އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅާނޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން މިހާރުވެސް ވަނީ އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.
އެމެރިކާއިން މިއިންޒާރު ދިނުމުން އީރާނުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ކުށެއް ނެތް ބައެއްގެ މައްޗަށް ގަސްދުގައި ތަކުލީފު ދިނުން ކަމަށެވެ. މިއީ ތަކުލީފު ލިބޭ ސިޔާސަތެއް ކަމަށާއި އެއީ ވަރަށް ދެރަކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފާ ކުރައްވާފައެވެ.
”މިކަމުން ދޭހަވަނީ އެ މީހުން (އެމެރިކާ) ގެ ފަހަތުގައި ފުރޮވިފައިއޮތް އިންސާނިއްޔަތާ ޚިލާފު ވިސްނުން. މިއީ އިގްތިސާދީ ޓެރަރިޒަމާއި ދައުލަތުން ސްޕޮންސަރ ކުރާ ފޭރުމުގެ އަމަލުތަކެއް،“ އޭނާ ވިދާޅުވެފައިވެއެވެ. މިއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ފަހަތުގައި ވަނީ އެއްވެސް ކަމަކާނުލައި މީހުން މެރުން ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.
އެމެރިކާއިން މިހާރުވެސް ވަނީ އީރާނާ ގުޅުން ހުރި ބައެއް ކުންފުނިތަކާއި ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އީރާނުން ތެޔޮ ގަންނަ ގައުމަތަކާއި، ތެހެރާންގެ މާލީ ވަސީލަތްތައް ހުރި ކޮންމެ ބޭންކަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނޭ ކަމަށް ވަނީ ބުނެފައެވެ.






