އުތީމު ދަރިކޮޅު

ޢަބްދުﷲ ސަޢީދު
މެއި 4, 2026

އުތީމު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ހަތަރުވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ ހިލާލީ ދަރިކޮޅެވެ. އުތީމު ދަރިކޮޅުގެ ބާނީއަކީ ދިވެހި ޤައުމީ ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. މިއީ މަޝްހޫރު ބޮޑު ތަކުރުފާނެވެ. އުތީމު މަހާރަދުންނެވެ.

އުތީމު ދަރިކޮޅަކީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ޚިދުމަތްތެރި އަދި އެންމެ ޝަރަފުވެރި އެއް ދަރިކޮޅެވެ. މި ދަރިކޮޅަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަޅުވެތިކަމުން (ޕޯޗުގީޒުންގެ އަތްދަށުން) ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަތަލުން ނިސްބަތްވާ ދަރިކޮޅެވެ.

މި ދަރިކޮޅުން ރަސްކަން ކުރެއްވި ގިނަ ބޭފުޅުންނަކީ ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. މި ދަރިކޮޅުގެ ރަސްކަމާއެކު މި ޤައުމުގެ ދިވެހި ޤައުމިއްޔަތު އަލުން ދިރުވައި އާލާ ކުރެއްވިއެވެ. ސިފައިން އުފައްދަވައި، ތާނައަކުރު ތާރަފުކުރައްވައި، އިސްލާމީ ތަޢުލީމު ދެއްވަން ފަށްޓަވައި، ދައުލަތުގެ ފައިސާ ފުރަތަމަ ފަހަރަށް ޖައްސަވައި އިގުތިޞާދު ބިނާކުރައްވައި ދިފާޢީގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިއެވެ.

ބޭރުގެ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާކަތްކުރުމަށް މާލެވަށައި ބޮޑުފާރު ރާނައި ބުރުޒުތައް ބިނާކުރީ އުތީމު ދަރިކޮޅުގެ ރަސްކަމުގައެވެ. ހުކުރު މިސްކިތް މިހާރު ފެންނަހުރިގޮތަށް އިމާރާތްކޮށް ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް އުތީމު ދަރިކޮޅުގެ ރަސްކަމުގައެވެ.

މި ދަރިކޮޅުން ދިވެހިރާއްޖޭގެ ރަސްކަން 8 ބޭފުޅުން ކުރެއްވިއެވެ. އެ ބޭފުޅުންނަކީ:-

  1. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  2. އައްސުލްޠާން އިބްރާހީމް ކަލާފާނު
  3. އައްސުލްޠާނާ ކަޅު ކަމަނާފާނު

4.އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު

  1. އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (އެއްވަނަ)
  2. އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)
  3. އައްސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނު
  4. އައްސުލްޠާން މުޙައްމަދު މުޙިޔިއްދީނުލް އާދިލް

އުތީމު ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ރަސްކަންކުރެއްވީ އިސްދޫ ދަރިކޮޅުންނެވެ. އުތީމު ދަރިކޮޅަށްފަހު އިސްދޫ ދަރިކޮޅަށް ރަސްކަން ލިބުމާ ދޭތެރޭގައި އިތުރު ދެ ބޭފުޅަކު ރަސްކަން ކުރެއްވިއެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުލް ޣަމަވީ އާއި އައްސުލްޠާން މުޙައްމަދު އިބްނު އަލްޙާއްޖަ ޢަލީތުއްކަލާ ނުވަތަ ދެއްވަދޫ ރަސްގެފާނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *