އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ތަކަށް ހަމަލާ ދިނުމަކީ އެމެރިކާއާއި އިޒްރޭލު ފަދަ އެގައުމުގެ ދުޝްމަނުން އަމިއްލައަށް މަރުވުން ފަދަ ކަމެއް ކަމަށް ވިދާޅުވެ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގަރް ޣާލިބާފް އިންޒާރު ދެއްވައިފިއެވެ.
އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދިނުމުން ”ލޮލަލަކަށް ލޮލެއް“ ގެ އުސޫލުން ކުރަމުންދިޔަ ހަނގުރާމަ މިހާރުވަނީ މުޅިން އައު އުސްމިންތަކަކަށް ގޮސްފައި ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާއާއި އިޒްރޭލުން އުންމީދު ކުރިފަދަ ގޮތަކަށް އީރާނުގެ ރައްޔިތުން އަމަލު ނުކުރިމުން އެ ދެގައުމުން މިހާރުވަނާ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށެވެ. އީރާނު ރައްޔިތުން ވަނީ ދުޝްމަނުންގެ ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިއީ އިޒްރޭލާއި އެމެރިކާއަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދެނީ، ހަނގުރާމައިން އެ ދެގައުމަށް ލިބެނުންދާ ނާކާމިޔާބީތައް ފޮރުވަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެފަދަ ތަންތަނަށް ހަމަލާދީގެން އެ ދެގައުމަށް ހާސލްވާނޭ އެއްޗެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިޒްރޭލާއި އެމެރިކާއިން ވަނީ އީރާނުގެ ހަމަހިމޭންކަން ނަގާލާފައި ކަމަށާއި ދެން އީރާނުން މަޑުން ނޯންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






