އީރާނުން ދެން ޤަތަރަށް ހަމަލާއެއް ދީފިކަމަށްވާނަމަ އީރާނުގެ ސައުތުޕާސް ގޭސް ދަނޑުތައް ވުޖޫދުން ފޮހެލާނޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ މި އިންޒާރު ދެއްވީ އީރާނުން ޤަތަރުގެ ރަސްލަފާންގައި ހުންނަ ގޭސް ފެސިލިޓީއަށް ހަމަލާދީ ބޮޑެތި ގެއްލުން ދިނުމާ ގުޅިގެންނެވެ.
ޓްރަމްޕު އީރާނަށް އިންޒާރު ދެއްވަމުން ވިދާޅުވެފައިވަނީ އިޒްރޭލުން ވެސް ދެން އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާ ނުދޭނޭ ކަމަށެވެ.
އީރާނުން ޤަތަރަށް ހަމަލާދިނީ އީރާނުގެ ދެކުނުގައިވާ ގޭސް ދަނޑުތަކަށް ހަމަލާދީ އެތަނަށް ގެއްލުން ދިނުމުންނެވެ. އީރާނަށް މައްސަލައަކަށްވަނީ އެގައުމަށް ހަމަލާދިނުމަށް ޤަތަރު ފަދަ އެކުވެރި ގައުމުތަގެ ވަސީލަތްތައް އެމެރިކާ އަދި އިޒްރޭލް ބޭނުން ކުރުމަށް އެގައުމުތަކުން ހުއްދަދޭތީއެވެ. އެކަން އެހެން ވިޔަނުދިނުމަށް އީރާނުންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. އެގައުމުން ބުނަނީ އީރާނަށް ހަމަލާ އަންނަ ކޮންމެ ދިމާއަކަށް ހަމަލާ ދޭނޭ ކަމަށެވެ.
އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޢަތަރުގެ އިތުރުން ސައުދީއަށާއި، އަބޫދާބީގައި ހުންނަ ހަބްޝާން ގޭސް ފެސިލިޓީތަކަށް ހަމަލާ ދީފައެވެ. އޭގެ ސަބަބުން އެތަންތަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ސައުދީއަށް ދިން ހަމަލާއާ ގުޅިގެން އެގައުމުން ބުނެފައިވަނީ އީރާނަށް ކުރަމުންއައި އިތުބާރު މިހާރުވަނީ ފުނޑުފުނޑުވެފައި ކަމަށެވެ.






