އެމެރިކާއާއި އީރާނާ ދެމެދު އަލުން މަޝްވަރާ ފެށިދާނޭ ކަމަށް އުންމީދުކުރަން: ރަފައެއް

ޟަމްރަތު އަހްމަދު
މާރޗް 22, 2026

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަރ ”ނިޔުކްލިއަރ މަޝްވަރާ“ ތައް އަލުން ފެށިދާނޭ ކަމަށް އުންމީދު ކުރައްވާކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ.

ސީބީއެސްގެ ”ފޭސް ދަ ނޭޝަން“ އަށް ދެއްވި އިންޓރވިއެއްގައި އޭނާ ވިދާޅުވީ ”ވައިޓް ހައުސް އާއި އީރާނާ އެކު ވެސް އަޅުގަނޑު ވަރަށް މުހިންމު މަޝްވަރާތަކެއް ކުރަމުން މިދަނީ. ބައެއް ކޮންޓެކްޓްތައް އެބަހުރި، އަޅުގަނޑުމެން އުންމީދު ކުރަނީ އެ ލައިން އަލުން ގާއިމް ކުރެވޭނެ ކަމަށް،“

މަޝްވަރާތައް ފެށިއްޖެ ކަމަށްވާނަމަ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަބަދުވެސް އޮންނާނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގްރޮސީ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕާ ސީދާ ވާހަކަ ނުދެއްކެވޭ ކަމަށެވެ. އެހެންމަވެސް އޭނާ ޑިޕްލޮމަސީއަށް ތާއީދު ކުރައްވާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންކުރާނީ މަސައްކަތް. އެންމެ އަނދިރި ވަގުތުގައި އުންމީދު ގެއްލުވާލައިގެން ނުވާނެ،“ ގްރޮސީ ވިދާޅުވިއެވެ. އެންމެ ބޮޑު މައްސަލައަކަށް މިހާރުވެފައިވަނީ އީރާނުން އެމެރިކާއަށް އިތުބާރު ނުކުރުމެވެ. އިތުބާރު ގެއްލުނީ މަޝްވަރާގެ މެދުތެރެއިން އީރާނަށް ހަމަލާދޭން ފެށުމުންނެވެ. އެހެން ކަމުން މަޝްވަރާތައް ފެށުނަސް އެމެރިކާއަށް އިތުބާރު ނުކުރެވޭނޭ ކަމަށް އީރާނުގެ ޚާރިޖީވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ