އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. މިކަންކަން ހާމަކޮށް އީރާނުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓުން ވަނީ ރިޕޯޓެއް ނެރެފައެވެ.
ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މި ހަމަލާތަކުގައި އީރާނުގެ ދިހަ ޕްރޮވިންސެއްގެ ސިނާއީ މަޒުކަޒުތަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. އޭގެތެރޭގައި އިރުމަތީ އަޒަރުބައިޖާނާއި، އަލްބޯޒާއި، ބުޝެހެރާއި، ތެހެރާނާއި، ޚުރާސާން ރަޒާވީއާއި، ޚުޒެސްތާނާއި، މަރްކަޒީއާއި، ޔަޒްދާއި، ގިލާނާއި، ފާރސް ގެ މަރުކަޒުތައް ހިމެނެއެވެ. މިތަންތަނުގެ އުފެއްދުންތެރި ސިނާއީ ފެސިލިޓީތަކާއި، ޚިދުމަތް ފޯރުކޮށްދޭ ޔުނިޓްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން ތިމާވެށީގެ ގޮތުން ވަރަށްބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބޮޑެތި 20 އަވަށެއްގައިހުރި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރާ އޮފީސްތަކަށާއި ފެސިލިޓީތަކަށް ވެސް ވަނީ ގެއްލުންދީފައެވެ. މީގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްތަނަކީ ކަރާޖްގައި ހުންނަ ނެޗުރަލް ހިސްޓްރީ އެންޑް ބަޔޯޑައިވާސިޓީ މިއުޒިއަމެވެ. އެތަނަށް ހަމަލާދީ ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައެވެ.
މީގެ އިތުރުން ހިމާޔަތް ކޮށްފައިވާ ތަންތަން ހިމެނޭ 13 ސަރަހައްދަކަށް ވެސް ވަނީ ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައެވެ. އޭގެ ތެރޭގައި ހޮރްމުޒްގާނާއި، މަރްކާޒީއާއި، ސިސްތާނާއި، ބަލޫޗެސްތާނާއި، ފާރސް އާއި، ކުރުދިސްތާނާއި، އަލްބޯޒާއި، ތެހެރާނުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހިމެނެއެވެ. އަދި ޗަސްބިންތަކާއި، ކުޅިފަދަ ތަންތަނާއި، ހިމާޔަތް ކޮށްފައިވާ ވަލުޖަނަވާރު އުޅޭ ސަރަހައްދުތަކަށްވެސް ހަމަލާދީފައިވެއެވެ. މީގެ ތަނަކަށްދޭ ކޮންމެ ހަމަލާއަކީ ތިމާވެށީގެ ގޮތުން އެތައް ގެއްލުމެއް ލިބޭ ހަމަލާއެކެވެ.
އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކުގައި ތެހެރާނުގެ ތެޔޮ ރައްކާކުރާ ތަންތަނުން ވަނީ 360،000 ކިއުބިކް މީޓަރަށް ވުރެ ގިނައިން ތެޔޮ އަނދައިފައެވެ. މީގެ ސަބަބުން ޖައްވާއެކު މުޅި ސަރަހައްދު ވަނީ ތަޣައްޔަރުވެފައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އަލްބޯޒް ޕްރޮވިންސްގެ ތެޔޮ ޓޭންކްތަކަށް ދިން ހަމަލާތަކުން އިތުރު 53،000 ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުވެފައިވެއެވެ. މިއީ އިންސާނުންގެ ސިއްހަތަށް އެތައް ގެއްލުމެއް ކުރިމަތިވެދާނޭ ކަމެކެވެ.
ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓުން މިހާރު މަސައްކަތް ކުރަމުންދަނީ މިމައްސަލަތައް ބައިނަލްއަގުވާމީ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށެވެ. ބޭނުމަކީ މިމައްސަލަ އެމީހުން ލައްވާ ބެލުވުމެވެ. އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރަމުންދާ ކަމަށް އެޑިޕާޓުމެންޓުން ވަނީ ބުނެފައެވެ.






