ހޮރްމުޒު ހުޅުވާލުމުން ދުނިޔޭގެ ލީޑަރުން މަރުހަބާ ކިޔަން ފަށައިފި

އަހުމަދު މުހައްމަދު
އޭޕްރިލް 18, 2026

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލިކަން އީރާނުން އިއުލާން ކުރުމުން ދުނިޔޭގެ ގައުމުތަކުން އެކަމަށް މަރުހަބާ ކިޔަން ފަށައިފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިކަމާ ގުޅިގެން ވިދާޅުވީ މިއީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމަށް ލިބިގެންދާނޭ ލުޔެއް ކަމަށެވެ.

”ސްޓްރޭޓް އޮފް ހޮރްމޫޒް މުޅިން ހުޅުވާލެވިފައިވާ ކަމަށް އީރާނުން އިއުލާން ކުރުމުން މަރުހަބާ ކިޔަން. މިއީ ރަނގަޅު ދިމާއަކަށް އެޅި ފިޔަވަޅެއް،“ ގުޓަރެސް އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އދ. އިން ބޭނުންވަނީ ސްޓްރޭޓް އޮފް ހޯރްމުޒްގައި މިނިވަންކަމާއެކު ބޯޓުފަހަރަށް އަލުން ދަތުރުކުރުމުގެ ފުރުސަތު އަލުން ލިބިގެން ދިއުން ކަމަށާއި މިކަމަށް އެންމެން އިހްތިރާމް ކުރުން ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކެއަރ ސްޓާމަރ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ އުފާވެރި ޚަބަރެއް ކަމަށެވެ.

”މިއީ ދިގުދެމިގެންދާ އަދި އަމަލުކުރެވޭނެ ހައްލަކަށް ވާންޖެހޭނެ. މިކަން ވާންޖެހޭނީ ޓޯލް ނުވަތަ އެއްވެސް ހުރަހެއްނެތި އެކިދިމާއަށް ދަތުރު ކުރެވެންޖެހޭނޭ ކަމަކަށް. މިއަދު އަޅުގަނޑުމެން އިއުލާންކުރީ ފްރާންސާއި ބައިނަލްއަގްވާމީ އެހެން ބައިވެރިންނާ އެކު ދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ޖޮއިންޓް ޕްލޭން،“

ފިންލޭންޑްގެ ރައީސް އެލެގްޒެންޑަރ ސްޓަބް ވިދާޅުވީ އެގައުމުން އޮތީ މެދުއިރުމަތީގެ މައްސަލައަށް ހަމަޖެހުން ގެނެސްދޭ އަދި ބައިނަލްއަގްވާމީ ގާނޫނަށް އިހުތިރާމްކުރާ ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ.

”ސްޓްރޭޓް ހުޅުވުމާ ގުޅޭ ގޮތުން އީރާނުން ކުރި އިއުލާނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. ދެމިގެންދާނޭ ހައްލުތަކަށް ޑިޕްލޮމެސީ ބޭނުންވޭ،“ އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވީ އީރާނުގެ މިނިންމުމާ ގުޅިގެން ޓެކްނިކަލް ވެރިފިކޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

”އަޅުގަނޑުމެން މިހާރު މިދަނީ ސްޓްރޭޓް އޮފް ހޯރމުޒް އަލުން ހުޅުވުމާ ގުޅޭ ގޮތުން ދާދި ފަހުން ކުރި އިއުލާން ޔަގީން ކުރަމުން. އައިއެމްއޯ އިން ގާއިމްކުރި ޓްރެފިކް ސެޕަރޭޝަން ސްކީމް ބޭނުންކޮށްގެން ހުރިހާ ވިޔަފާރި އުޅަނދުތަކަށް ދަތުރުކުރުމުގެ މިނިވަންކަމާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ޔަގީންކަން ހޯދަންޖެހޭ،“ އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވަނީ ހަނގުރާމަ ހުއްޓާލުމުގެ ބާކީ އޮތް މުއްދަތަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުން މުޅިން ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އިޒްރޭލުން ލުބުނާނަށްދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވުމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *