އީރާނުގެ މޮޒައިކް ޑޮކްޓަރިން: އީރާނުގެ ދިފާޢީ ނިޒާމުގެ ހަރުދަނާ ފަލްސަފާ

ޢަބްދުﷲ ސަޢީދު
މާރޗް 19, 2026
އީރާނަކީ އަސްކަރީ ގޮތުން ކިހާ ބާރުގަދަ ޤައުމެއްކަން އެ ޤައުމުން ދަނީ އެމެރިކާއާއި އިޒުރޭލުން އެ ޤައުމާ ދެކޮޅަށް ފެށި ނިރުބަވެރި ހަނގުރާމައިގައި ސާބިތުކޮށްދެމުންނެވެ. ދުނިޔޭގެ އަސްކަރީ އެންމެ ބޮޑު ބާރާއި ޒަޔަނިސްޓު ދައުލަތުން ހީކުރި ކަހަލަ އަވަސް ނަތީޖާއެއް ނުނެރެވި ހަނގުރާމަ ދިގުލައިގެން މިދަނީ ކީއްވެގެންތޯއެވެ؟ އީރާނުގެ ރޫޙީ ލީޑަރާއި އެތައް އިސްވެރިންނެއް ޝަހީދުކޮށްލުމުން ވެސް އީރާނުގެ ދިފާޢީ ފާރު ފޫއަޅުވާ ނުލެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟
އީރާނުގެ އެތަކެއް ލީޑަރުންނެއް ޝަހީދުކޮށް، އެތައް ތަނެއް ބިމާ ހަމަކޮށް ސްކޫލުތަކާއި ހަސްފަތާލުތަކަށް ހަމަލާދީ ކިޔަވާ ކުދިންނާއި އާންމުންގެ އެތައް ބަޔަކު ދުޝްމަނުންގެ ހަމަލާތަކުގައި ޝަހީދުވެއްޖެއެވެ. އޭގެ ބަދަލުގައި އީރާނުން އެންމެ ތަންފުކެއް ވެސް ދޫނުދީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ. އީރާނުން އިޒުރޭލަށް ދެމުންދާ ގެއްލުންތައް ވެސް ވަރަށް ބޮޑެވެ. އަދި އެމެރިކާ އާއި އެމެރިކާގެ ބައިވެރީންނަށް ވެސް ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑެވެ. މި ހަނގުރާމަ ހުއްޓާލަން އެމެރިކާއާއި އިޒުރޭލުން ކިތަންމެ ބޭނުންވިޔަސް އެ ބާރު ވެސް އޮތީ އިރާނުގައެވެ.
ސާޅީހަކަށް އަހަރު ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތް އީރާނުގެ އަސްކަރީ މި ޤާބިލިއްޔަތުގެ ފަހަތުގައި ވަނީ އީރާނުގެ ދިފާޢީ އިސްތިރާޖީ ފަލްސަފާއެވެ. އެ ފަލްސަފާއަކީ ”މޮޒައިކް ޑޮކްޓަރިން“ (Mosaic Doctrine) އެވެ. މިއީ އެ ޤައުމަށް ކުރިމަތިވެދާނެ ބޭރުގެ އުދުވާންތަކުން ސަލާމަތްވުމަށާއި، ދުޝްމަނުންގެ ބާރު ކަނޑުވާލުމަށް ފަރުމާކޮށްފައިވާ އާދަޔާޚިލާފު އާ ދިފާޢީ ނިޒާމެކެވެ.
ނިޒާމު އުފަންކުރިގޮތް:
އީރާނުގެ މަރުކަޒީ ކޮމާންޑް ސްޓްރަކްޗަރ އާއި ލީޑަރޝިޕް ނުވަތަ މުވާސަލާތީ ނެޓްވޯކްތައް ދުޝްމަނުން ހަމަލާދީ ނައްތާލި ނަމަވެސް، އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ލަޝްކަރު ދެމި އޮވެ، ހިނގަމުންދާގޮތަށް ފަރުމާކޮށްފައިވާ ލާމަރުކަޒީ އަސްކަރީ މި ނިޒާމުގެ މޭސްތިރިއަކީ 2005 ވަނަ އަހަރުން 2008 ވަނަ އަހަރަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރުޖީސީ) ގެ ކޮމާންޑަރަކަށް ހުންނެވި ޖެނެރަލް މުޙައްމަދު ޢަލީ ޖާފަރީ އެވެ. އީރާނުގެ މި އާ ދިފާޢީ ޑޮކްޓްރިންގައި އީރާން 31 އޮޓޮނޮމިކް ޕްރޮވިންޝަލް ކޮމާންޑަކަށް ވަނީ ބަހާލާފައެވެ. މި ނިޒާމު އީރާނުން އެކުލަވާލީ 2003 ވަނަ އަހަރު އެމެރިކާއާއި ގުޅިފައިވާ ބާރުތަކުގެ ކުރިމަތީގައި އިރާގުގެ ރައީސް ސައްދާމް ޙުސައިންގެ މަރުކަޒީ ލަޝްކަރު ހަލުވިކަމާ އެކު ފުނޑުފުނޑުވެ ވާގިނެތި ފެއިލްވެގެން ދިޔަ ގޮތް ދިރާސާކޮށްގެންނެވެ. މިއީ ”ޑިކެޕިޓޭޝަން“ ނުވަތަ ޤައުމުގެ އެންމެ އިސްވެރިން ޝަހީދުކޮށްލައިގެން ޤައުމުގެ ދިފާޢީ ނިޒާމު ފުނޑުފުނޑުކޮށް ނުލެވޭގޮތަށް އީރާނުން އުފައްދާފައިވާ ނިޒާމެކެވެ.
މޮޒައިކް ދީފާޢީ ނިޒާމުގެ އަސާސް:
މޮޒައިކް ދިފާޢީ ޑޮކްޓަރިން ބިނާވެފައިވަނީ މަރުކަޒީ ކޮމާންޑް ސެންޓަރާ ގުޅުން ކެނޑުނު ނަމަވެސް މިނިވަންކަމާއެކު ހަނގުރާމަ ކުރެވޭ ލާމަރުކަޒީ އަސްކަރީ ނިޒާމެއްގެ ގޮތުގައެވެ. މި ނިޒާމުގައި ކޮމާންޑް އެންޑް ކޮންޓްރޯލް ޤާއިމުކޮށްފައި ވަނީ ބޮޑު އެއް ޕިރަމިޑް ހުންނަ ހެންނެއް ނޫނެވެ. އިސް ލީޑަރަކު ޝަހީދުވާއިރަށް ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ލަޝްކަރު ވިއްސިވިހާލި ވާގޮތަކަށް ނޫނެވެ. އެކަމަކު މޮޒައިކް ކުރެހުމެއް އެކި އެތިކޮޅުތައް ގުޅިގެން ފުރިހަމަވާހެން ގުޅުންތައް ޤާއިމުވެފައި އޮންނައިރު ނިކަން ބަދަހިކޮށް އޮވެފައި، އެ ގުޅުންތައް ކެނޑޭ ހާލަތެއްގައި، ގުޅުންތައް ގާއިމުވަންދެން ނުހުއްޓި ހިނގާ ލާމަރިކަޒީ ކޮމާންޑް ނިޒާމެއްގެ ގޮތަށެވެ.
ލާމަރުކަޒީ ކޮމާންޑް ސިސްޓަމް:
މޮޒައިކް ޑޮކްޓަރިންގެ އެންމެ މުހިންމު އަސާސަކީ ”ލާމަރުކަޒީ އުސޫލުން“ ދިފާޢީ ކަންކަން ރޭވުމެވެ. މީގެ މާނައަކީ، ބޭރުގެ އުދުވާނެއް ކުރިމަތިވެ، ޤައުމުގެ މަރުކަޒީ ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމަށް ބުރޫއެރި ނަމަވެސް، ކޮންމެ ޕްރޮވިންސެއް ނުވަތަ ސަރަޙައްދެއްގައި އޮންނަ އަސްކަރީ ފައުޖުތަކަށް އަމިއްލައަށް ނިންމުންތައް ނިންމައިގެން ހަނގުރާމަ ކުރިއަށް ގެންދެވޭނެ ގާބިލިއްޔަތު ލިއްބައިދީފައި އޮތުމެވެ. މިއީ ދުޝްމަނުންނަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާށާއި އަންދާޒާތައް ކުރުމަށް އަދި އިންޓެލިޖެންސް ދިރާސާކުރުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެއެވެ.
އެސިމެޓްރިކް ވޯފެއާ:
މޮޒައިކް ދިފާޢީ ފަލްސަފާގައި ވަރަށް ފަސޭހައިން ”އެސިމެޓްރިކް ވޯފެއާ“ (Asymmetric Warfare) ގެ އުސޫލުތައް އެޕްލައި ކުރެވެއެވެ. މީގެ މައިގަނޑު ބޭނުމަކީ، އަސްކަރީ ގޮތުން ކިތަންމެ ވަރުގަދަ ބާރަކުން އީރާނަށް ހަމަލާދިން ނަމަވެސް ރައްދުގައި ވޭންދެނިވި ވަރުގަދަ ހަމަލާތަކެއް ދިނުމެވެ. ގެރިއްލާ އަދި ސައިބަރ ހަމަލާތައް މީގެ ތެރޭގައި ހިމެނެއެވެ. ދުޝްމަނުންނާ ދެކޮޅަށް މުޅި ޤައުމު އެކުގައި ތެދުވެ، ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއް ދޭން ފަސޭހަވެއެވެ. ބައެއް ފަހަރު ސީދާ ކުރިމަތިލުމުގެ ބަދަލުގައި، އީރާނުން ބޭނުންކުރަނީ ކުދި އަދި ހަލުވި ލޯންޗުތަކާއި، ޑްރޯންތަކާއި، އަދި މިސައިލް ނިޒާމުތަކެވެ. މިއީ ދުޝްމަނުންގެ ބޮޑެތި މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެ، ޚަރަދު ކުޑަ ނަމަވެސް ނުރައްކާތެރި އުކުޅުތަކެކެވެ.
ޖޯގުރަފީގެ ފައިދާނެގުން:
މި ޑޮކްޓަރިން ބިނާވެފައިވާ އަނެއް އަސާސަކީ އީރާނުގެ ފަރުބަދަަމަތީ އުަސް ސަރަޙައްދުތަކާއި، ސަހަރާތަކާއި ޖޯގްރަފީގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމެވެ. މީގެ އިތުރުން، އިސްލާމީ އުސޫލުތަކާއި ޤައުމީ ލޯބީގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ތެރެއިން އުފައްދާފައިވާ ފައުޖުތައް ހަނގުރާމައިގެ މައިދާނަށް ނެރުމަކީ މި ފަލްސަފާގެ ތަނބެކެވެ. މި ނިޒާމުގައި އެއްގަމު މަގުން އީރާނަށް ހަމަލާ ދީފިނަމަ ގެރިއްލާ ހަނގުރާމައިގެ އުކުޅުތައް ފަސޭހައިން ކުރިއަށް ނެރެވޭނެއެވެ.
ސަރަޙައްދީ އިއްތިޙާދު:
އީރާނުގެ ދިފާޢީ ސިޔާސަތު ޤައުމުގެ ބޯޑަރުން ބޭރަށް ފެތުރިފައިވެއެވެ. މީގެ ތެރޭގައި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، ސަރަޙައްދީ އެހެން ބާރުތަކާއެކު އޮންނަ ގުޅުން ހިމެނެއެވެ. މިއީ އިސްލާމީ އުއްމަތުގެ ދިފާޢުގައި ޖިހާދުކުރުމަށް، ޚާއްޞަކޮށް އިސްލާމީ ދުނިޔެއަށް ނުރައްކާކުރާ އިޒްރޭލާ ދެކޮޅަށް އެކުލަވާލާފައިވާ ”ޕްރޮކްސީ“ ނެޓްވޯކެކެވެ.
މިސައިލް އަދި ސައިބަރ ގާބިލިއްޔަތު:
ދުރު ރާސްތާގެ މިސައިލްތަކަކީ ދުޝްމަނުން ފަސްޖެއްސުމަށް (Deterrence) ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. ހަމައެއާއެކު، ސައިބަރ މައިދާނުގައި ދެވޭ ހަމަލާތަކަކީ ވެސް މި ޑޮކްޓަރިންގެ މުހިންމު ބައެކެވެ. އީރާނުން އުފައްދާފައިވާ ޒަމާނީ މިސައިލްތަކާއި ޑްރޯންތަކާއި ސައިބަރ ހަމަލާދޭ ފައުޖުތައް މުޅި އިރާނަށް ވަނީ ލާމަރުކަޒުކޮށްފައި ކަމަށް ގަބޫލުކުރެވެއެވެ. މި ނިޒާމުގެ ސަބަބުން އީރާނު މައިތިރި ކުރެވެނީ ކޮން ތަނަކަށް ކިހާވަރެއްގެ ހަމަލާއެއް ދެވިގެންކަމެއް އެނގޭނެ މީހަކު ނެތެވެ.
އީރާނުގެ މޮޒައިކް ޑޮކްޓަރިންއަކީ ހަމައެކަނި އަސްކަރީ ދިފާޢީ ފަލްސަފާއެއް ނޫނެވެ. އެއީ ޤައުމުގެ މިނިވަންކަމާއި، އިސްލާމީ އައިޑެންޓިޓީ ދެމެހެއްޓުމަށް ޓަކައި، ޒަމާނީ ހަތިޔާރާއި އިލާހީ އަދި ޤައުމީ ފިކުރު އެއްކޮށްލައިގެން އުފައްދާފައިވާ ދިފާޢީ އައްޑަނައެކެވެ. މިއީ އެ ޤައުމުގެ މައްޗަށް ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *