އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަގުރާމައިގެ ސަބަބުން ސަރަހައްދީ އަދި ބައިނަލް އަގުވާމީ ސުލްހައަށް ނުރައްކާވެފައިވާ ކަމަށް އިރާނުން ބުނެފިއެވެ.
އެ ގައުމުގެ ރޯޑްސް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ފަރުޒާނާ ސާދިގް އާ ހަވާލާދީ އިސްލާމިކް ރިޕަބްލިކް އެޖެންސީ (އައިއާރުއެންއޭ) އިން ބުނެފައިވަނީ އިޒްރޭލާއި އެމެރިކާގެ ހަމަލާތައް އޭނާ ވަނީ ވަރަށްބޮޑަށް ކުށްވެރި ކުރައްވާފައި ކަމަށެވެ.
މިނިސްޓަރު ފަރުޒާނާ ސާދިގު މިހެން ވިދާޅުވެފައިވަނީ ކިރްގިސްތާނުގެ ބިޝްކެކްގައި ހުކުރު ދުވަހު ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ މެމްބަރު ގައުމުތަކުގެ ޓްރާންސްޕޯޓު މިނިސްޓަރުންގެ 13 ވަނަ ބައްދަލުވުމަށް ފޮނުވި ވީޑިއޯ މެސެޖެއްގައެވެ.
އިޒްރޭލާއި އެމެރިކާގެ ޓެރަރިސްޓް ލަޝްކަރުންތަކުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އިޒްރޭލާއި އެމެރިކާއިން ވަނީ އީރާނުގެ ދެކުނުގެ މިނާބްގައި ހުންނަ ސްކޫލަކަށް ޙަމަލާދީ 170 އެއްހާ ދަރިވަރުންނާއި މުވައްޒަފުން ޝަހީދު ކޮށްލާފައެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ސިފައިންވަނީ އިޒްރޭލަށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާދީފައެވެ.
އީރާނުން ބުނެފައިވަނީ ކަރާޖްގެ ބީ1 ބްރިޖަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާގައި 8 މީހަކު ޝަހީދުވެ، 95 މީހުން ޒަޚަމްވި ކަމަށެވެ.
ފަރުޒާނާ ސާދިގު ވިދާޅުވީ އީރާނަށް ދެމުންގެންދާ ހަމަލަތަކަކީ އިންސާނިއްޔަތާ ޚިލާފު ހަމަލާތަކެއް ކަމަށެވެ. އެހެން ކަމުން ބައިނަލްއަގުވާމީ މުޖްތަމަޢުން މި ހަމަލާތައް ކުށްވެރިކުރަންޖެހޭ ކަމަށާއި އަދި އީރާނަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާތީ އީރާނަށް ތާއީދު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.






