ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޖަރުމަނުން އެމެރިކާގެ ބަހަށް ހެއްލިގެން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ނިންމި ނިންމުން މުރާޖައާ ކޮށް ރަޝިޔާއިން ތެލާއި ގެސް ގަތުމަށް ނިންމައިފިއެވެ.
ޖަރުމަނުގެ ހަކަތައާ ބެހޭ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސް، އެެމރިކާގެ ބަހަށް ހެއްލިގެން ރަޝިޔާއިން ތެލާއި ގޭސް ނުގަންނަން ނިންމި ނިންމުން ބަދަލު ކޮށްފިއެވެ. އޭގެ އިތުރުން ޖަރުމަނުން ވަނީ ކަރަންޓު އުފައްދާ 15 ނިއުކްލިއަރ ޕަވަރ ޕްލާންޓް އަލަށް ބިނާކުރުމަށާއި ރަޝިއާގެ ތެލާއި ގޭހުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް ވެސް ނިންމާފައެވެ.
ޖަރުމަނުގެ ޗާންސެލަރ މާރޒް މިއަދު އިޢުލާން ކުރެއްވި ގޮތުގައި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރަޝިއާއާ ގުޅިފައިވާ ނޯޑް ސްޓްރީމް ހޮޅިލައިން މަރާމާތުކޮށް އަލުން ބިނާކުރުމުގެ ޚަރަދު ދިނުމަށްވެސް ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މި ނިންމުމާއެކު، ޖަރުމަނުން ކުރިއަށްގެންދިޔަ ވައިގެ ހަކަތައާއި އިރުގެ ހަކަތައިގެ ހުރިހާ މަޝްރޫއުތަކެއް މިހާރު ވަނީ ހުއްޓާލާފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗާންސެލަރ ވިދާޅުވީ، ޖަރުމަނުގެ ހަކަތައިގެ އިގްތިސާދު ހުޅުވާލަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.
”މިކަން ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިނިވަން މާކެޓެއް ގާއިމުކޮށް، ޓެކްސްތަކާއި ގަވާއިދުތައް ލުއިކުރުން،“ ޗާންސެލަރ މިއަދު ވިދާޅުވިއެވެ.
މި އައު ސިޔާސަތުގެ ދަށުން ރަޝިއާގެ ހަކަތައަށް ބަރޯސާވުން އަލުން ފެށިގެންދާނެއެވެ. އަދި މިއީ ޖަރުމަނުގެ އިގްތިސާދު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާރޒްގެ ސަރުކާރުން ސިފަކުރެއެވެ. ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ބާރުމިނެއްގައި ފެށިގެންދާނެ ކަމަށްވެސް ޖަރުމަން ސަރުކާރުން ވަނީ ބުނެފައެވެ.






