އެމެރިކާ ސަރުކާރުން އިސްތިއުމާރީ ވިސްނުން ދޫކޮށްލައި، އީރާނުގެ ހައްގުތަކަށް އިހުތިރާމް ކުރާނަމަ، އެއްބަސްވުމަކަށް އާދެވޭނެ ގޮތްތަކެއް ހުންނާނޭ ކަމަށް އީރާނުން ބުނެފިއެވެ. މިހެން ވިދާޅުވީ އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އޭނާގެ އެކްސް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
މީ ޕޯސްޓުގައި އެމަނިކުފާނު ވަނީ އިސްލާމްއާބާދުގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިވި ޓީމަށް ތާއީދު ކުރައްވައި ހިތްވަރު ދެއްވައިފައެވެ. މި މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޣަލިބާފަށް ޕެޒެޝްކިއަންވަނީ ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
މި ހަނގުރާމަ ފެށިގެންދިޔައީ 2026 ވަނަ އަހަރު ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދިން ހިސާބުންނެވެ. ރައްދުގައި އީރާނު ސިފައިންވަނީ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. 40 ދުވަހުގެ ހަނގުރާމައަށްފަހު ދެހަފްތާއަށް މިވަނީ ހަނގުރާ ހުއްޓާލައިފައެވެ. އެވަގުތު ދާއިމީ ހައްލެއް ހޯދަން ޕާކިސްތާން މެދުވެރިވެގެން ދެގައުމުގެ މަސްއޫލުވެރިންވަނީ އިސްލާމްއާބާދުގައި ސުލްހައިގެ ވާހަކަތައް ބާއްވައިފައެވެ. އެހެންނަމަވެސް މަޝްވަރާ ނިމުނީ ސުލްހަ ގާއިމް ނުކުރެވިއެވެ. އީރާނުން މިހާރުވެސް ބުނަމުން ދަނީ ޑިޕްލޮމަސީގެ ދޮރު އަދިވެސް އޮތީ ހުޅުވިފައި ކަމަށެވެ.






