އިބުނު ޒިޔާދާ ދެކޮޅަށް ޙަޟުރަތު ޢަބުދު الله ބިން ޢަފީފް އަޒުދީގެ ހިތްވަރުގަދަ އިޙުތިޖާޖު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 30, 2026

އިބުނު ޒިޔާދާ ދެކޮޅަށް ޙަޟުރަތު ޢަބުދު الله ބިން ޢަފީފް އަޒުދީގެ ހިތްވަރުގަދަ އިޙުތިޖާޖު.

ޙަޟުރަތު ޢަބުދު الله ބިން ޢަފީފު އަޒުދީއަކީ، އަމީރުލް މުއުމިނީން ޙަޟުރަތު ޢަލީ رضي الله عنه ގެ ވަފާތެރި، އެކުވެރިއެއްގެ ގޮތުގައި ބެލެވޭ ބޭކަލެކެވެ. ޖަމަލު ހަނގުރާމައިގައި އެއް ލޯފުޅު، އަދި ސިއްފީނު ހަނގުރާމައިގައި އަނެއް ލޯފުޅު، الله އަށްޓަކައި ޤުރުބާން ކޮށްލެއްވިއެވެ. ދެލޯފުޅުގެ ފެނުން ގެއްލި ވަޑައިގަތް ކަމުގައިވީ ނަމަވެސް، އޭނާގެ ތެދުވެރިކަމާއި، ޒުހުދުވެރިކަމާއި، ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އާންމުގޮތެއްގައި، ކޫފާގެ ބޮޑު މިސްކިތުގައި ނަމާދާއި، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ.

ކަރުބަލާގެ ޙާދިސާއަށްފަހު، އަޙުލުބައިތުންގެ ޤާފިލާތަކާއި ކަރުބަލާގެ ޝަހީދުންގެ މުޤައްދަސް އިސްތަށިފުޅުތައް ކޫފާއަށް ގެނައުމުން، ޢުބައިދު الله ބިން ޒިޔާދު، ކޫފާގެ މިސްކިތުގައި ވާހަކަ ދައްކަމުން ކުފުރުވެރި ގޮތެއްގައި ބުންޏެވެ.

”ހުރިހާ ޙަމުދެއް ހުރީ الله އަށެވެ. އެކަލާނގެއީ، ދޮގުވެރިއެއްގެ ދަރިއެއް ކަމަށްވާ ދޮގުވެރި ޙުސައިންއާއި އޭނާގެ ބައިވެރިން ޤަތުލުކުރެއްވެވި އިލާހެވެ.“»»

މި ބަސްތައް އަޑުއިވުމާއެކު، ޙަޟުރަތު ޢަބުދު الله ބިން ޢަފީފު رحمه الله އީމާންކަމުގެ ޖޯޝުގައި ތެދުވެވަޑައިގެން އިބުނު ޒިޔާދަށް ގޮންޖައްސަވަމުން ވިދާޅުވިއެވެ.

”އޭ އިބުނު މަރުޖާނެވެ! ދޮގުވެރިއަކީ ކަލެއާ، ކަލޭގެ ބައްޕައެވެ. އަދި، ދޮގުވެރިއަކީ ކަލޭ ތި މަޤާމަށް އައްޔަންކުރި މީހާއެވެ. އޭ އިބުނު މަރުޖާނެވެ! ކަލޭ ނަބިއްޔާގެ އާލުން ޤަތުލުކުރުމަށްފަހުވެސް ތެދުވެރިއަކަށް ވެގެން ވާހަކަ ދައްކަނީ ހެއްޔެވެ؟“»

އެ ބަސްތައް އަޑުއިވުމުން އިބުނު ޒިޔާދު ރުޅިގަދަވެ، ވަގުތުން އޭނާ ހައްޔަރުކުރުމަށް އަމުރުކުރިއެވެ.

ޙަޟުރަތު ޢަބުދު الله ބިން ޢަފީފް رحمه الله ވަގުތުން އޭނާގެ އަޒުދު ޤަބީލާގެ ޝިޢާރު މަތިވެރި ކުރެއްވެވިއެވެ. ”މަބުރޫރު ޔާ މަބުރޫރު!“ އެ އަޑު އިވުމުން އަޒުދު ޤަބީލާގެ ހަތްސަތޭކައެއްހާ މީހުން ތެދުވިއެވެ. އަދި، އިބުނު ޒިޔާދުގެ ސިފައިންނަށް ޙަމަލާދީ، ޢަބުދު الله ބިން ޢަފީފު އެމީހުންގެ އަތްދަށުން މިނިވަންކޮށް، ސަލާމަތުން އޭނާ ގެކޮޅަށް އަނބުރާ ގެންދެވިއެވެ.

އެ ޙާދިސާގެ ސަބަބުން އިބުނު ޒިޔާދު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ވަގުތުން ގަވަރުނަރުގެ ގަނޑުވަރަށް ގޮސް، އޭނާގެ އަސްކަރީ ކޮމާންޑަރުންނާއި، މުޝީރުންނާއި އުމަވީންނަށް ތާއީދުކުރާ ޤަބީލާތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވައި ބުންޏެވެ.

”އެމީހުން ކުރި ކަންތައްތައް ކަލޭމެންނަށް ފެނުނުތަ؟“

އެ އެންމެން އެއްއަޑަކުން އާނއެކޭ ޖަވާބު ދިނެވެ.

އަދި، ޢަބުދު الله ބިން ޢަފީފު ހައްޔަރުކުރުމަށް ޔަމަނުގެ ޤަބީލާތަކުގެ ސިފައިން ފޮނުވުމަށް އަމުރުކުރިއެވެ.

އެވަގުތު ޢަމުރު ބިން ޙައްޖާޖު، މިސްކިތުގައި ތިބި އަޒުދު ޤަބީލާގެ މެންބަރުން ފުރަތަމަ ހައްޔަރުކުރުމަށާއި، އޭރުން އެ ޤަބީލާގެ ބާކީ ތިބި މީހުންނަށް، އެމީހުންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްނުދެވޭނޭ ކަމަށް ލަފާ ދިނެވެ. އެގޮތުން ޢަބުދުއްރަޙުމާން ބިން މުޙުނަފާއި އިތުރު ބައެއް މީހުން ހައްޔަރުކުރިއެވެ.

އެއަށްފަހު އުމަވީ ސިފައިން އެނބުރުނީ އަޒުދު ޤަބީލާގެ އަވަށްތަކާ ދިމާއަށެވެ. އެދުވަހު، ކޫފާގެ މަގުތައް ހީވަނީ ހަނގުރާމައިގެ މައިދާނެއް ހެންނެވެ. އަޒުދު ޤަބީލާއާއި، ޔަމަނުގެ ޤަބީލާތަކުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށުނެވެ. ޔަމަނުގެ ބައެއް ޤަބީލާތަކުން ވެސް އަހުލުބައިތުންނަށް ތާއީދުކުރާ މީހުންނާ ގުޅުނުއިރު، ޢަދުނާނުގެ ބައެއް ޤަބީލާތަކުންވެސް ޢަބުދު الله ބިން ޢަފީފު رحمه الله އަށް ތާއީދުކުރިއެވެ. އަދި، މުޅި ކޫފާ ދާޚިލީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެން ދިޔައެވެ.

ހަނގުރާމައިގެ ޙާލަތާ ބެހޭ ގޮތުން އިބުނު ޒިޔާދު ސުވާލު ކުރުމުން، އޭނާ ފޮނުވި ޤާޞިދު އެނބުރި އައިސް ބުންޏެވެ.

”އޭ އަމީރެވެ! ތިބާ، އަހުރެމެން ފޮނުވީ ބަލިކަށި ޤައުމަކާ ދެކޮޅަކަށް ނޫނެވެ. އަޒުދު ޤަބީލާގެ ހިތްވަރުގަދަ ސިންގާތަކާ ދެކޮޅަށެވެ. އެއީ ފަސޭހައިން ބަލިކޮށްލެވޭނެ ބައެއް ނޫނެވެ.“

އެ ވަރުގަދަ ހަނގުރާމައިގައި ދެފަރާތުންވެސް އެތައް ބަޔަކު މަރުވިއެވެ. އެންމެ ފަހުން އުމަވީ ސިފައިން ހަޟުރަތު ޢަބުދު الله ބިން ޢަފީފު رحمه الله ގެ ގެކޮޅު ޙިޞާރުކުރިއެވެ.

އެހިސާބުން އޭނާގެ އަންހެން ދަރިކަނބަލުން ލޯފަން ބައްޕާފުޅުގެ އަތްޕުޅަށް ކަނޑިއެއް ދެއްވިއެވެ. ޙަޟުރަތު ޢަބުދު الله ބިން ޢަފީފު رحمه الله ދުޝްމަނުންގެ ކުރިމަތީގައި އެކަނި ހުއްޓިވަޑައިގެން ވަރަށް ހިތްވަރާއެކު ހަނގުރާމަ ކުރެއްވިއެވެ. ނަމަވެސް ހުރިހާ ފަރާތަކުން އުމަވީ ސިފައިން އޭނާ ވަށާލައި ހައްޔަރުކުރިއެވެ.

އޭނާ ހައްޔަރުކުރެއްވި ވަގުތު އޭނާ މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ. ”الله ގަންދީ ބުނަމެވެ! އަހުރެންގެ ލޮލުގެ ފެނުން ދެމިއޮތްނަމަ، އަހުރެންގެ ކަނޑިން ކަލޭމެންނަށް ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި، ހުރިހާ މަގެއް ކަލޭމެންގެ މައްޗަށް ދަތިވީހެވެ.“

އިބުނު ޒިޔާދުގެ ކުރިމައްޗަށް އޭނާ ގެންދެވުމުން، އިބުނު ޒިޔާދު ސުވާލުކުރިއެވެ.

”އުޘްމާނާ މެދު ކަލޭގެ ރައުޔަކީ ކޮބާ ހެއްޔެވެ؟“

ޙަޟުރަތު ޢަބުދު الله ބިން ޢަފީފު ވަރަށް އިޙުތިރާމާއެކު ޖަވާބު ދެއްވިއެވެ.

”އުޘްމާނު رضي الله عنه އަކީ އިންސާނެކެވެ. އެކަލޭގެފާނަށްވެސް ހެޔޮ ކަންތައްތަކާއި، ބައެއް އުނިކަންތައްތައް ކުރެއްވުނެވެ. އަޅުތަކުންގެ މެދުގައި ޙުކުމް ކުރައްވާނީ ހަމައެކަނި الله ތަޢާލާއެވެ. އެކަމަކު، އަހުރެންނާ ސުވާލުކުރަން ޖެހޭނަމަ ކަލޭގެ ނަފުސާއި، ކަލޭގެ ބައްޕައާއި، ޔަޒީދާއި، އަދި އޭނާގެ ބައްޕައާއި ބެހޭގޮތުން ސުވާލު ކުރާށެވެ.“

އިބުނު ޒިޔާދު ރުޅިވެރިކަމާއެކު ބުންޏެވެ. ”ކަލޭ ޤަތުލުނުކޮށް އިތުރު އެއްވެސް ސުވާލެއް ނުކުރާނަމެވެ!“

ޙަޟުރަތު ޢަބުދު الله ބިން ޢަފީފު رحمه الله ހިނިފުޅުވަޑުމުން ވިދާޅުވިއެވެ. ”ކަލޭގެ މަންމަ، ކަލޭ ވިހެއުމުގެ މާކުރިންވެސް އަހުރެން ދިޔައީ ޝަހީދުވުމަށް އެދި الله ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުންނެވެ. އަދި، الله ގެ ޙަޟުރަތުގައި އެންމެ ނުބައި އަދި އެންމެ ނަފުރަތު ކުރެވޭ ދުޝްމަނެއްގެ އަތުން ޝަހީދުވުން އެދި އަހުރެން ދެންނެވީމެވެ. އަހުރެންގެ ލޮލުގެ ފެނުން ގެއްލުމުން އަހުރެން ހީކުރީ، އަހުރެންގެ އެ އެދުން ފުރިހަމަ ނުވާނެ ކަމަށެވެ. الحمد لله! އަހުރެންގެ މާޔޫސްކަން، الله އުއްމީދަށް ބަދަލުކުރައްވައިފިއެވެ. އަހުރެންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އަދި ޝަހީދުވުމުގެ މަތިވެރި ނިޢުމަތް އަހުރެންނަށް މިންވަރުކޮށް ދެއްވައިފިއެވެ.“

އެ އަޑު އިވުމުން އިބުނު ޒިޔާދު ވަގުތުން އޭނާ ޤަތުލުކޮށްލުމަށް އަމުރު ކުރިއެވެ. އަދި، ޙަޟުރަތު ޢަބުދު الله ބިން ޢަފީފު އަޒުދީ رحمه الله ގެ އިސްތަށިފުޅު ހަށިކޮޅާއި ވަކިކޮށްލެވުނެވެ. އެއަށްފަހު އޭނާގެ ހަށިކޮޅު ކޫފާގެ ސަބުޚާގައި އެލުވާފައި ބެހެއްޓިއެވެ.

ލޯފަން ބޭކަލެއް ކަމުގައި ވިޔަސް، ބާޠިލުގެ ކުރިމަތީގައި ޙަޟުރަތު ޢަބުދު الله ބިން ޢަފީފު އަޒުދީ رحمه الله އިސްތަށިފުޅު ގުދެއް ނުކުރައްވަވައެވެ. އިބުނު ޒިޔާދު ފަދަ އަނިޔާވެރިއެއްގެ ދަރުބާރުގައި ޙައްޤު ބަސް ވިދާޅުވެ، އަޙުލުބައިތުންގެ ޙައްޤުގައި ވަކާލާތުކުރައްވައި، އަހުލުބައިތުންގެ ލޯބީގައި ޝަހީދުވުމުގެ މަތިވެރި މަޤާމު ޙާޞިލު ކުރެއްވިއެވެ. މާތް الله، ޙަޟުރަތު ޢަބުދު الله ބިން ޢަފީފު އަޒުދީ رحمه الله ގެ މައްޗަށް ގުނާ ޢަދަދު ނުކުރެވޭނޭ ނިޢުމަތްތައް މިންވަރުކޮށް ދެއްވާށި. އާމީން.

ވާސިލުވި މަރުޖިޢުތަކާއި މަސްދަރުތައް:

1. އަލްބިލާޒަރީ، އަންސާބު އަލް އަޝްރާފު، ވޮލިއުމް 3، ސަފުޙާ ނަންބަރު 210.

2. އަލްޚުވާރިޒުމީ، މަޤުތަލް އަލް އިމާމް އަލް ޙުސައިން، ވޮލިއުމް 2، ޞަފުޙާ ނަންބަރު 59-60.

3. އިބުނު ޙަބީބު، އަލް މުޙައްބާރު، ސ. 480ރ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *