ތިއޮޑޯރ ހަރޒެލްގެ ޑައިރީ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 5, 2026

1897 ގައި މީހަކު، އޭނާގެ ޑައިރީގައި ލިޔުނެވެ. ”މިއަދު އަހުރެން ޔަހޫދީ ދައުލަތުގެ ބިންގާ އަޅައިފީމެވެ.“ ދުނިޔޭގެ އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. 51 އަހަރު ފަހުން އެކަން ޙަޤީޤަތަކަށް ވިއެވެ. ތިއޮޑޯރ ހަރޒެލްއަކީ އޮސްޓްރިޔާގެ ޖަރނަލިސްޓެކެވެ. އޭނާއަކީ ސިފައިންގެ މީހެއް ނޫނެވެ. އޭނާއަކީ ރަސްކަލެއް، ރައީސެއްވެސް ނުމެ ނޫން މެއެވެ. އަދި، މާބާރުގަދަ މީހެއްވެސް ނޫނެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި ޤަލަމެކެވެ.

1897 ގައި، ސްވިޒަރލޭންޑުގެ ބޭޒަލްގައި، ސަހުޔޫނީ ފުރަތަމަ ކޮންގްރެސް ބޭއްވިއެވެ. 200 އަށްވުރެ ގިނަ ޔަހޫދީން، އެ ކޮންގްރެސްގައި ބައިވެރިވިއެވެ. އެ ރޭ ތިއޮޑޯރ ހަރޒެލް އޭނާގެ ޑައިރީގައި ލިޔުނެވެ. ”ބޭޒަލްގައި އަހުރެން ޔަހޫދީ ދައުލަތެއް ޤާއިމުކޮށްފީމެވެ.“ މިވާހަކަ، އެދުވަހު ދެއްކިނަމަ، އެންމެން އަހުރެންނަށް މަލާމާތްކޮށް ހޭނެއެވެ. ފަސްއަހަރު ފަހުން ފަހަރެއްގައި ބަޔަކު އެވާހަކަ ޤަބޫލުކޮށްފާނެއެވެ. ހަމަޔަޤީނުންވެސް 50 އަހަރު ފަހުން އެވާހަކަ ޤަބޫލުކުރާނެއެވެ. 1948 ގައި، ބަރާބަރު 51 އަހަރު ފަހުން ސަޙުޔޫނީ ދައުލަތް ވުޖޫދަށް ގެނެވުނެވެ. ޙަޤީޤަތުގައި ވުޖޫދަށް ގެނެވުނީއެއް ނޫނެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެގެން، ގަދަކަމުން ދައުލަތެއް ޤާއިމު ކުރީއެވެ. އޭނާގެ ޑައިރީގައި އަދި އެހެން ވާހަކަތަކެއްވެސް ލިޔެފައިވެއެވެ. އެކަމަކު، އެއްވެސް މީހަކު އެވާހަކަތަކެއް ނުދައްކައެވެ.

އޭނާ ލިޔެފައިވެއެވެ. އަހުރެމެން ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ފަހު، އެތަނުގައި ތިބި ފަޤީރު ޢާބާދީގެ ތެރޭގައި ހިމެނޭ ޢަރަބިންނާއި، އެހެނިހެން މީހުން މަޑުމަޑުން ސަރަޙައްދީ ރޮނގުން ބޭރުކުރާނީއެވެ. މިއީ 1897 ގެ ވާހަކައެވެ. އުސްމާނީ ޚިލާފަތުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާގޮތުގައި، އޭރުގެ ފަލަސްޠީނުގެ އާބާދީގެ 94 އިންސައްތައަކީ ޢަރަބިންނެވެ. އެކަމަކު، ޢަރަބިން ފަލަަސްޠީނުގެ ބިންތަކުން ބޭރުކުރުން ފިޔަވައި، ހަރޒެލްގެ ޕްލޭނުގައި އެފަދަ އެހެން އެއްވެސް ވާހަކައެއް ނެތެވެ. ތިއޮޑޯރ ހަރޒެލްގެ އެންމެ މަޝްހޫރުފޮތަކީ 1896 ގައި އޭނާ ލިޔުނު ”ދެއަރ ޖޫޑެންޝްތާތު“، އާދެ ”ޔަހޫދީ ދައުލަތް“ އެ ފޮތެވެ. އެ ފޮތުގައި، އޭނާ ލިޔެފައިވާ ގޮތުގައި، އެ ޕްރޮޖެކްޓަކީ، ހަމައެކަނި ޔަހޫދީންނަށްޓަކާ ހިންގޭ ޕްރޮޖެކްޓެއް ނޫނެވެ. އެއީ މުޅި ހުޅަނގުގެ ހުރިހާ ރައްޔިތުންނަށްޓަކާ ހިންގޭ ޕްރޮޖެކްޓެކެވެ. އެ ޙަޟާރަތުގެ އައުޓްޕޯސްޓަކީ ބަރުބަރިއްޔަތާއި، ނާތަހުޒީބާއި ދެކޮޅަށް ޤާއިމުކުރެވޭ އައުޓްޕޯސްޓެކެވެ. އެބުނާ ބަރުބަރިއްޔަތާއި، ނާތަހުޒީބު މީހުންނަކީ ކޮންބައެއް ހެއްޔެވެ؟ އެއީ އަންޒަމާނުއްސުރެ، ފަލަސްޠީނުގައި ދިރިއުޅެމުން އައި، ކަންޢާނީ ދަރިފަސްކޮޅުގެ ޢަރަބިންނެވެ. މިއީ ހަރޒެލް ލިޔެ ޝާއިޢުކޮށްފައިވާ އޭނާގެ ފޮތުގައި ހުރި ޢިބާރާތްތަކެވެ.

14 މެއި 1948 ގައި، ޑޭވިޑް ބެންގޫރިއަން އިޒުރޭލުގެ ދައުލަތް އިޢުލާން ކުރިއެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި، އެމެރިކާއިން އިޒުރޭލުގެ ދައުލަތް ޤަބޫލުކުރިއެވެ. އެވަގުތު ފަލަސްޠީނުގެ 7.5 ލައްކައަށް ވުރެ ގިނަ ޢަރަބިންނަށް، އެމީހުންގެ ގޯތިގެދޮރުން ނުކުންނަން މަޖުބޫރުކުރިއެވެ. ޢަރަބިން އެ ޙާދިސާއަށް ”ނަކުބާ“ އޭ ކިޔައެވެ. މާނައަކީ ކާރިސާ ނުވަތަ މުޞީބާތެވެ. އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ލިޔެކިއުންތަކުގައި އެވާހަކަ ވަނީ ލިޔެވިފައެވެ. ތިއޮޑޯ ހަރޒެލްގެ ޑައިރީގައި އޭނާ ލިޔެފައިވާ ވާހަކަތައް ޙަޤީޤަތަކަށް ވިއެވެ. އެކަމަކު، އޭގެ އަގު ދެއްކީ މުޅިން އެހެން ބައެކެވެ. މިއަދު، 04 މެއި 2026 ގައި ޣައްޒާއަށް ބަލައިލަ ބަލާށެވެ. 1896 ގައި ތިއޮޑޯ ހަރޒެލް ލިޔުނު ލިޔުމާއި އެއްގޮތަށް، ފަލަސްޠީނުގެ އާބާދީ އެދަނީ ގަދަކަމުން ފަލަސްޠީނުން ބޭރުކުރަމުންނެވެ. އަދި ފަލަސްޠީނުގެ ބިންތައް އެދަނީ ހިފަމުންނެވެ. އަދި ދުނިޔެއަށް ބުނެދެނީ އެއީ އިޒުރޭލުގެ ދިފާޢުގައި ކުރާ ކަމެއް ކަމަށެވެ. ހިއުމަންރައިޓްސް ވޮޗާއި، އެމްނެސްޓީ އިންޓަރނޭޝަނަލްއާއި، އަދި އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ޚާއްޞަ ރެޕަޓުއާ ވަނީ އިޒުރޭލުން މިހިންގާ އަނިޔާވެރި ޢަމަލުތަކުގެ ވާހަކަތައް ލިޔުންތަކަށް ތިރިކޮށްފައެވެ. އެއީ އައުކަމެއް ނޫނެވެ. އެއީ، މީގެ 127 އަހަރު ކުރީން ލިޔެފައިވާ ޕްލޭނެއް ތަންފީޒު ކުރަނީއެވެ. އިޒުރޭލު ވުޖޫދުވުމުގެ މާކުރިން، 1904 އަހަރު ތިއޮޑޯރ ހަރޒެލް މަރުވެއްޖެއެވެ. އެކަމަކު، އޭނާގެ ޑައިރީ މިއަދުވެސް ސެންޓުރަލް ޖެރޫސެލަމްގެ އާކައިވުގައި އެބައޮތެވެ. އެ ޑައިރީގައި އޭނާ ލިޔެފައިވާ ގޮތަށް ފަހަރަކު ކަމެއް އެދަނީ ތަންފީޒު ކުރަމުންނެވެ. ސުވާލަކީ ދެން އޮތީ އެ ޑައިރީގެ ކޮން ޗެޕްޓަރެއް ހެއްޔެވެ؟ އެ ޑައިރީ މިއަދުވެސް އެދަނީ ލިޔެ އަދާހަމަ ކުރަމުންނެވެ. ހަމައެކަނި ބަދަލުވީ ޤަލަމެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *