ސާއިދުގެ ސުވާލަށް ސާރާ ޖަވާބު ދިނީ ސުވާލަކުންނެވެ. ”ސާއިދުއަށް ކިހިނެއް އެނގުނީ މީ ސާރާ ކަމެއް؟ އަހަރެންގެ އަޑު ސާއިދުއަށް އެހާ ފަރިތައީތަ؟“ ސާރާ ސުވާލުކުރީ ވަރަށް ލަދުރަކި ރާގަކަށެވެ. އޭރުވެސް ސާއިދުއަށް އިނދެވުނީ ހަދާނެ ގޮތެއް ނޭންގިފައެވެ. ހަމައެހެންމެ ސާރާގެ ސުވާލަށް ދޭނެ ޖަވާބެއްވެސް ނޭންގުނު ކަހަލައެވެ. ހަމަހިމޭން ކަމުގެ ކުޑަ ވަޤުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ސާރާއެވެ. ”ސާއިދު، އަނެއްކާ ހަމަހޭވެރިކަން އެބަހުރިތަ؟“ ސަމާސާ ގޮތަކަށް ސާރާ ބުނެލިއެވެ. އޭނާގެ އެސުވާލަށް ސާއިދު ޢިޖާބަދޭން ބޭނުންވިއެވެ. އެހެނަސް ބުނާނީ ކީކޭ ކަމެއް ނޭންގުނެވެ. ހަމައެއާއިއެކު އޭނާގެ ލޮލުން ކަރުނަ ހިލިލިއެވެ. ކީއްވެގެން ކަމެއްވެސް ނޭންގުނެވެ. އެހިނދު އުފާވެރި ކަމުގެ އިޙުސާސެއް ކުރެވުނެވެ. ހަމަ އެހެންމެ، ހައިރާންކަން ހިތާއި ސިކުނޑި ވަށާލައިފިއެވެ. ހިފެހެއްޓުމެއްނެތި ލޮލުން އެއޮހޮރޭ ކަރުނައިގެ ސަބަބެއްވެސް ނޭންގުނެވެ. އެހެންނަމަވެސް އެ އަގުހުރި ވަޤުތުކޮޅު ބޭކާރުކޮށްނުލާން ސާއިދު ވިސްނިއެވެ. އެހެނީ ހިންދިރުވާލުމާއިއެކު، ސާރާގެ ގޮވާލުމަށް ޢިޖާބަ ދިނުމަށް ސާއިދު މަސައްކަތް ކުރިއެވެ. ”ސާރާ..“ ”ލައްބަ، އަޅުގަނޑަށް ކިޔަނީ ސާރާ.. ސާރާ ޝަރީފް. އަނެއްކާ އަހަރެންނަށް ގުޅިފަ މިހުރީ ރަނގަޅު މީހާޔަށްބާ؟ މި ބުނީ ތީ އަޙްމަދު ސާއިދު ޙަސަން ހޭ؟“ ސާރާގެ ވާހަކަ ހުރިގޮތުން ސާއިދުގެ މޫނުމައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހެނީ މީގެ ކުރިން ސާރާ، ސާއިދުއާއި މުޚާތަބު ނުކުރާ ގޮތަކަށް ވާހަކަ ދެއްކުމުން އެކަން ސާއިދުއަށް ޤަބޫލުކުރަން ދަތިވީއެވެ. އުފާވެސް ވީތީއެވެ. އަނެއްކޮޅުން ސާރާ ކިތަންމެ ހަމަޖެހޭ ކަމަށް ހަދައިގެން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އޭނާގެ ހިތަށްވެސް ވަނީ ހާސްކަމެއް ވެރިވެފައެވެ. އެހެނީ އޭނާ ވާހަކަ ދައްކަމުން ދާއިރު ޝަފްނާގެ އަތަށް ފިތާލައިގެން ހުރިހުރުން އެކަން ހެކިދެއެވެ. ޝަފްނާއަށް އެއީ އެހާ ފަސޭހަކަމަކަށް ނުވިޔަސް، ރަޙުމަތްތެރިޔާއަށްޓަކާ، ހިތްވަރު ކޮށްލަނީއެވެ. އެހެނީ ޝާފްނާއަކީ އަބަދުވެސް އޭނާގެ އެއްކަމަކަށްވުރެވެސް ބޮޑަށް ރަޙުމަތްތެރިންގެ ކަންކަން އިސްކުރާ މީހެކެވެ. މަޑުމައިތިރިއެވެ. ބަސްމަދެވެ. އެހެނަސް ރިވެތި އަޚްލާޤެއްގެ ވެރިއެކެވެ. ރަޙުމަތްތެރިންނަށްޓަކާ ކޮންމެފަދަ ޤުރުބާނީއެއްވެސް ދީފާނެފަދަ ހިތްހެޔޮ މިތުރެކެވެ.
އަނެއްކޮޅުން ސާއިދު ހީލާފައި ، ސާރާގެ ސުވާލަށް ޖަވާބު ދިނެވެ. ”ލައްބަ މީ އަޙްމަދު ސާއިދު ޙަސަން.“ އަނެއްކާވެސް ދެފަރާތަށްވެސް ވެރިވީ ހަމަހިމޭން ކަމުގެ ވަޤުތުކޮޅެކެވެ. ”ސާއިދު، އަހަރެން މިގުޅީ ކީއްވެގެންތޯ ނާހާނަންތަ؟“ ސާރާ އެސުވާލު ކުރުމުގެ ކުރިންވެސް، ސާއިދުގެ ހިތުގައި އުފެދިފައިއޮތް އެންމެ ބޮޑު ސުވާލަކީވެސް އެއީއެވެ. ”އަހަރެން މި ހިތަށްއަރަނީ ތިހެން. އަސްލު ކިހިނެއްވީ ތި ގުޅާލީ؟ އެއްވެސް ކަމަކުތަ؟“ ސާއިދު ހަމަޖެހިލަން މަސައްކަތް ކުރަމުން ސުވާލު ކޮށްލިއެވެ. ”އަހަރެން ބުނީމެއްނު ގުޅާނަމޭ. އެއީ އަހަރެންނަށް ވެވުނު ވަޢުދެއް ކަމަށް ޤަބޫލުކުރެވުނީތީ ވަޢުދު ފުއްދަން ވެގެން މިގުޅީ.“ ވަރަށް ލަދުރަކި ގޮތަކަށް ސާރާ ބުނެލިއެވެ. އެވަޤުތު އިތުރު މީހަކު އަނގައިން ބުނި އަޑު ސާއިދުއަށް އިވުނެވެ. އެހެނީ ސާރާގެ ވާހަކައިގެ މެދުތެރެއިން، ޝަފްނާ ގެއަށް ދިޔުމުގެ އިޒުނައަށް ސާރާގެ ކިބައިން އެދުނެވެ. ސާއިދުއަށް އެއިވުނީ އެއަޑެވެ. ”ތި ތަނުގަ އިތުރު މީހަކު އެބަ އުޅޭތަ. ތަންކޮޅެއް ދަންނަ އަޑެއް ކަންފަތުގަ ޖެހުނުހެން ހީވީމަ މިއަހާލީ.“ ސާއިދުގެ ސުވާލުން ސާރާ ކައިރިޔަށް ހިނިއަންނަ ގޮތްވިއެވެ. ”އެހެންވީމަ އަހަރެންގެ އަޑު ނޫނަސް ސާއިދުއަށް ފަރިތަ އެހެން އަޑުތައްވެސް އެބަ ހުރިތާ ދޯ.“ ސަމާސާ ރާގަކަށް ސާރާ ބުނެލިއެވެ. ”ނޫނޭ އެހެންނެއް ނޫން. އެކަމަކު ފަހަރެއްގަ މީގެ ކުރިން އަޑުއިވިފަ އޮތް އަޑެއް އިވިއްޖެއްޔާ ހަމަ ފާހަގަވުން އެކަށީގެންވޭތާ ދޯ.“ ލުއިލުއި ގޮތަކަށް ސާރާ ހީލިއެވެ. ”އަހަރެން ބުނި އެއްޗަކަށް ސާއިދު ސީރިޔަސް ވީތަ؟ ކަންބޮޑުނުވޭ، އެއީ އަހަރެން ސަމާސާޔަކަށް ބުނި އެއްޗެއް. އަސްލު މިތާ އިނީ ޝަފޫ، އަހަރެންގެ ފްރެންޑް.“ ”އޯ ޝަފްނާ ދޯ“ އެވަޤުތު، ސާރާ، ޝަފްނާއާއި ދިމާއަށް ފާޑަކަށް ބަލައިލިއެވެ. ޝައްކުން ފުރިގެންވާ ނަޒަރަކުންނެވެ. އޭނާއަށްވީ ކިހިނެއްކަމެއް ޚުދު އޭނާއަކަށްވެސް ބުނެދޭކަށް ނޭންގުނެވެ. ސާރާގެ ހިތުގައި ޝާފްނާއަށްޓަކާ ޒާތެއްގެ ހަސަދަވެރިކަމެއް އުފެދުނު ކަހަލައެވެ. އެކަން އެހެން ވާންޖެހޭނީ، ސާއިދުއަށްޓަކާ އޭނާގެ ހިތުގައި އެއްވެސް ކަހަލަ އިހުސާސެއް އުފެދިފައިވާނަމަ ތާއެވެ. އާއެކެވެ. އެ އިހުސާސް އެއޮތީ އުފެދިފައެވެ. ޚުދު ސާރާއަށްވެސް އެނގުމަކާއި ނުލައެވެ. އެހެނަސް ހަމަ އެއާއިއެކު ޝަފްނާގެ އެދުމަށް އިޖާބަދީ، ދިޔުމަށް ހުއްދަ ދިނެވެ. އަދި އަމިއްލަ ނަފްސާއި މެދު ވިސްނާލިއެވެ. ”އަހަރެންނަށް ޝަފޫއަށް ހަސަދަވެރި މިވަނީ ކީއްވެގެން ބާއެވެ. ހަމަ ޔަޤީނުންވެސް ސާއިދުއާ ޝަފޫގެ މެދުގަ އެއްވެސް ކަހަލަ ގުޅުމެއް އުފެދިފައެއް ނޯންނާނެތާއެވެ. އެންމެ ކުޑަމިނުން އެއީ އެހާ ރައްޓެހި ބައެއްވެސް ނޫން ވިއްޔާއެވެ.“ އެކި ކަހަލަ ކޫސަނި ޚިޔާލުތަކުން ސާރާގެ ހިތާއި ސިކުނޑި ފުރާލަމުން ދަނިކޮށް ކޮންމެވެސް މީހަކު ސާރާއަށް ގޮވާލިއަޑު އިވިއްޖެއެވެ. އެހިނދު ސާރާ ސިއްސައިގެން ގޮސް ވިސްނާލިއިރު ސާރާއަށް އިނދެވުނީ ފޯނު ކަންފަތުގައި ޖަހައިގެންކަން ރެޔަކާއި ލިއެވެ. އާއެކެވެ. ސާރާ އެއިނީ ސާއިދުއާއި ގުޅިފައެވެ. ސާރާ އަނގައިން ނުބުނެ އިރުކޮޅެއް ވުމުން ސާއިދު ގޮވާލީއެވެ. ސާރާއަށް އިވުނީ އެ އަޑެވެ. ”ސާރާ ކޮން ދުނިޔެއެއްގަ ތިއުޅެނީ؟“ ވަރަށް އޯގާތެރިކޮށް ސާއިދު ސުވާލު ކޮށްލިއެވެ. ”ސާއިދު، ޝަފޫ ދަންނަނީ ކިހިނެއް؟“ ސާރާއަށް އެއްވެސް އިޚްތިޔާރަކާއިނުލާ ސުވާލު ކޮށްލެވުނެވެ. ސާއިދުއަށް ލިބުނީ ހައިރާން ކަމެކެވެ. ”ސާރާ ތި ވިސްނަނީ ކޯޗެއް؟ އަހަރެންނާ ޝަފްނާޔާ އެއްވެސް ގުޅުމެއް އޮންނަންވީ ކީއްވެ؟ އޭނަ އަހަރެންނާ ދިމާވީވެސް އަހަރެން މިފަހަރު ޗުއްޓީއަށް ދިޔައިރު އެއްކަލަ ކައިވެނި ޕާޓީއިން. އާން އެރޭ އަނގައިން ބުނެލިން. އެވެސް އޭނަ އިސްވެ އަހަރެންނާ ވާހަކަ ދެއްކީމަ.“ ސާރާއަށް މިވަޤުތަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް އެއްފަހަރާ ދީ ނިންމާލެވުނު ކަހަލަ އިހުސާސެއް ސާއިދުއަށް ކުރެވުނެވެ. އަދި ސާއިދުއަށް ހަމަޖެހުމުގެ ފުން ނޭވާއެއް ލެވުނެވެ. އެހެންނަމަވެސް އެފަދަ އެއްވެސް އެއްޗެއް ސާރާއަށް އޮޅުންފިލުވައިދޭން މި ޖެހުނީ ކީއްވެގެން ބާއޭ ޚުދު ސާއިދުގެ ހިތަށް އެރިއެވެ. ”އެހެންވީ ދޯ؟ ޝަފޫގެ އަޑު، ސާއިދުއަށް މާ ފަރިތަ ވީމަ އަހަރެން ހިތަށްއެރީ އަނެއްކާ ތި ދެމީހުންގެ މެދުގަ އެއްވެސް ކަހަލަ ގުޅުމެއް އުފެދިފަ އޮތީބާއޭ.“ ސާރާއަށް ބުނެވުނު އެއްޗަކާމެދު އަމިއްލައަށް ޗިސްނާލުމާއިއެކު ލަދުވެދިކަން އިހުސާސް ކުރެވުނެވެ. ”ސޮރީ.“ ބުނާނެ އެއްޗެއް ބުނެލުމަށްފަހު، ހަމަ އެހިނދުމެ ވަރަށް ލަދުރަކި ގޮތަކަށް ސާރާ ބުނެލިއެވެ. ސާއިދު ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ. ”ކީއްވެ ސޮރީއޭ ތިބުނީ؟ ސާރާގެ ހިތުގަ އުފެދޭ ކޮންމެ ކަހަލަ ސުވާލެއްވެސް އަހަރެންނާ ކުރުމުގެ ޙައްޤު ސާރާއަށް އޮންނާނެ.“ ”އަހަރެންނަކީ ސާއިދުއަށް ހަމަ އެހާ މުހިންމު މީހަކީތަ؟“ ޔަޤީން ކޮށްލުމުގެ ގޮތުން ސާރާ ސުވާލުކޮށްލިއެވެ. އެހެނީ ސާރާއަކީ އޭނާގެ އަމިއްލަ ނަފްސާމެދު އަބަދުވެސް ފަޚުރުވެރިވާ ކަނބަލެއްތާއެވެ. އޭނާގެ ނަޒަރުގައި އޭނާއަށްވުރެ މުހިންމު މީހެއް ނުހުރޭތާއެވެ. އެގޮތުން ސާއިދުގެ ނަޒަރުގައިވެސް އޭނާގެ މުހިންމުކަން ކަށަވަރުކުރަން ސާރާ ބޭނުންވި ކަހަލައެވެ. ”އަދިވެސް ނޭންގޭތަ؟ ސާރާ އަހަރެންނަށް މުހިންމު ނޫންނަމަ މިވަޤުތު ސާރާޔާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވާނެތާ ދޯ.“ ސާއިދުގެ ޖަވާބުން ސާރާއަށް އެއްޗެއް ވިސްނުނު ކަހަލައެވެ. އެހެނީ އޭނާގެ ލޮލުން ކަރުނަ ހިލިލިއެވެ. މާޒީގައި އޭނާގެ ފަރާތުން ސާއިދުއަށްކޮށްފައިވާ އެންމެހާ ފުރައްސާރައެއް އެއްފަހަރާ ކަހަލަ ގޮތަކަށް ސާރާގެ ހަނދާނަށް އައެވެ. ހަމަ އެހިނދު ސާރާގެ ދުލުން ނިކުތީ ހަމަ އެންމެ ލަފުޒެކެވެ. ”ސޮރީ“ ސާރާގެ ދުލުން އެބަސް އިވުމުން ސާއިދުއަށް ލިބުނީ ހައިރާން ކަމެކެވެ. ”ކޮން ކަމަކާ؟“ ސާއިދު ސުވާލު ކޮށްލިއެވެ. ”ހުރިހާ ކަމަކަށް. އަހަރެން ސާއިދުއާމެދު ކަންތައްކުރީ ވަރަށް ގޯސްކޮންކަން އަހަރެން ޤަބޫލުކުރަން. އެންމެ ކުޑައިރުއްސުރެ މިހާތަނަށް ޖެހެންދެން އަހަރެން ސާއިދުއާމެދު ގޯސްކޮށް ކަންތައްކުރި ހުރިހާ ކަމަކަށްޓަކާ އަހަރެން ސާއިދުގެ ކިބައިން މަޢާފަށް އެދެން. ހިތުގެ އަޑިން. އިހުލާސްތެރި ހިތަކައިގެން. ސާއިދު އަހަރެންނަށް މަޢާފްކުރާނަންތަ؟“ ސާރާ ވާހަކަ ދައްކަމުން ގެންދިޔައިރު އޭނާގެ ހިތުގެ އަޑު ސާއިދުއަށް އިވުނު ކަހަލައެވެ. އެ ހިތުގައިވާ އޯގާތެރިކަމާއި އިހުލާސްތެރިކަން ސާއިދުއަށް ދެނެގަނެވުނު ކަހަލައެވެ. އެހިނދު ސާއިދުއަށް ހިން ދިރުވާލެވުނެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެހެން އިންސާނަކު ނަމަ ސާރާއަށް މަޢާފުކުރާކަށް ވިސްނާވެސް ނުލީހެވެ. އެހެނީ ސާރާގެ ފަރާތުން މަލާމާތާއި ފުރައްސާރަމުން ގެންދިޔައިރު، ތަހަންމަލުކުރި ހިތާމައާއި ލަދުވެތިކަމާއި ވޭން އެނގޭނީ ހެއްދެވި ފަރާތް ފިޔަވާ ހަމައެކަނި ސާއިދުއަށެވެ. އެހެންނަމަވެސް މިއަދު ސާރާ އިސްވެ، ސާއިދުއާއި ހިތްހެޔޮ ކަމާއެކު ވާހަކަ ދެއްކުމާއި، އިހުލާސްތެރި ހިތަކައިގެން މަޢާފާށް އެދުނު އެދުން އެހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ސާއިދުއަށް މަޖުބޫރު ކުރުވި ކަހަލައެވެ. އާނއެކެވެ. ސާއިދުގެ ހިތް ސާރާއަށްޓަކާ ސާފެވެ. އަބަދުގެވެސް ފަދައިންނެވެ. ”އަހަރެންގެ ހިތް ސާރާއަށްޓަކާ އަބަދުވެސް ސާފު. ސާރާއަކަށް ނުޖެހޭނެ އަހަރެންގެ ކިބައިން މަޢާފަށް އެދޭކަށް.“ ސާއިދުގެ ވާހަކަ އަޑުއިވިފައި ސާރާއަށް ފުން ނޭވާއެއް ލެވުނެވެ. ހިތްހަމަ ޖެހުމުގެ ފުން ނޭވާއެކެވެ. ”އަހަރެންނަކަށް ނޭންގެ ސާއިދުއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ތެދުތެދަށް ބުނަންޏާ، ދުވަސްކޮޅެއް ވެއްޖެ އަހަރެން މިކަމާ ފިކުރު ކުރާތާ. ސާއިދުގެ ޚިޔާލުތަކުން އަހަރެންނަށް ދުރަށް ނުދެވިގެން މިއުޅެނީ ކީއްވެގެން ކަމެއްވެސް ނޭންގެ. އޭރުއްސުރެން އަހަރެން މި ހުންނަނީ ސާއިދުގެ ކިބައިން މަޢާފަށް އެދެނީ ކޮން ދުލަކުން ބާއޭ ހިތަށް އަރައަރާ.“ ސާރާގެ އަޑުގައި ހުރި ލަދުވެތިކަމާއި، ކަންބޮޑުވުން ސާއިދުއަށް ފާހަގަވީ ކަހަލައެވެ.
ސާއިދުގެ ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް ގެންދިޔުމަށް ސާއިދު މަސައްކަތް ކުރިއެވެ. އެ ލަދުވެތިކަމުން ސާރާ ދުރަށް ގެންދިޔުމުގެ ނިޔަތުގައިވެސް މެއެވެ. ”އަހަރެން ސާރާއާއި ސުވާލެއް ކޮށްފިއްޔާ ތެދުތެދަށް ޖަވާބު ދޭނަންތަ؟“ “ އަނެއްކާ ކޮންކަހަލަ ސުވާލެއްބާ؟ ކޮށްބަލަ! ބަލާނަން ޖަވާބު ދެވޭތޯ.“ ހިތުގައި ސުވާލު މާކެއް ޖަހައިގެން ހުރެ ސާއިދު ކުރި ސުވާލަށް ސާރާ ޖަވާބު ދިނެވެ. ”ދެން އަހަރެން ޗުއްޓީއަށް ރަށަށް ދިޔައިމަ ސާރާ އަހަރެންނާ ވާހަކަ ދައްކާނަންތަ؟ ހިތުން ރުހުމުން. ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން.“ ”ކީއްވެ ވާހަކަ ނުދައްކަންވީ؟“ ސާއިދު ކުރި ސުވާލަށް އެއްވެސް ޖެހިލުމެއްނެތި ސާރާ ޖަވާބުދިނެވެ. ”އަހަރެން ސާއިދުއަށް އިންތިޒާރުވެސް ކުރާނަން.“ ސާރާ، ސާއިދުއަށް ގުޅުމުން ލިބުނު ހައިރާންކަމަށް މާބޮޑު ހައިރާންކަމެއް މިފަހަރު ލިބިއްޖެއެވެ. އެހިނދު ސާއިދު އަމިއްލަ ނަފުސާއި ސުވާލުވެސް ކުރަން ފެށިއެވެ. ސާރާއަށް އަނެއްކާ ކިހިނެއްވީ ބާއެވެ؟ އަނެއްކާ މިއީ އަހަރެންނަށް ލަނޑެއް ދިނުމަށް ރާވާ ރޭވުމެއް ނޫންބާއެވެ. އެކަމަކު ސާރާއަށް ދެރައެއް ލިބޭވަރުގެ ކަމެއް އަހަރެން ކޮށްފައެއް ނޯންނާނެއެވެ. ނޫނެކެވެ. އެއީ ކުރީގެ ބޮޑާވެރިކަން ހުންނަ ސާރާއެއް ނޫނެވެ. ފަންތިއާއި ގިންތިއަށް ބަލައިގެން ގާތްކަން ބާއްވަމުން ގެންދިޔަ ސާރާއެއް ނޫނެވެ. ހަމަ ޙަޤީޤަތުގައިވެސް ސާރާ މިހާރު ބަދަލު ވެއްޖެއެވެ. އަހަރުމެން ކަހަލަ ދެރަ ނިކަމެތި މީހުންނަކީވެސް ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން ސާރާ ދަންނާނެއެވެ. އޭނާ އަހަރެން ހިތުގައި ޖައްސާފައެއް ނުދާނެއެވެ. އެހެން ވެއްޖެނަމަ އަހަރެންނަށް ސާރާ ނުލިބިގެން ކުރަމުން އައި ފިކުރަށްވުރެ މާ ބޮޑު ހިތާމައެއް އަހަރެންނަށް ކުރަން ޖެހޭނެއެވެ. އާނއެކެވެ. އަހަރެން އުޅެން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. އެހާ އަވަހަށް އިތުބާރުކުރުންވެސް ރަނގަޅެއް ނުވާނެއެވެ. އަހަރެން އެންމެ ފުރަތަމަ ސާރާގެ އަޖުމަ ބަލާނަމެވެ. މިކަހަލަ ފިކުރުތަކެއްގައި ސާއިދު ހުއްޓާ، އޭނާ ސިއްސައިގެން ދިޔައީ އަނެއްކާވެސް ސާރާ ގޮވާލި އަޑަށެވެ. ”އޯއި، އާދެ، ލައްބަ…“ ސިއްސައިގެން ގޮސް ސާރާގެ ގޮވާލުމަށް އިޖާބަ ދެވުނީ ކިހިނެއް ކަމެއްވެސް ސާއިދުއަކަށް ނޭންގުނެވެ. ސާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަޑުގެ ކޮޅަށެވެ. ސާއިދު ރަކިވާގޮތް ވިއެވެ. ފޯނު ކަނޑާލަންވެސް ސާއިދުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ފޯނުގެ އަނެއް ފަރާތުން އިވެމުން އެދަނީ އެތައް ޒަމާނެއް ވަންދެން ސާއިދު ކެތްތެރި ކަމާއިއެކީ ކުރި އިންތިޒާރުގެ އިހުސާސް ތަކުގެ އަޑެވެ. އޭނާ ކުރަމުންދިޔަ ފޮނި އުންމީދު ތަކުގެ އަޑެވެ. އޭނާގެ މުސްތަޤުބަލު ބައްޓަން ކުރަން ދުށް ހުވަފެން ޙަޤީޤަތަށް ވެދާނެކަމުގެ އަޑެވެ. ”ސޮރީ.“ ސާއިދުއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ރައްދުގައި ސާރާ އަނގައިން ބުނަން އުޅެނިކޮން ގޭތެރެއިން އޭނާގެ މަންމަ ގޮވާލިއަޑު އިވިއްޖެއެވެ. ސާރާ ސިއްސައިގެން ގޮސް ފޯނު ކަނޑާލެވުނީއެވެ. އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލައިލާފާ ދުވެފައި ބޭރަށް ނިކުތެވެ. މަންމަ އޭނާއާއި އަރާ ހަމަކުރަން ވާއިރަށް މަންމަ ކައިރިޔަށް ދިޔުމަށް ސާރާ ގަސްތުކުރިއެވެ. ސާރާއަށް އެހެން ހެދުނީ ކީއްވެގެން ކަމެއް ޚުދު ސާރާއަކަށްވެސް ބުނާކަށް ނޭންގުނެވެ.
އަނެއްކޮޅުން ސާއިދު އުފަލުން ފޮޅެނީއެވެ. ސާރާ ކުއްލިޔަކަށް ފޯނު ކަނޑާލުމަކުން އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއްވެސް ނެތެވެ. އެހެނީ ސާރާގެ މަންމަގެ ގޮވާލުމުގެ އަޑު ސާއިދުއަށް ވެސް އިވުނެވެ. ވީއިރު އެކަން އެހެން ވާންޖެހުނު ސަބަބު ސާއިދުއަށްވެސް ވިސްނޭނެތާއެވެ. އެއާއި ޚިލާފަށް ސާއިދު ވިސްނަމުން ގެންދިޔައީ މުޅިން އެހެން ނަޒަރިއްޔާތަކުންނެވެ. އޭނާގެ އިންތިޒާރުގެ ނިމުން އައުން ގާތްވެއްޖެ ކަމުގެ ފޮނި އުންމީދު އޭނާއަށް ކުރެވެމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ޚާލިސް ހިތަކައިގެން އެދޭ އެއްވެސް އެދުމެއް ކާމިޔާބު ނުވެ ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ ސާއިދުއަށް ޤަބޫލުކުރެވޭ ގޮތެވެ. މިއަދު ސާއިދު ޑިޔުޓީއަށް އެދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ހިތްހަމަ ޖެހުމަކާއި އެކުގައެވެ. އެކަން އޭނާއާއިއކު މަސައްކަތް ކުރަން އުޅޭ އެތައް ބަޔަކު ފާހަގަވެސް ކޮށްފިއެވެ. ބައެއް މީހުން އެކަމާ ސުވާލުވެސް ކޮށްފިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ސާއިދު ގަސްތެއް ނުކުރެއެވެ. އެހެނީ، އެއީ އަދި ކުޑަކުޑަ ފެށުމެއް ކަމަށް ސާއިދުއަށް ޤަބޫލުކުރެވެއެވެ. އެހާ އަވަހަށް ހިތުގައި މާބޮޑު އުންމީދެއް އާލާކުރުމަކީ ކުއްލިޔަކަށް މާޔޫސްކަމަކަށް މަގުފަހި ވެދާނެ ކަމެއް ކަމަށްވެސް ސާއިދުގެ ހިތް ޤަބޫލުކުރެއެވެ. އޭނާގެ ވިސްނުން ހުރީ ކެތްތެރިކަން އިސްކުރާށެވެ. ވާނީވެސް އެހެންތާއެވެ. އެއީ އެތައް އަހަރެއްގެ އިންތިޒާރެކެވެ. މިހާރު މިފެންނަނީ ހުވަފެނެއް ކަމުގައި ވީނަމަވެސް، އެހާ އަވަހަށް އެ ހުވަފެނުން ހޭލެވުމަކަށްވެސް ސާއިދު ނޭދެއެވެ. އެކަން އެހެން ވެއްޖެނަމަ، ސާރާއަށް އިންތިޒާރުކޮށް އެނާގެ ފުރައްސާރަތަކަށް ކުރިމަތިލަމުން ގެންދިޔައިރު ކުރަމުންދިޔަ ހިތާމައަށްވުރެ މާ ބޮޑު ހިތާމައެއް އޭނާގެ ހިތަށް ލިބޭނެއެވެ. ދެން ދުވަހަކުވެސް ފޫނުބެއްދޭނެހާ ބޮޑަށެވެ. ސާއިދުއަށް ލެވުނީ ފުން ނޭވާއެކެވެ. އެ ހުރިހާ ޚިޔާލުތަކަކުން ނިކުތުމަށް ހިތް އެދިގެންނެވެ. އެހެނީ މީގެ ހިނދުކޮޅެއް ކުރިން ހޭދަކުރި އަގުހުރި ވަޤުތު އެހެން އެއްވެސް ނޭދެވޭ ޚިޔާލެއްގެ ސަބަބުން ހަލާކުކޮށްލަން ބޭނުން ނުވީތީއެވެ. ލޯބީގެ އިހުސާސްއަކީ ކޮން އެއްޗެއްކަން ނޭންގޭހާ ތުއްތު ދުވަސްވަރުން ފެށިގެން ދެކެމުން އަންނަ ހުވަފެނަށް އުންމީދީ ކުލަ ޖެހޭތަން ފެށީތީވެސް މެއެވެ. އެހިނދު ސާއިދުގެ މޫނުމައްޗަށް ވެރިވީ ލުއިލުއި ހިނިތުން ވުމެކެވެ.
އޭގެ އެއްހަފްތާ ފަހެވެ. ސާއިދުގެ މަންމަ ބަލިވެގެން ކުއްލި ގޮތަކަށް އޭނާއަށް ރަށަށް ދާން ޖެހުނީއެވެ. މަންމަ އޮތީ ޞިއްޙީ މަރުކަޒުގައި އެނދުމަތި ކޮށްފައެވެ. ބަލި ޙާލަތު މާބޮޑަށް ގޯސްވެގެން އަތޮޅު ހޮސްޕިޓަލަށް ގެންދަން ޖެހުނީއެވެ. އެހެންނަމަވެސް އެފަދަ ޙާލަތެއްގައިވެސް އޮތްއިރުވެސް، ސާއިދު ރަށަށް އައުމުން ނޫނީ ހޮސްޕިޓަލަށް ދިއުމަށް އޭނާގެ މަންމަ އިންކާރު ކުރަމުން ގެންދިޔައެވެ. ދެން ދުވަހަކުވެސް އޭނާގެ ލޯބިވާ ދަރިފުޅު ލޮލަށް ނުފެނި ހުރެދާނެ ކަމުގެ ބިރު ހީވާ ވާހަކަ ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. އަނެއްކޮޅުން ސާއިދުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އެހެނީ މީގެ ކުރިން އޭނާގެ މަންމަ ބަލިވެގެން ދުވަހަކުވެސް އެކަހަލަ އިލްތިމާސެއް ނުކުރާތީއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އޭނާގެ މަންމައާއި ހަމައަށް ދިޔުމަށް ސާއިދު ބޭނުންވިއެވެ. ސާއިދުއަށް ރަށަށް ދެވުމުން އޭނާގެ މަންމަ ހޮސްޕިޓަލަށް ގެންދިޔުމަށް ތައްޔާރު ވިއެވެ. ޢާއިލާގެ ގާތް މީހުން މަރުކަޒުގައި ތިއްބެވެ. ހާސްކަންމަތީގައި ހުރެ ސާއިދު ގޮސް މަރުކަޒަށް ވަނެވެ. މަންމަ ފެނުމާއިއެކު ހަމެޖެހުމުގެ ފުން ނޭވާއެއް ލިއެވެ. އެހެންނަމަވެސް މަންމަގެ ޙާލަތު އެހާ ރަނގަޅު ނޫންކަން މަންމަ ފެނުމާއިއެކީ ސާއިދުއަށް އިހުސާސް ވިއެވެ. ސާއިދުގެ ބައްޕަ އިނީ، މަރިޔަމްފުޅުގެ ކައިރީގައި ހުރި ގޮނޑީގައި އިށީންދެލައިގެންނެވެ. ޙަސަން ވަޙީދުގެ އަތް މަތީގައި މަރިޔަމްފުޅުގެ އަތް ބާއްވާލައިގެންނެވެ. ސާއިދު ފެނުމާއިއެކީ، ޑޮކްޓަރ އޭނާއަށް ގޮވާލައްވާ، ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލެއްވިއެވެ. މަންމަގެ ޙާލަތާއި ފަރުވާގެ ވާހަކަ ދައްކާލަން ބޭނުންވެ ލެއްވީތީއެވެ. އެފަދަ ގޮތަކަށް ޑޮކްޓަރ ގޮވާލެއްވުމުން ސާއިދުގެ ހިތަށް ވެރިވީ ހާސްކަމެކެވެ. ސާއިދުގެ މަންމައަކީ އަބަދުވެސް ޞިއްހީ ކަންކަމަށް ވަރަށް ސަމާލުކަންދޭ ފަރާތެކެވެ. ސާއިދުގެ އެންމެ ތުއްތު އިރުން ފެށިގެންވެސް އޭނާއާއި މެދުގައިވެސް އެކަން އޮންނަނީ އެހެންނެވެ. އެހެންނަމަވެސް ކަމެއް ވާނީ ބުނެފައެއް ނޫންތާއެވެ. އާނއެކެވެ. ސާއިދުގެ މަންމަ އެނދުމަތި ކޮށްފައި އެއޮތީ ސްޓްރޯކެއް ޖެހިގެންނެވެ. ހަމަ ކުއްލިޔަކަށެވެ. އެހެނީ އެދުވަހު ހެނދުނު ސާއިދުއާއި ގުޅައިގެން ވާހަކަ ދެއްކިއިރުވެސް ޙާލަތު މާގޯސްކަމަކަށް ނުބުނެއެވެ. އެހެންނަމަވެސް ތަންކޮޅެއް ލުއި ގޮތަކަށް ބޮލުގައި ރިއްސާ ވާހަކަ ބުނެލިއެވެ. އެކަމަކު އެއީ މާބޮޑު ކަމެއް ކަމަކަށް އެއިރަކު އޭނާއެއް ނުހަދައެވެ. އޭގެ ނަތީޖާއަކަށްވީ މިއަދު މަރިޔަމްފުޅަށް ދިމާވެފައި އެއޮތް ޙާލެވެ.
ޑޮކްޓަރުގެ ލަފާގެ މަތިން މަރިޔަމްފުޅު އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް ކުރަންހުރި ހުރިހާ ތައްޔާރީއެއް ކުރިއެވެ. އެކުގައި ދާނެ ނަރުހެއްވެސް މަރުކަޒުން ހަމަޖެއްސިއެވެ. ސާއިދުވެސް އޭނާގެ މަންމަ ގޮވައިގެން ދިޔުމަށް ތައްޔާރުވިއެވެ. މަރުކަޒުގެ އެތެރޭގެ ހަލަބޮލިކަމުގެ ތެރެއިން ސާއިދުގެ ނަޒަރު ކއްލިޔަކަށް ވަކި ދިމާއަކަށް ހުއްޓުނެވެ. އޭނާއަށް ސާރާ ފެނުނުހެން ހީވެގެންނެވެ. ރަނގަޅަށް ހަމަޖެހިލާފައި ބަލައިލިއިރު، އެކުގައި ތިބި ދެތިން މީހުންގެ ތެރޭގައި ސާރާ ހުއްޓެވެ. ސާއިދު ދެކޮޅު ހޯދާ ބަލައިލީ، ސާރާއާއި ގުޅުމެއް އޮތް މީހަކު އެތަނުގައި އެނދުމަތި ކޮށްފައި އޮތްތޯއެވެ. އެހެނީ އެފަދަ ވަޤުތެއްގައި ޞިއްޙީ މަރުކަޒަށް ސާރާ އަންނާނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން ކަމުގައި ސާއިދުއަށް ވިސްނުނީތީއެވެ. އާނއެކެވެ. ސާއިދުގެ މަންމަ ބާއްވާފައި އޮތް އެނދާއި ޖެހިގެން އެއް އެނދު ދޫކޮށްފައި ހުރި އެނދުގައި، ސާރާގެ ބައްޕަ، މުހަންމަދު ޝަރީފު އެނދުމަތި ކޮށްފައި އޮތެވެ. ސާއިދު މަޑުމަޑުން ސާރާގެ ބައްޕަގެ އެނދާއި ކައިރިވެލިއެވެ. ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. ވަރަށް މަޑުމައިތިރި ކަމާއއިއެކީ ސާރާގެ ބައްޕައަށް ގޮވާލިއެވެ. ”ޝަރީފްބޭ، ކިހިނެއްވީތޯ؟“ މުހަންމަދު ޝަރީފް މަޑުމަޑުން ލޯ ހުޅުވާލާފައި، އޭނާއަށް ގޮވާލީ ކާކުތޯ ބަލައިލިއެވެ. ސާއިދުގެ ސުވާލަށް ޖަވާބެއް ލިބޭނެކަމުގެ އުންމީދެއްވެސް އޭނާއެއް ނުކުރެއެވެ. އެހެންނަމަވެސް އިންސާނިއްތަށްޓަކާ އަދި ސާރާގެ ބައްޕައަށްވީތީ ޙާޅު ބަލައިލަން އޭނާގެ ހިތް މަޖުބޫރުވެސް ކުރުވީއެވެ. ”ކޮން ކުއްޖެއް. ޙަސަން ވަޙީދުގެ ސާއިދު ދޯ!“ ސާއިދު ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި ޖަވާބުދޭން ގަސްތު ކުރިއެވެ. އެހެނީ މުހަންމަދު ޝަރީފުގެ ފަރާތުން ރައްދު އައިގޮތުން އޭނާ ނުރުހުމެއް ނުދައްކާކަން ސާއިދުއަށް އެނގުނެވެ. ”ލައްބަ، މީ އަޅުގަނޑު، ސާއިދު.“ އެވަޤުތު ގައިގާ އަޅާފައި އޮތް ރަޖާގަނޑު ރަނގަޅު ކޮށްލަމުން މުހަންމަދު ޝަރީފު ވާހަކަ ދައްކަން ފެށިއެވެ. “ އަނެއްހެން މާބޮޑު ކަމެއް ނުވޭ. ކުޑަކޮން ރޯގާޖެހިލާފައި ހުންކޮޅެއް އައީ.“ ”ޝަރީފުބެއަށް އަވަސް ޝިފާއަކަށް އެދެން.“ ސާއިދު، މުހަންމަދު ޝަރީފާއި ވާހަކަ ދައްކަން އޭނާގެ އެނދުގެ ފައިލާކޮޅުގައި ހުއްޓި ހުރި މަންޒަރު ތަންކޮޅެއް ދުރުގައި ހުރި ސާރާގެ ލޮލުގައި އަޅައިގަތެވެ. އެހިނދު އެމީހުން އެދައްކަނީ ކޮންވާހަކައެއްތޯ ބަލަން ސާރާ ބޭނުންވިއެވެ. އެހެނީ ސާރާގެ ހިތުގައި އޮތީ ކޮންމެވެސް އެހެންކަހަލަ ބިރުވެރި ކަމެކެވެ. އެ ވިސްނުމާއިއެކު ސާރާ އަވަސްވެގަތީ އޭނާގެ ބައްޕަ ކައިރިޔަށް ދިޔުމަށެވެ. ހަލުވި ހިނގުމެއްގައި ހިނގާލާފައި އެހިސާބަށް އަރާ ހަމަކޮށްލިއެވެ. ސާއިދުގެ މޭ ބާރަށް ތެޅެން ފެށިއެވެ. އެހެނީ އޭނާއާއި އެތައް އިރެއް ވާހަކަ ދެއްކިތާ އަދި ސައްވީސް ގަޑިއިރުވެސް ނުވެއެވެ. އެހެންނަމަވެސް އެއީ ކުރިމަތީގައި ހުރެގެންނެއް ނޫންތާއެވެ. ކުރިމައްޗަށް އެރުމުން އަނގައިން ބުނާނީ ކިހިނެއްބާއޭ ސާއިދުގެ ހިތަށް އަރަމުން ދިޔައެވެ. ފޯނުން ވާހަކަ ދެއްކިއިރު ހުރި ގާތްކަމާއި އޯގާތެރިކަން މިވަޤުތު ނުދެއްކޭނެކަން ސާއިދުއަށް އެނގިހުރެވެސް މެއެވެ. ސާރާ އައިސް ސާއިދުއާއި ވަރަށް ގާތުގައި މަޑުކޮށްލިއެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ގޮތަކަށް ސާރާ، ސާއިދުގެ ކައިރިޔަކު ނުހުރެއެވެ. ސާއިދައަށް ހަދާނެގޮތް ހުސްވިތަނުގައި އެނދުމަތި ކޮށްފައި އޮތް އޭނާގެ މަންމަ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.
ނުނިމޭ –





