އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ: ސަޢުދީ

އަހުމަދު މުހައްމަދު
މާރޗް 19, 2026

އީރާނުން ސަޢޫދީ ޢަރަބިއްޔާއަށާއި އަވަށްޓެރި އެހެން ގައުމުތަކަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުގައި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނޭ ކަމުގެ އިންޒާރު ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް ސަޢުދު ދެއްވައިފިއެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިރާނާ ދެކޮޅަށް ސިޔާސީ ގޮތުން ވެސް ފިޔަވަޅު އެޅިދާނޭ ކަމަށެވެ. އެހެންނަމަވެސް އަސްކަރީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތުގައި އެކަންކުރާނޭ ހަތިޔާރާއި ވަސީލަތްތައް ވެސް ސަޢޫދީގައި ހުންނާނޭ ކަމަށް ވިދާޅުވިއެވެ.

ޕްރިންސް ފައިސަލް ވިދާޅުވީ އީރާނުގެ ހަމާލާތަކަށް ކެތްކޮށްގެން ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށެވެ. ކެތްކުރުމުގައި ވެސް ހައްދެއް އޮންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނަށް ހަމަލާ ދިނުމުގެ ފުރިހަމަ ގާބިލްކަން ސަޢުދީ އަރަބިއްޔާގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުގައި ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އީރާނުން މިކަންކަމަށް ވިސްނައި ކުރިއަށްއޮތް ތަނުގައި ސިޔާސަތު ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދީ ޚާރިޖީ ވަޒީރު ތުހުމަތު ކުރެއްވި ގޮތުގައި އީރާނުން އެއްބަސް ނުވިޔަސް އެގައުމުން އަވަށްޓެރި ގައުމުތަކަށް ހަމަލާދެމުން ގެންދަނީ ވަރަށް ބޮޑަށް ދުރާލައި ރާވައިގެންނެވެ.

ޕްރިންސް ފައިސަލް ވިދާޅުވީ އޭނާ އުންމީދު ކުރައްވަނީ އަވަށްޓެރިންނަށް ހަމަލާ ދިނުން އީރާނުން ހުއްޓާލާނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ވިސްނުމެއް އީރާނުގެ ލިޑަރޝިޕް ބޭފުޅުންގެ ހުރިތޯ ޝައްކު ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *