އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރާ އެއްގޮތަށް އީރާނުގެ އިންޖީނުގެތަކަށް ހަމަލާދީފިނަމަ އެ ހަމަލާގައި ހަލާކުވެގެންދާ އީރާނުގެ އިންޖީނުގެތައް އަލުން ބިނާކޮށް ނިމެންދެން، ހޮރުމުޒު ކަނޑުއޮޅި އެއްކޮށް ބަންދުކުރާނޭ ކަމުގެ ނުރައްކާތެރި އިންޒާރު އީރާނުގެ އައިއާރުޖީސީ އިން ދީފިއެވެ.
ޓްރަމްޕް ބުނެފައިވަނީ 48 ގަޑިއިރުތެރޭ ކަނޑުއޮޅި ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ވަކިވަކިން ހަމަލާދީ ސުންނާފަތި ކޮށްލާނޭ ކަމަށެވެ. އެންމެފުރަތަމަ ގޮއްވާލާނީ އެންމެބޮޑު އިންޖީނުގެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ ކޮންއިންޖީނުގެއެއް ކަމެއް އޭނާގެ އިންޒާރުގައި ނުބުނެއެވެ.
އީރާނުން ބުނެފައިވަނީ ޓްރަމްޕް އޭނާގެ އިންޒާރާ އެއްގޮތަށް އަމަލުކޮށްފިނަމަ އިޒްރޭލުގެ ޕަވަރ ޕްލާންޓްތަކާއި ހަކަތައިގެ އިންފްރާސްޓްރަކްޗަރ ތަކާއި އައިޓީ ޚިދުމަތްދޭ ތަންތަންތަނަށް ވެސް ހަމަލާދޭނޭ ކަމަށެވެ. އަދި އެމެރިކާގެ ހިއްސާ އޮންނަ ސަރަހައްދީ ކުންފުނިތަކާއި، އެމެރިކާގެ ބޭސްތައް ހުންނަ ސަރަހައްދުގެ ގައުމުތަކުގެ ޕަވަރ ޕްލާންޓްތަކަށް ވެސް ހަމަލާދޭނޭ ކަމަށް ބުނެފައިވެއެވެ.
ހޮރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކުރީ ފެބުރުވަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދީ އެގައުމުގެ އޭރުގެ އެންމެ މަތީވެރިޔާއާއި އިސް މަސްއޫލުވެރިންތަކެއް ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
އެތަން ބަންދުކޮށްފައި އޮތަސް އެމެރިކާއާއި އިޒްރޭލާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކުގެ ޓޭންކަރުތައް ފިޔަވައި އެހެން ފަރާތްތަކަށް އެކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު އީރާނުން ދެއެވެ. އެހެންނަމަވެސް އެމެރިކާއިން އީރާނުގެ އިންޖީނުގެތަކަށް ހަލަމަލާދީފިނަމަ އެއްކޮށް އެތަން ބަންދުކުރާނޭ ކަމަށް އީރާނުން މިވަނީ ބުނެފައެވެ.
އައިއާރުޖީސީން ބުނެފައިވަނީ އިސްވެ ހަނގުރާމަފެށީ އެމެރިކާއާއި އިޒްރޭލުން ކަމަށެވެ. އީރާނުން މިހާރުވެސް ކުރަމުން އަންނަ ކަމަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް އެގައުމުން ވަނީބުނެފައެވެ.






