ސަވާރުވެވަޑައިގެން، މުސްލިމުންގެ ލަޝްކަރު އަންނަ ޚަބަރު ދޭނެ މީހަކު ހޯއްދެވުމަށް ނުކުމެވަޑައިގަތެވެ. އެއީ ގުރައިޝުންނަށް އެކަން އަންގައި، ހަނގުރާމައަކަށް ދިއުމުގެ ކުރިން ރަސޫލާ ﷺ ގެ އަރިހުން އަމާންކަމަށް އެދުމަށް ބާރުއެޅުމަށެވެ.
އެ ވަގުތު އަބޫ ސުފްޔާން ހުރީ މައްކާއިން ބޭރުގައި ޚަބަރުތައް ހޯދުމުގެ މަސައްކަތުގައެވެ. ޢައްބާސްގެފާނާ އޭނާއާ ބައްދަލުވެ، ރަސޫލާ ﷺ ގެ އަރިހުން އަމާންކަމަށް އެދުމަށް އެކަލޭގެފާނާއެކު ދިއުމަށް ނަސޭހަތްތެރިވިއެވެ. އެހެންކަމުން އޭނާ އެކަލޭގެފާނާއެކު ދިޔައެވެ. ރަސޫލާ ﷺ ގެ އަރިހަށް ވަނުމުން، އެކަލޭގެފާނު އަބޫ ސުފްޔާނަށް މުޚާތަބުކުރައްވައި ހަދީޘްކުރެއްވިއެވެ: ”އޭ އަބޫ ސުފްޔާނެވެ! ކަލޭގެއަށް ހަލާކު ހުއްޓެވެ! ﷲ މެނުވީ އިލާހަކު ނުވާކަން ދެނެގަންނާނެ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟… އަދި ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން ދެނެގަންނާނެ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟“
އެ ހާދިސާއަށް ފަހު، އަބޫ ސުފްޔާން އިސްލާމްވިއެވެ. ޢައްބާސްގެފާނު ދެންނެވިއެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! އަބޫ ސުފްޔާނަކީ (ހަސަބާއި ނަސަބުން) ފަޚުރުވެރިވުމަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން އޭނާއަށް ކަމެއް (ޝަރަފެއް) ދެއްވާށެވެ.“
ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ.
”އާނއެކެވެ. އަބޫ ސުފްޔާންގެ ގެއަށް ވަން މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަދި އަމިއްލަ ގޭގެ ދޮރު ބަންދުކޮށްގެން ހުރި މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަދި މަސްޖިދުލް ޙަރާމަށް ވަން މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ.“
މުސްލިމުންގެ ލަޝްކަރު ”މައްރުއްޡަހްރާން“ އިން ފުރައިގެން މައްކާއަށް މިސްރާބުޖެހިއެވެ.
އަބޫ ސުފްޔާން އަވަސްއަވަހަށް އޭނާގެ ގައުމުގެ މީހުންގެ ގާތަށް ގޮސް ބާރަށް ގޮވައިލިއެވެ: ”އޭ ގުރައިޝުންގެ މީސްތަކުންނޭވެ! މިއޮތް އައީ މުޙައްމަދެވެ. ތިޔަބައިމީހުންނަށް ކުރިމަތިނުލެވޭނެ ފަދަ ބާރަކާއެކުގައެވެ. އަބޫ ސުފްޔާންގެ ގެއަށް ވަން މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަދި އަމިއްލަ ގޭގެ ދޮރު ބަންދުކޮށްގެން ހުރި މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަދި މިސްކިތަށް (މަސްޖިދުލް ޙަރާމަށް) ވަން މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ.“
އެއާއެކު މީސްތަކުން އެކި ދިމަދިމާއަށް ގޮސް، އެމީހުންގެ ގެތަކުގައާއި މަސްޖިދުލް ޙަރާމްގައި ރައްކާތެރިކަން ހޯދިއެވެ.
މާތް ނަބިއްޔާ ”ޛީ ޠުވާ“ އާ ހަމައަށް ވަޑައިގެން އެކަލޭގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވާލެއްވިއެވެ. އެއްބައިގެ އަމީރަކަށް ޚާލިދު ބިން އަލްވަލީދު ހަމަޖައްސަވައި، މައްކާގެ ތިރީ ފަރާތުން ވަދެވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އަދި އަނެއް ބައިގެ އަމީރަކަށް ޒުބައިރު ބިން އަލްޢައްވާމް ހަމަޖައްސަވައި މައްކާގެ މަތީ ފަރާތުން ވަދެވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އަދި ތިންވަނަ ބައިގެ އަމީރަކަށް އަބޫ ޢުބައިދާ ބިން އަލްޖައްރާޙް ހަމަޖައްސަވައި، ވާދީގެ މެދުން ވަދެވަޑައިގަތުމަށް އަމުރުކުރެއްވިއެވެ.
އަދި ހަނގުރާމަ ނުކުރުމަށާއި، ހަމަލާދޭ މީހަކަށް މެނުވީ ރައްދު ހަމަލާ ނުދިނުމަށް ލަޝްކަރުގެ ތިން އަމީރުންނަށް ރަސޫލާ އިރުޝާދު ދެއްވިއެވެ.
އިސްލާމީ ލަޝްކަރު މައްކާއަށް ވަދެވަޑައިގަތްއިރު، މައްކާގެ އަހުލުވެރިންގެ ފަރާތުން ހަނގުރާމަވެރި ލަޝްކަރަކާ ކުރިމަތިލާކަށް ނުޖެހުނެވެ. ނަމަވެސް ޚާލިދު ބިން އަލްވަލީދުގެ ލަޝްކަރާއި، ޢިކްރިމާ ބިން އަބީ ޖަހުލުގެ ލީޝާޝިޕްގެ ދަށުގައި ތިބި ޤުރައިޝުންގެ މަދު ބަޔަކާ ދެމެދު ކުޑަ ކުރިމަތިލުމެއް ހިނގިއެވެ. އެމީހުން އަމާންކަން ގަބޫލުކުރުމަށް އިންކާރުކޮށް، ބާރުގެ ބޭނުންކޮށްގެން މުސްލިމުން ހުއްޓުވަން ބޭނުންވިއެވެ. މި ކުރިމަތިލުމުގައި ދެފަރާތުންވެސް މަދު ބަޔަކު މަރުވިއެވެ. އެއަށްފަހު ޤުރައިޝުންގެ އެ ގްރޫޕްގެ މީހުން ސަލާމަތްވުމަށްޓަކައި އެމީހުންގެ ގެތަކަށް ފިލަން ދިއުމުން އެކަން ނިމުމަކަށް އައެވެ.
ރަސޫލާ މައްކާގެ މަތީ ފަރާތުން ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ކުރިފުޅުގައާއި، އަދި ފަހަތްޕުޅުގައި، ވަށައިގެން މުސްލިމުން ތިއްބަވައިގެން މަސްޖިދުލް ޙަރާމަށް ވަދެވަޑައިގަންނަވަންދެން ކުރިއަށް ވަޑައިގެންނެވިއެވެ.
އެއަށްފަހު ޙަޖަރުލް އަސްވަދު ކައިރިއަށް ވަޑައިގެން އެކަލޭގެފާނު އޭގައި އަތްބީއްސަވައި، ކައުބަތުﷲ ގެފުޅު ވަށައިގެން ޠަވާފު ކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދުނިދަނޑިން ކައުބާގެ ވަށައިގެން ބަހައްޓާފައި ހުރި 360 ބުދު ވައްޓަވަމުން ގެންދެވިއެވެ.
އަދި މާތްﷲ ގެ މި ވަޙީބަސްފުޅުތައް ކިޔަވައިވިދާޅުވަމުން ގެންދެވިއެވެ: ”وقل جاء الحق وزهق الباطل إن الباطل كان زهوقا“ އަދި ”قل جاء الحق وما يبدئ الباطل وما يعيد“ ވިދާޅުވިއެވެ.
ޠަވާފު ފުރިހަމަކުރެއްވުމަށްފަހު، ކައުބާގެ ތަޅުދަނޑިއާ ހަވާލުވެ ހުންނެވި ޢުޘްމާން ބިން ޠަލްޙާ އަށް ގޮވާލައްވައި، އޭނާގެ އަތުން ތަޅުދަނޑި އަތުލެއްވިއެވެ. އަދި ކައުބާ ހުޅުވުމަށް އަމުރުކުރެއްވިއެވެ. އެއަށްފަހު އެތެރެއަށް ވަދެވަޑައިގެން، އެތަނުގައި ހުރި ޝިރުކުގެ ކުރެހުންތައް ފޮހެލުމަށް އަމުރުކުރެއްވިއެވެ. ދެން ކައުބާގެ އެކި ކަންކޮޅުތަކުގައި ހިނގާލެއްވުމަށްފަހު އެތެރޭގައި ނަމާދުކުރެއްވިއެވެ. އެއަށްފަހު ބޭރަށް ނުކުމެވަޑައިގެން، ކައުބާގެ ތަޅުދަނޑި އަލުން ޢުޘްމާން ބިން ޠަލްޙާ އާ ހަވާލުކުރައްވައި، އެ ތަޅުދަނޑި އަބަދަށްޓަކައި އޭނާގެ ޚާންދާންގައި ދެމިއޮންނާނެ ކަމަށް އަމުރުކުރެއްވިއެވެ.
ޤުރައިޝްގެ މީހުން ތިބީ، އެމީހުންނާ މެދު މުއާމަލާތު ކުރެވޭނެ ގޮތެއް ބަލާށެވެ! އެކަލޭގެފާނު އެމީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ: ”އޭ ޤުރައިޝުންގެ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ މެދު ކަންތައް ކުރައްވާނީ ކޮން ގޮތަކަށް ކަމަށް ހީކުރަން ހެއްޔެވެ؟“ އެމީހުން ދެންނެވިއެވެ: ”ކަލޭގެފަނަކީ، ކަރީމް މާތް އަޚެކެވެ. އަދި ކަރީމް މާތް އަޚެއްގެ ދަރިކަލެކެވެ.“
އެކަލޭގެފާނު ވިދާޅުވިއެވެ: ”ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވި ފަދައިން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވިދާޅުވަމުއެވެ:
’މިއަދު ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް މަލާމާތެއް ނެތެވެ.‘ ދާށެވެ! ތިޔަބައިމީހުންނީ މިނިވަންވެފައިވާ ބަޔެކެވެ.“
އަދި ޤުރައިޝުން އަޑުއަހަން ތިއްބާ، ކައުބާގެ މައްޗަށް އަރައި ބަންގި ގޮވުމަށް ބިލާލްގެފާނަށް އަމުރުކުރެއްވިއެވެ.
މައްކާ ފަތަޙަކުރެއްވި ދުވަހުގެ ޖެހިގެން އައި ދުވަހު، މުޙައްމަދު ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މަތިވެރި ޚުޠުބާއެއް ދެއްވިއެވެ. އެ ޚުޠުބާގައި ދީނުގެ ބައެއް މުހިންމު ކަންކަމާއި، އަމާންވެގެންވާ މައްކާގެ މާތްކަމާއި ހުރުމަތް ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު މައްކާގެ ފިރިހެނުންނާއި އަންހެނުންގެ ކިބައިން ކިޔަމަންތެރިކަމުގެ ބައިޢަތު ހިއްޕެވިއެވެ. އޭގެ ފަހުން 19 ދުވަސް ވަންދެން އެކަލޭގެފާނު މައްކާގައި މަޑުކުރައްވައި، އިސްލާމްދީނުގެ އުޞޫލުތަކާއި އުނގަންނައިދިނުންތައް ސާފުކޮށްދެއްވައި، އެ ރަށުގެ އިދާރީ ކަންކަން ތަރުތީބުކުރެއްވިއެވެ. އެއީ މައްކާ ފަތަޙަ ކުރުމުގެ ހާދިސާއެވެ!
ކާފު ނިއުސް






