އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟

ޢަބްދުﷲ ސަޢީދު
އޭޕްރިލް 2, 2026

މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ ވާހަކަފުޅު އިރުއިރުކޮޅާ ބަދަލުވާލެއް އަވަސްވުމެވެ. އަދި އިޒުރޭލާއި އެމެރިކާއިން ހަނގުރާމަ ފުޅާކުރުމަށް ކުރާ ކަންތައްތަކާއި ދައްކާ ވާހަކަ ދިމާނުވުމާއި އީރާނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އެ ޤައުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ދޮގުކުރަމުން ގެންދިއުމެވެ.

ހަނގުރާމައަކީ ފެށުމަށްފަހު އޭގެ ކޮންޓްރޯލް ހަގީގަތުގައި އެއްވެސް ބައެއްގެ އަތުގައި އޮންނަ އެއްޗެއް ނޫނެވެ. ދެކޮޅުންވެސް މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބެމުންދާނެއެވެ. ދެކޮޅު ވެސް މަކަރާއި އޮޅުވާލުމުގެ އުކުޅުތައް ހަދާނެއެވެ. އެފަދަ ވާހަކަތަކާއި ޕްރޮޕެގެންޑާތައް ފަތުރާނެއެވެ. މި ހަނގުރާމަގެ މަންޒަރުތައް ކަމަށްބުނާ އޭއައި އިން ޖަނަރޭޓު ކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން މީސް މީޑިއާ ވަނީ ފެންބޮޑުވެފައެވެ. އަސްލު މަންޒަރުތައް ކަމަށް ހީކޮށް މިފަދަ މަންޒަރާއި އަޑު މީހުން ފަތުރަމުން އެބަދެއެވެ. އަދި ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާ ވިއުގަތަކުން ވެސް މިފަދަ ފޮޓޯއާއި ވީޑިއޯތަކަކީ ހަގީގަތްކަމަށް ހީކޮށް ފަތުރަމުން ވެސް އެބަދެއެވެ. ބައެއް ފަރާތްތަކަށް ”އެގަހުކޭލެއް، މިގަހު ކޭލެއް“ ނޭނގި ކުރާ ދިރާސާތަކާއި އަންދާޒާތައް ހަގީގަތުގައި ހަގީގަތާ ވަރަށް ދުރެވެ.

ހަނގުރާމައިގައި ދެންވާނީ ކިހިނެތްތޯ ބަލާ ދިރާސާކުރާ ފަރާތްތަކުން ކައިރި ކުރިމަގެއްގައި ވާނެކަމަށް ލަފާކުރާގޮތްގޮތާއި ހަނގުރާމަ ނިމިގެންދާނެ ގޮތުގެ މައްޗަށް ލަފާކުރާ ގޮތްގޮތް ހާމަކުރަމުން ދެއެވެ. މި ވާހަކަތަކަށް ބަލާއިރު ހަނގުރާމައިގެ މިހިސާބުން ދެންވާނެ ގޮތްކަމަށް ކުރެވޭ ލަފާތަކަކީ މިއީއެވެ.

  1. އެމެރިކާ ހަނގުރާމައިން ވަކިވުން

އެމެރިކާއިން މި ހަނގުރާމައިން ނިކުންނަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. ދުނިޔޭގައި އެކަހެރިވެ، ޤައުމުގެ އެތެރޭގައި ޚިޔާލު ތަފާތުން ބޮޑުވެ ރައީސް ޓްރަމްޕުގެ މަގުބޫލުކަން ވެއްޓި، އެމެރިކާގެ ސިފައިން ހަނގުރާމައިގައި މަރުވާ ވަރު އިތުރުވެ، އަދި މަރުވާ މިންވަރު އިތުވާނެކަން ކަށަވަރުވާތީ އާއި އިގުތިސާދީ ގޮތުން ލިބޭ ގެއްލުންތައް ބޮޑުވާތީ ކިރިޔާ ފުރުސަތެއް ލިބުނަސް އެމެރިކާއިން މި ހަނގުރާމައިން ބޯ ދަމައިގަންނާނެއެވެ. އެކަމަކު ދުނިޔޭގެ މަލާމާތް ރައްދުވާ ގޮތަކަށް ހަނގުރާމައިން ވަކިވާން ބޭނުން ނުވަނީއެވެ. އަރަބި އިސްލާމީ ޤައުމުތަކުން ވެސް އެމެރިކާ މިހަނގުރާމައިން ވީހާ އަވަހަކަށް ނިކުންނަށް ބޭނުންވެއެވެ. އެއީ އީރާނުން އެ ޤައުމުތަކަށްދޭ ހަމަލާތައް ހުއްޓުވުމަށެވެ. އީރާނުން އަރަބި ޤައުމުތަކަށް ހަމަލާ ދެނީ އެމެރިކާގެ މަސްލަހަތު ހުރި ތަންތަނަށް ކަމަށް ބުނެއެވެ.

އެމެރިކާއިން ހަނގުރާމައިން ނިކުމެދާނެ އެއްގޮތަކީ އިޒުރޭލާ ދެބަސްވެ ޚިޔާލު ތަފާތުވެގެންކަމަށް ހަދައިގެން ނިކުތުމެވެ. އެއަށްފަހު އިޒުރޭލަށް ހަތިޔާރާ ވަސީލަތްތައް ދީގެން އީރާނު ފަނާކުރުން ކުރިއަށް ގެންދާގޮތަށެވެ.

އަނެއް ގޮތަކީ ބިލާދަރު ބޮޑު ދޮގެއް ނުވަތަ އޮޅުވާލުމެއްގެ ތެރެއިން ހަނގުރާމައިން ނިކުތުމެވެ. އެއީ އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެކަމަށްބުނެ ހަނގުރާމައިން އެއްފަރާތްވުމެވެ. މިޞްރާއި ގަޠަރާއި ތުރުކީ މެދުވެރިވެގެން ވެސް ފޯނުކޯލެއް ނަމަވެސް ލިބޭތޯ އެމެރިކާއިން ބަލައިފިއެވެ. ދެން އޮތް ގޮތަކީ ތިމަންނަމެން ބޭނުންވާ މަގުސަދު ހާސިލުވެއްޖެކަމަށް ބުނެ ހަނގުރާމައިން އެއް ފަރާތްވުމެވެ. މިފަދަ މޭރުމަކުން އެމެރިކާގެ ރައީސް ވަރަށް ގިނަ ފަހަރު ވާހަކަ ދައްކަވައިފި ވެސް މެއެވެ.

  1. އީރާނާއި އެމެރިކާއިން އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހުއްޓާލުން

ރަސްމީ ސިފައެއްގައި ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން ވެސް ބޭނުންވެއެވެ. ސަބަބަކީ މި ހަނގުރާމައިގައި ދެފަރާތަށް ވެސް ލިބެމުންދާ ގެއްލުންތައް ބޮޑުވުމެވެ. އަދި އީރާނުން ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމާއެކު ސައުދީއާއި ގިނަ އަރަބި ޤައުމުތަކެއް އިގުތިސާދު ހާސްކަމުގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ތެލުގެ އަގު އުފުލި ޔޫެރަޕާއި މުޅި ދުނިޔެ ވެސް ދަތި ތަދުމަޑު ދުވަސްތަކަކާ ދިމާއަށްދާތަން ފެންނާތީއެވެ. މިކަމުގ ޒިންމާ ގިނަ ބަޔަކު އެމެރިކާގެ ބޮލުގައި އަޅުވާތީއެވެ.

މައްސަލައަކީ، އެއްބަސްވުމެއްގައި ހިމަނަން ދެ ފަރާތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހުރީ އެއްބަސްވެވޭފަދަ ޝަރުތުތަކަކަށް ނުވާކަމެވެ. ޚާއްޞަކޮށް އީރާނުން ހުށަހަޅާފައި ހުރީ އެމެރިކާއިން އެ ޝަރުތުތައް ގަބޫލުކޮަށްފާނެ ކަހަލަ ޝަރުތު ތަކެއް ނޫނެވެ. އެއްބަސްވުމަކަށް ދެވޭނީ ކޮންމެވެސް އެެއް ފަރާތަކުން ނުވަތަ ދެފަރާތުން ވެސް ދޫތަކެއް ދީގެންނެވެ.

އެމެރިކާއާއި އިޒުރޭލުން ގަބޫލުކުރަމުން އައީ ގަސްތުގައި އީރާނުގެ ވެރިންނަށް ހަމަލާދީ ޝަހީދުކޮށްގެންނާއި، އާންމު ރައްޔިތުންގެ ގޯތިގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފުނޑާލައިގެން އީރާނު އަމާންދީފާނެ ކަމަށެވެ. އެ މީހުން ބޭނުންވާ ކަހަލަ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި އުފެއްދިދާނެ ކަމަށެވެ. އެހެނެއް ނުވިއެވެ. ދެން މަސައްކަތް ކުރަމުން އައީ ބޮޑެތި މަނަވަރުތަކާއި ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު މެދުއިރުމައްޗަށް ޖަމާކޮށްގެން ބިރު ދައްކައިގެން އީރާނު އަމާން ދޭނެކަމަށެވެ. އެހެނެއްވެސް ނުވިއެވެ. ދެން އިންޒާރު ދެމުން ގެންދިޔައީ އީރާނުގެ އިންޖީނުގެތަކާއި ފެންޕްލާޓްތަކަށް ހަމަލާ ދޭނެކަމަށް ބުނެއެވެ. މި އިންޒާރުތަކަށާއި ބިރުދެއްކުންތަކަށް އީރާނުން ބުނަމުންދަނީ އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ނިވައިފަތްގަނޑަކަށް ހަދާފައިވާ އެކުވެރި އަރަބި ޤައުމުގެ އެފަދަ ކަންތަން ސުންނާފަތި ކޮށްލާނެކަމަށެވެ. އެހެން ބުނެފައި އިޒުރޭލުގެ ނިއުކްލިއަރ މަރުކަޒުގެ ކައިރީގައި ހުރި އިދާރީ ހުރިހާ ތަނެއް ވަނީ ގޮއްވާލައިފައެވެ. މީގެ ބޭނުމަކީ އީރާނުން ދޭނެ ހަމަލާތަކަކީ ކިހާ ބޮޑަކަށް އަމާޒަށް ވާސިލުވާ ހަމަލާތަކެއްކަން އަންގައިދިނުމެވެ. ބޭނުންނަމަ އިޒުރޭލުގެ ނިއުކްލިއަރ ޕްލާންޓު ވެސް ގޮއްވާލެވިދާނެކަން އަންގައިދިނުމެވެ.

އީރާނުން އިޒުރޭލަށް ދެމުންދާ ހަމަލާތަކުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށްދޭ ހަމަލާތަކުގެ އެއް ސަބަބަކީ އެ ޤައުމުތަކުން އެމެރިކާއަށް ހަނގުރާމަ ހުއްޓާލުމަށް ޕްރެޝަރ ކުރުމެވެ. ނުވަތަ އެމެރިކާގެ ބޭސްތައް ބަންދުކޮށްފައި ދާއިމީ ގޮތެއްގައި އެމެރިކާ ސިފައިން އެ ޤައުމުތަކުން ބޭލުމަށް ބާރުއެޅުމެވެ.

މިއިން ގޮތެއް ކާމިޔާބު ނުވެއްޖެނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެވޭނީ ކޮންމެވެސް އެއްބަޔަކު އިނދަޖެހިގެންނެވެ. އެ ވިސްނުމުގައި ދެ ފަރާތުން ވެސް ދަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އިޒުރޭލާ އެމެރިކާއިން މުޅި އީރާނަށް ހަމަލާދީ ގިނަ އިމާރާތްތަކެއް ސުންނާފަތިކޮށް އިންފްރާސްޓްރެކްޗަރ ފުޑާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޤައުމުގެ ސިނާއަތްތައް މިހާރު ވަނީ އަމާޒުފަތްގަނޑަކަށް ހަދާފައެވެ. ހަމަ މިގޮތަށް އީރާނުން ވެސް އިޒުރޭލަށް ދޭ ހަމަލާތަކުގައި ވެރިރަށް ޓެލްއަވީވަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ބިމުން މަތީގައި ހުރި އަސްކަރީ ތަންތަން ވަނީ ބިމާ ހަމަކޮށްފައެވެ. މީގެ އިތުރުން އީރާނުން އިޒުރޭލާއި އަރަބި ޤައުމުތަކުގެ މުހިންމު ސިނާއީ ބައެއް ތަންތަނަށް ވަނީ ހަމަލާ ދީފައެވެ.

  1. ކެމިކަލް ނުވަތަ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުން

ފަސޭހަގޮތެއްގައި އީރާނު ނުހުއްޓުވޭނެކަން މުޅި ދުނިޔެއަށް ވެސް އެނގެއެވެ. އެމެރިކާއާއި އިޒުރޭލުގެ އެކުވެރި ރަހުމަތްތެރި ހުޅަނގުގެ ޤައުމުތައް އެއް ފަރާތެއްގައި އެ ތިބީ މިކަން އެނގޭތީއެވެ. އީރާނު ބަލިވާން ނޭދޭތީއެއް ނޫނެވެ. އެ މީހުންނަށް ވާނަމަ އީރާނުގެ ވަސް ވެސް ފޮހެލަން ބޭނުންވާނެއެވެ. އެހާވެސް އެމީހުން އިޒުރޭލުދެކެ ލޯބިވާނެއެވެ.

ނުސީދާކޮންނާއި ސީދާކޮން ވެސް މިހާރު ނިއުކްލިއަރ ހަތިޔާރުގެ ވާހަކަ ވެސް އިޒުރޭލާއި އެމެރިކާއިން ދައްކައިފިއެވެ. މި އިންޒާރަށް އީރާނުން ދީފައިވަނީ ބިރުވެރި ރައްދެކެވެ. ދުޝްމަނުން ހަމަލާދިން ވައްތަރެއްގެ ހަތިޔާރަކުން ހަމަލާ ދޭނެކަމަށް އީރާނުން ބުނުމާއެކު އީރާނުގެ އަތުގައި ނިއުކްލިއަރ ހަތިޔާރު ހުރީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. މިއީ ވަރަށް ބޮޑު ބިރެކެވެ. އީރާނު ފަނާވެނެތިދަންޏާ ދާނީ އިޒުރޭލާއި އެ ސަރަހައްދާ އެކުގައިކަން އީރާނުގެ ޢަމަލުތަކުން ސާބިތުވެއެވެ.

މި ހަނގުރާމަ އެމެރިކާއާއި އިޒުރޭލުން ބޭނުންވި ގޮތަށް ނުގޮސް ނިމިއްޖެނަމަ (އީރާނުން އެމެރިކާއަށް ބޯނުލަނބާ ނިމިއްޖެނަމަ) މި ހަނގުރާމަ ވާނީ އީރާނުގެ މޮޅަކަށެވެ. އޭރަށް ސަރަހައްދުގެ އަސްކަރީ ބާރަކަށް އީރާނުވެ، އެކަން އެހެން އިސްލާމީ ޤައުމުތަކުން ވެސް ގަބޫލުކޮށް، އިޒުރޭލު ބަލިކަށިވެ، އީރާނަކީ ނިއުކްލިއަރ ބާރަކަށް ވާނެއެވެ. އަދި ސައުދީ ފަދަ އެހެން އިސްލާމީ ޤައުމުތަކުން ވެސް އެމެރިކާ ދޫކޮށްލައި އަމިއްލަ ފައިމައްޗަށް ތެދުވާނެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *