މިއީ،11 މެއި 1945 ގައި ހިނގި ހާދިސާއެކެވެ. އުމުރުން 24 އަހަރުގެ ސާޖަންޓް ޖޯން އާރް. މެކިނީ ހުރީ ފިލިޕީންސްގެ ލޫޒޯންގައި އޮންނަ ތަޔާބަސް ޕްރޮވިންސްގެ އެކަހެރި ފޯސްޓެއްގައެވެ. އޭނާގެ ޒިންމާއަކީ އެމީހުންގެ ޕްލެޓޫންގެ ކަނާތްފަރާތް ރައްކާތެރިކުރުމަށްޓަކައި، މެޝިން ގަން ޕޮޒިޝަނެއް ބެލެހެއްޓުމެވެ.
މެކިނީއަކީ މަޑުމައިތިރި މިީހެކެވެ. އެއީ އޭނާ ބަލިވެ އުޅުނު ދުވަސްކޮޅެކެވެ. އޭނާ އޮތީ ވަރަށް ގަދައަށް ހުން އައިސްފައެވެ.
ފަތިސްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ޖަޕާނުގެ ވަރުގަދަ ލަޝްކަރަކުން ސިއްރިއްޔާތުގައި އެ ފޯސްޓަށް ކުއްލި ހަމަލާއެއް ދިނެވެ. މެކިނީ އޭނާގެ ފޭލިގޭގައި އޮއްވައި، ޖަޕާނު ސިފައިންގެ މީހަކު ކަނޑިއަކުން ފޭލިގެ ކަފާލިއެވެ. އެ ކަނޑީގެ ހަމަލާ މެކިނީގެ ކަރު ބުރިނުވެ ސަލާމަތްވީ ކިރިޔާއެވެ. ނަމަވެސް، އޭނާގެ ކަނާތު ކަންފަތުން އެއްބައި ބުރިވެ، ބޮލަށް ވަރަށް ބޮޑު އަނިޔާއެއް ލިބުނެވެ.
ޒަޚަމްތަކާއެކު ލޭ އޮހޮރެމުން ދިޔަ ނަމަވެސް، މެކިނީ ވަގުތުން އޭނާގެ ބަޑި ނަގައި، އޭނާއަށް ހަމަލާދިން މީހާ މަރާލިއެވެ. ދެން އޭނާ އަވަސްވެގަތީ މެޝިން ގަން ބޭނުންކޮށްގެން ދުޝްމަނުންގެ ކުރިއެރުން ހުއްޓުވުމަށެވެ. ނަމަވެސް، އެ ބަޑި އޮތީ ބޭނުންނުކުރެވޭ ވަރަށް ތާށިވެފައެވެ.
އެ ވަގުތު ޖަޕާނުގެ ދެ ސިފައިން މީހުން ބެނެޓް (ބަޑީގެ ކުރީގައި ހަރުކޮށްފައި ހުންނަ ވަޅި) އިން އޭނާއަށް ދިމާލާދޭން މަސައްކަތްކުރިއެވެ. އެމީހުންނަށް އޭނާއާ ހަމައަށް އާދެވުމުގެ ކުރިން މެކިނީ ބަޑިޖަހައި އެ ދެ މީހުން މަރާލިއެވެ. އަދި އެހެން ސިފައިންގެ މީހަކު އައިސް ކައިރިން ހަމަލާދޭން އުޅުމުން، މެކިނީ އޭނާގެ ބަޑީގެ ބަޓުން (ބަޑީގެ ފަހަތު މުއްގަނޑުން) އެމީހާގެ ދަތްދޮޅީގައި ބާރަށް ޖަހައި މަރާލިއެވެ. އެ ހަމަލާގެ ބާރުގަދަކަމުން ބަޑީގެ ލަކުޑި ބަޓަށް ވެސް ގެއްލުން ލިބުނެވެ.
ދެން ފެނުނީ ޖަޕާނުގެ އިތުރު 10 ސިފައިން އޭނާ ހުރި ސަރަހައްދަށް ވަދެގަނެ، ބަޑިޖަހައި އަތުބޮން އުކަން ފެށިއެވެ. މެކިނީ އެއްވެސް ނިވާފަތްގަނޑެއް ނެތި ހުސްބިމުގައި ހުރެގެން، ހަލާކުވެފައިވާ ބަޑިއަށް ވަޒަން އަޅަމުން ހަލުވިކަމާއެކު ހަމަލާދީ، އެ 10 މީހުންވެސް މަރާލިއެވެ. ދުޝްމަނުން އަނެއް ފަރާތުން ވަދެގަންނަން އުޅުމުން، އޭނާ ކުޑަ ވަޅުގަނޑަކަށް ފުންމާލައި ދިފާޢީ ހަމަލާތައް ކުރިއަށް ގެންދިޔައެވެ.
ވަޒަން ހުސްވުމުން، ދުޝްމަނުންގެ ބަޑީގެ ހަމަލާތަކުގެ ތެރޭގައި ފިރުކެމުން ގޮސް، މަރުވެފައި ތިބި ސިފައިންގެ އަތުން ވަޒަން ހޯދައިގެން އޭނާގެ މަގާމަށް އެނބުރި އައިސް އަލުން ހަމަލާދޭން ފެށިއެވެ. އެންމެ ފަހުން ޖަޕާނު ސިފައިންނަށް ކާމިޔާބު ނުވުމުން، ބާކީ ތިބި މީހުން ޖަންގަލީގެ ތެރެއަށް ފިލިއެވެ.
އިރު އެރިއިރު، މެކިނީ ހުރި ސަރަހައްދުގެ ވަށައިގެން ޖަޕާނު ސިފައިންގެ 38 މީހަކު މަރުވެފައި ތިއްބާ ފެނުނެވެ. އަދި ކައިރީގައި އޮތް އެހެން ވަޅުގަނޑަކުން އިތުރު ދެ މީހަކު ފެނުނެވެ. އޭނާ އެކަނިމާއެކަނި ދެއްކި މި ހިތްވަރުގެ ސަބަބުން މުޅި ފައުޖު ނެތިގެން ދިއުމުން ސަލާމަތްވިއެވެ.
ބޮލަށް ލިބުނު ބޮޑު އަނިޔާއިން ސަލާމަތްވި މެކިނީއަށް، 1946 ވަނަ އަހަރު ރައީސް ހެރީ އެސް. ޓްރޫމަން ވަނީ އެމެރިކާގެ އަސްކަރީ އެންމެ މަތީ ޝަރަފު ކަމަށްވާ ’މެޑަލް އޮފް އޮނަރ‘ އަރުވާފައެވެ.
އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ވަކިވުމަށްފަހު، އޭނާ އެނބުރި ދިޔައީ ޖޯޖިއާގެ ސިލްވޭނިއާގައި ހުންނަ އޭނާގެ އުފަން ރަށަށެވެ. އޭނާގެ ބާކީ އޮތް ދިރިއުޅުން ހޭދަކުރީ އާއިލާއާއެކު ދަނޑުވެރިކަމުގެ މަސައްކަތުގައި، ވަރަށް އާދައިގެ ހިމޭން ދިރިއުޅުމެކެވެ.
އޭގެ އެތައް އަހަރެއް ފަހުން، އޭނާއަށް ލިބުނު އަސްލު މެޑެލި ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައިގެން ދިޔައެވެ. ނަމަވެސް، ސަރުކާރުން ވަނީ އޭނާއަށް އެ މެޑެލި އައުކޮށްދީފައެވެ. ޖޯން އާރް. މެކިނީ މިދުނިޔެ ދޫކުރީ 5 އޭޕްރީލް 1997 ގައެވެ.
މަސްދަރު: ވޯ ހިސްޓްރީ އޮންލައިން






