”ބިޔަ އިޒުރޭލު“ ނުވަތަ ”ގްރޭޓަރ އިޒްރޭލް“ އަކީ ޔަހޫދީންގެ ތެރޭގައި އޮންނަ، އެމީހުންގެ ދީނީ އަދި ސިޔާސީ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް ނުރައްކާތެރި ތަޞައްވުރެކެވެ. މިއީ ހަމައެކަނި ފަލަސްތީނުގެ ބިންތަކަށް އަތްގަދަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޅި މެދުއިރުމަތީގެ ޗާޓު ބަދަލުކޮށްލުމަށް އަމާޒުކޮށްގެން ހިންގާ ވަރަށް ބޮޑު ނުބައި ރޭވުމެކެވެ.
ބިޔަ އިޒުރޭލަކީ ކޮބާ؟
ބޮޑު އިޒުރޭލުގެ މަފްހޫމަކީ އިޒުރޭލުގެ ބޯޑަރުތައް މިހާރު އޮތް ވަރަށް ވުރެ އެތައް ގުނައެއް ފުޅާކުރުމެވެ. މި ފިކުރުގެ އަސާސަކީ ޔަހޫދީންގެ ބާޠިލު ފޮތްތަކުގައި ބަޔާންކޮށްފައި ވާކަމަށް ބުނާ ”ވަޢުދު ކުރެވިގެންވާ ބިން“ (Promised Land) ހޯދުމެވެ. މި ތަޞައްވުރުގައި ހިމެނޭ ސަރަޙައްދުތަކަކީ މިޞްރުގެ ނީލު ކޯރުން ފެށިގެން އިރާގުގެ ފުރާތު ކޯރާ ހަމައަށެވެ. މި ސަރަހައްދުގެ ތެރޭގައި މުޅި ފަލަސްތީނާއި، އުރުދުންއާއި، ލުބުނާނާއި ސޫރިޔާގެ ބޮޑު ބަޔަކާއި، އިރާގުގެ ބަޔަކާއި، އަދި ސައުދީ އަރަބިއްޔާގެ އުތުރުގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.
މި ތަސައްވުރު އުފަންވި ގޮތް:
ބިޔަ އިޒުރޭލުގެ ތަސައްވުރު އުފަންވެފައިވަނީ މީލާދުން 19 ވަނަ ގަރުނުގެ ފަހުކޮޅު ފެށުނު ”ޒަޔަނިސްޓް“ ހަރަކާތުގެ ތެރެއިންނެވެ. ޒަޔަނިސްޓް ހަރަކާތުގެ ބާނީ ތިއޮޑޯ ހަރްޒަލް ފަދަ މީހުން ގަބޫލުކުރި ގޮތުގައި، ޔަހޫދީ ދައުލަތެއް އުފެދެންޖެހޭނީ އެމީހުންގެ ދީނީ ފޮތްތަކުގައި ބުނާ ”ބޮޑު ބިމުގެ“ މައްޗަށެވެ. މި ވިސްނުމަށް ބާރުދޭ އެންމެ މުހިންމު އެއް މަސްދަރަކީ 1982 ވަނަ އަހަރު އިޒުރޭލުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ އޮޑެޑް ޔިނޯން ލިޔުނު ”ޔިނޯން ޕްލޭން“ އެވެ. މި ނުރައްކާތެރި ރޭވުމުގައި ބުނެފައިވަނީ އިޒުރޭލުގެ ސަލާމަތަށް ޓަކައި އަވަށްޓެރި އަރަބި ޤައުމުތައް ކުދިކުދިކޮށް ބައިބައިކޮށްލަން ޖެހޭ ކަމަށެވެ.
ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް:
ބިޔަ އިޒުރޭލުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި ދުރާލައި ރާވައިގެން ޔަހޫދީން ވަނީ ތަފާތު އެކި މަރުހަލާތައް ކަޑަތުކޮށްފައެވެ. މީގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާލަމާތޯއެވެ.
1948 ވަނަ އަހަރުގެ ނަކްބާ:
ފަލަސްތީނުގެ ބިމުގައި އިޒުރޭލު އުފެއްދުމާއި، އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް އެމީހުންގެ އަމިއްލަ ވަޒަނުން ވަނީ ބޭރުކޮށްލައިފައެވެ.
1967 ވަނަ އަހަރުގެ ހަނގުރާމަ:
މި ހަނގުރާމައިގައި އިޒުރޭލުން ވަނީ ހުޅަނގު އައްސޭރިއާއި، ޣައްޒާއާއި، ސޫރިޔާގެ ގޯލާން ހައިޓްސް އަދި މިޞްރުގެ ސައިނާއަށް އަތްގަދަކޮށްފައެވެ. މިއީ ”ބިޔަ އިޒުރޭލު“ ބިނާކުރުމަށް އެޅި ވަރަށް ބޮޑު ފިޔަވަޅެކެވެ.
ވަޒަންވެރިވުން ފުޅާކުރުން:
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބިންތައް އިތުރަށް ފޭރެމުން ޣައިރު ޤާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކޮަށް، ޔަހޫދީންގެ އާބާދީތައް ދަނީ ހަދަމުންނެވެ.
ސިޔާސީ ނުފޫޒު:
އެމެރިކާ އާއި ހުޅަނގުގެ ބާރުގަދަ ޤައުމުތަކުގެ އެހީގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިޒުރޭލުގެ ބޯޑަރުތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް ވަނީ މަގުފަހިކޮށްފައެވެ. މިއަދު އިޒުރޭލުން ކޮންމެފަދަ ޖަރީމާއެެއް ހިންގިޔަސް އެތަން ފެންނާނެ ލޮލެއް ނެތެވެ. އެމެރިކާއަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމުން އަރަބި އިސްލާމީ ޤައުމުތައް ވެސް ތިބީ ލޯމަރާލައިގެންނެވެ.
ޣައްޒާ ފުނޑާލުން:
މިއަދު ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާއި، ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ކުރާ މަސައްކަތްތަކަކީ ވެސް މި ދެންނެވި ”ބިޔަ އިޒުރޭލު“ ގާއިމުކުރުމުގެ ނުބައި ރޭވުމުގެ ބައެކެވެ. ޣައްޒާގެ ހަމާސް ޖަމާޢަތް ނައްތާލެވިއްޖެ ނަމަ ޔަހޫދީންނާ ދެކޮޅަށް ފަލަސްތީނުގެ އެތެރެއިން ތެދުވާނެ ބަޔަކު ނުތިބޭނެއެވެ.
އީރާނު އަތްދަށުލުން:
މެދުއިރުމަތީގައި މިހާރު އިޒުރޭލަށް އިއުތިރާފުނުވާ އަދި އެމެރިކާއާއި އިޒުރޭލަށް ބޯނުލަނބައި ދައުލަތަކަށް އޮތީ އީރާނެވެ. އެމެރިކާއާއި އިޒުރޭލުގެ އަތްދަށުގައި އީރާނު ވެއްޖެނަމަ މެދުއިރުމަތީގެ ހުރިހާ ޤައުމެއް އެމެރިކާގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ދިޔައީއެވެ. އިޒުރޭލަށް މިއަދުގެ ދުނިޔޭގައި އޮތް ނުރައްކަލަކީ އީރާނާއި އީރާނުގެ ޕްރޮކްސީތަކެވެ. މި ހަނގުރާމައިގައި އީރާނުގެ ކޮންޓްރޯލު ޒަޔަނިސްޓުންނަށް ލިބިއްޖެނަމަ ދުނިޔެ ހިތަކަށް އިޒުރޭލަށް ލިބޭނެއެވެ. އެ ހިސާބުން ބިޔަ އިޒުރޭލުގެ ޗާޓުގެ ކަޑަތައް ޖަހަން ފަށާނެއެވެ. އެ ޗާޓު ކުރަހައި ބިންކަނޑާ ދިނުމުގައި އަރަބި ޤައުމުތަކުގެ ވަފާތެރިކަން ފެންނާނެއެވެ. އެ ޤައުމުތަކުގެ ރަސްކަންތަކާއި ވެރިކަންތައް ދިފާޢުކުރެވޭނެ އެހެން ގޮތެއް ނޯންނާނެއެވެ.
ބިޔަ އިޒުރޭލުގެ މަފްހޫމަކީ ހަމައެކަނި ފަލަސްތީނަށް އޮތް ނުރައްކަލެއް ނޫނެވެ. މިއީ މުޅި އިސްލާމީ އުންމަތާއި، މެދުއިރުމައްޗަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އުންމަތުގެ ހޭލުންތެރިކަމާއި އެއްބައިވަންތަކަމަކީ އިޒުރޭލާއި ޒަޔަނިސްޓުންގެ މި ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލުމަށް އޮތް ހަމައެކަނި މަގެވެ.






