އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ކުރަމުންއަންނަ ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނެފިއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު ފެށި މިހަނގުރާމައަށް މިހާރު މިވަނީ ފަސްވަނަ ހަފްތާއެޅިފައެވެ. އެމެރިކާއިން ބުނެފައިވަނީ ހީކުރިވަރަށްވުރެ ހަނގުމާ ދިގުލައިފި ކަމަށެވެ.
”ހަނުރާމަ ނިންމާ ރޮނގު އަހަރެމެންނަށް އެބަފެނޭ. އެއީ މިއަދެއް ނޫން، މާދަމާއެއް ނޫން، އެކަމަކު ނިމުން އަންނާނެ،“ ފޮކްސް ނިއުސްގެ ”ހެނިޓީ“ ޝޯގައި ރޫބިއޯ ބުންޏެވެ. އޭނާ ބުނެފައިވަނީ އީރާނުގެ މަސްއޫލުވެރިންނާއެކުވެސް ސީދާ ބައްދަލުވުމެއް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭނާ މިހެން މިބުނީ ދެ ހަފްތާ ނުވަތަ ތިން ހަފްތާތެރޭގައި ހަނގުރާމަ ހުއްޓާލާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މި ހަނގުރާމަ މިހާރުވަނީ އެމެރިކާއާއި އިޒްރޭލަށް ވޭންދެނިވި ހަނގުރާމައަކަށް ބަދަލުވެފައެވެ. އީރާނާއި ހިޒްބުﷲ އާއި ހޫތީން ގެންދަނީ އެކި ދިމާއިން އިޒްރޭލަށް ހަމަލާދީ މީހުން ރަށުން ނެރެމަގުމަތި ކުރަމުންނެވެ. ހަނގުރާމަ ހުއްޓާލުމަށް އެދި އެމެރިކާއިން އީރާނާ ދެއްކި އެއްވެސް ވާހަކައަކަށް އިރާނު ދީލާލާ ގޮތެއްނުވިއެވެ. އީރާނުން ބުނެފައިވަނީ މަޝްވަރާގެ މެދުތެރެއިން އީރާނަށް ހަމަލާދީ އެގައުމުގެ ކިޔަވާ ކުދިންތަކަކާއި ގައުމުގެ އެންމެ މަތީ ލީޑަރު ޝަހީދު ކޮށްލި ބަޔަކު ދައްކާ ވާހަކަތަކަށް އެއްވެސް އިތުބާރެއްނެތް ކަމަށެވެ. ހަނގުރާމަ ހުއްޓާލާކަމަށްވާނަމަ އީރާނުން ބޭނުންވަނީ ދާއިމީކޮށް ހުއްޓާލާށެވެ. އަލުން ފަށާގޮތަކަށް ހަނގުރާމަ އެންމެ މިނިޓަކަށް ވެސް ހުއްޓާލަން އީރާނުން ބޭނުމެއްނުވެއެވެ.






