އެމެރިކާގެ އެޕްސްޓައިން ރައީސް ޑޮނަލްޑް ޓުރަމްޕް ވަނީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް ޖެރާލްޑް އާރު ފޯޑަށް އީރާނުން ދިން ޙަމަލާ ކަށަވަރު ކޮށްދީފައެވެ. ޑޮނަލްޑް ޓުރަމްޕް ބުނީ އީރާނުން ދިން ޙަމަލާއަކީ ވަރަށް ވަރުގަދަ ޙަމަލާއެއް ކަމަށާއި، ބޯޓުގައި ތިބި ފަޅުވެރިން މަސައްކަތް ކުރީ ފުރާނަ ސަލާމަތް ކުރެވޭތޯ ކަމަށެވެ. އަދި އީރާނުގައި އެކަށީގެންވާ ވަޞީލަތްތަކާއި، ބާރު ނެތް ކަމަށާއި، ވީމާ އީރާނުގެ ފަހަތުގައި އޮތީ ކޮން ބާރެއްތޯ ނުވަތަ ބާރުގަދަ ކޮން އަތްތަކެއްތޯ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
އެމެރިކާގެ މިއާމީގައި ދެއްކި ވާހަކައިގައި، ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑަށް ކުރިމަތިވި ނުރައްކާތެރި ޙާދިސާގެ ތަފުޞީލު، ޓުރަމްޕް ވަނީ ހާމަކޮށްފައެވެ. ޓުރަމްޕް ބުނެފައިވާ ގޮތުގައި، ކުރިން ހީވެސް ނުކުރާފަދަ ގޮތަކަށް ”17 ދިމާލަކުން“ އީރާނުން އެ މަނަވަރަށް މިސައިލް ޙަމަލާތައް އަމާޒުކޮށްފައި ވާކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި، އެއީ ވާއެއް ނުވާއެއް ނޭނގުނު ނުރައްކާތެރި ވަގުތުކޮޅެކެވެ. އީރާނުގެ އެކުމުތުވާ މިސައިލްތަކާއި ޑްރޯންތަކުގެ ކިބައިން، 100،000 ޓަނުގެ މަނަވަރު ދިފާޢު ކުރުމަށް، ރޭގަނޑު ދަންވަރު ކޮންމެ 32 ސިކުންތަކުން ހައިސްޕީޑް ޖެޓްތައް އުދުއްސާލަން ޖެހުނު ކަމަށްވެސް ޓުރަމްޕު ބުންޏެވެ.
ޓުރަމްޕްގެ އެ އިޢުތިރާފަކީ ޕެންޓަގަންގެ ރަސްމީ ރިވާޔަތާއި ވަރަށް ތަފާތު ރިވާޔަތެކެވެ. ޕެންޓަގަނުން ބުނާގޮތުގައި، ދާދި ފަހުން އެ މަނަވަރުގެ އޮޕަރޭޝަނަށް ހުއްޓުމެއް އައީ އޭގެ ލޯންޑްރީ ބައިގައި ހިނގި، ހަނގުރާމައާ ގުޅުމެއް ނެތް އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ. އަސްކަރީ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މަނަވަރުގެ ދިހަވަރަކަށް ފަޅުވެރިންނަށް ވަނީ ދުމުގެ ސަބަބުން އަސަރުކޮށްފައެވެ. އެކަމަކު، ޓުރަމްޕްގެ ވާހަކައިން ދޭހަވަނީ ކުރިން ޤަބޫލުކުރި ވަރަށް ވުރެ ކުރިމަތިވި ގެއްލުމާއި، ނުރައްކާތެރިކަމުގެ މިންވަރު މާބޮޑު ކަމަށެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑު މިވަގުތު އޮތީ، ލިބުނު ގެއްލުންތަކާ އެކު ކްރޮއޭޝިޔާގައި ބަނދަރުކޮށްފައެވެ. ކަނޑުގެ ސިފައިން ބުނާ ގޮތުން ރަތް ކަނޑުގައި ޑިއުޓީ ކުރުމަށްފަހު ކުރިން ”ޝެޑިއުލްކޮށްފައިވާ މަރާމާތުގެ މަސައްކަތަށް“ ކްރޮއޭޝިއާގައި ބަނދަރު ކުރީއެވެ. ނަމަވެސް މެރިޓައިމް އޮބްޒާވަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، މުހިންމު ސްޓްރަކްޗަރަލް އެސެސްމަންޓްތަކެއް ކުރިއަށްދާއިރު، ”ލޯންޑްރީގައި ރޯވި އަލިފާނަކީ“ އޮޕަރޭޝަން އެޕިކް ފިއުރީގައި ލިބުނު ގެއްލުންތައް ފޮރުވުމުގެ ގޮތުން ދައްކާ ބަހަނާއެކެވެ.
”17 ދިމާލަކުން“ ޙަމަލާތައް ދިން ކަމަށް ބުނާ މައްސަލަ، އިސްތިރާޖީ ތަޖުރިބާކާރުން ދަނީ މިހާރު ތަޙުލީލު ކުރަމުންނެވެ. އީރާނުގެ ޙަމަލާއަކީ އެ މަނަވަރުގެ އޭޖިސް ދިފާޢީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ރޭވުންތެރިކަމާއެކު ދީފާއިވާ ވަރަށް މުޢައްޤަދު ޙަމަލާއެއް ކަމަށް ބެލެވޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެވާހަކަ އެއީ ތެދެއް ކަމަށް ވެއްޖެނަމަ، އެއީ ކަނޑުގެ އަޑިންނާއި، މަތިންނާއި، އަދި ވައިގެ ތެރޭގައި މިސައިލް ބޭނުންކޮށްގެން އެއްފަހަރާ އެތައް ދިމާލަކުން ޙަމަލާދިނުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާ ކަމުގެ ހެއްކެކެވެ. އަދި އެކަން ވެގެންދާނީ އީރާނުން ހޯދާފައިވާ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.
ޔޫ.އެސް.އެސް ޖެރަލްޑް އާރު ފޯޑު ހަނގުރާމައިގެ މައިދާނުން ގެންދަން ޖެހުމުން، މެދުއިރުމަތީގައި އުފެދިފައިވާ ބާރުގެ ހުސްކަން ފޫބެއްދުމުގެ ގޮތުން، އެމެރިކާއިން ވަނީ ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް ކިޔާ މަނަވަރު ނޯފޯކުއިން މެދުއިރުމައްޗަށް ބަދަލުކޮށްފައެވެ. މި ހާދިސާގެ ސަބަބުން ރަތް ކަނޑު ފަދަ، ކަނޑުގެ ހަނި މަގުތަކުގައި ޒަމާނީ އެސިމެޓްރިކް ހަނގުރާމަތަކަށް އެންމެ ކުރިއަރާފައިވާ މަނަވަރުތަކުގެ ނާޒުކުކަމާއި އަދި ކުރިމަތިވާ ހިރާސްއާ މެދު ވަނީ ސުވާލުތަކެއް އުފެދިފައިއެވެ.






